ތޮއްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
20 ސެޕްޓެމްބަރު 2026 | އާދީއްތަ 04:52އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިތުރުވުމާ ގުޅިގެން އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައި. ޖުމްލަ 507 މީހުން ބަލައި ފާސްކުރި މި އޮޕަރޭޝަން ހިންގާފައިވާއިރު، ރާއްޖޭގެ ކުދި ވިޔަފާރިތަކުގައި ބިދޭސީން ނުފޫޒު ފަތުރަމުންދާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި


ތޮއްޑޫގައި މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި | އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާތީ އއ. ތޮއްޑޫގައި މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ތޮއްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަމަށާއި، އާންމުންގެ ގިނަ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށް އިމިގްރޭޝަނުން ފާހަގަކުރެ އެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަންގެ ޓާސްކްފޯސްއިން ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. އަދި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި މީހުންގެ ތެރެއިން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިފަދަ އޮޕަރޭޝަންތައް ހިންގަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރަމުންދާ މައްސަލަ އާއި، ހަމައެއް ލަމައެއް ނެތި އުޅޭ ބިދޭސީންގެ އަދަދު އިތުރު ވަމުންދާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










