އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ
11 ސެޕްޓެމްބަރު 2026 | ހުކުރު 16:16މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމެރިކާގެ އިސް އޮފިޝަލުން އިއުތިރާފުވެއްޖެ. މި ހަމަލާތަކުގައި ބަހްރައިން އާއި އުރުދުންގައި ހުރި މަރުކަޒުތަކުގެ އިތުރުން ގިނަ އަދަދެއްގެ ހަނގުރާމަމަތީ ބޯޓުތަކަށް ގެއްލުންވެފައިވާއިރު، މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް

އުރުދުންގެ އަޒްރާގްގައި ހުންނަ މުވާފަގް ސަލްތީ އެއާ ބޭސްގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި "ފެލްކަން އެއާ މީޓް" ތަމްރީނު ހަރަކާތެއްގައި ބައިވެރިވުމަށް، އެމެރިކާގެ ވަރޖިނިއާ ބީޗްގެ ނޭވަލް އެއާ ސްޓޭޝަން އޯޝިއާނާއަށް ނިސްބަތްވާ ޔޫއެސް ނޭވީގެ އެފް-18 ސުޕަ ހޯނެޓް މަތިންދާބޯޓެއް އުދުއްސާލަނީ | އެލަމީ
ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް، ފާއިތުވި މަސްތަކުގައި އީރާނާއެކު ހިނގި ކުރިމަތިލުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ. މިއާއެކު، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މައި މަރުކަޒާ މެދު އަމަލުކުރާނެ ގޮތަކާ މެދު ވޮޝިންޓަނުން މިހާރު ދަނީ ގޮތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
"އެމީހުން ބަހްރައިން އެއްކޮށް ސުންނާފަތިކޮށްލައިފި،" ބުދަ ދުވަހު 'ދަ އެޕޮކް ޓައިމްސް' އަށް ދެއްވި އިންޓަވިއުއެއްގައި ހަންގް ކާއޯ ވިދާޅުވި އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ހަ މަސް ފާއިތުވެފައިވާއިރު، ގަލްފުގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، މިއީ އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒަކަށް ލިބުނު ގެއްލުންތަކަށް އެމެރިކާގެ އިސް އޮފިޝަލަކު އިއުތިރާފުވި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒަށް ލިބުނު ގެއްލުންތަކަށް ކާއޯ އިއުތިރާފުވުމާ ގުޅިގެން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، "ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯގެ ތެދުވެރިކަމަށް ޝުކުރު އަދާކުރާ" ކަމަށެވެ.
އަރަގްޗީ އިތުރަށް ވިދާޅުވީ، "އީރާނުގެ ވަރުގަދަ ސިފައިން ވަނީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައި މަރުކަޒާއި، އެމެރިކާގެ އުދުވާނަށް އެހީތެރިވާ އެހެނިހެން މަރުކަޒުތައް ހަގީގަތުގައިވެސް ސުންނާފަތިކޮށްލާފައި" ކަމަށެވެ.
މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ތަކުރާރުކޮށް ހަމަލާދެމުންދާތީ، އެ ތަންތަން ދެން އިތުރަށް ދެމެހެއްޓިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އަންގާރަ ދުވަހުގެ ރޭ އީރާނުން ދިން ހަމަލާތަކުގައި އުރުދުންގައި ހުންނަ 'އަލް-އަޒްރަގް' ބޭސްގެ ނަމުން މަޝްހޫރު މުވައްފަގު ސަލްތީ އެއާ ބޭސްއަށް ވެސް ވަނީ ހަމަލާދީ، އެމެރިކާގެ އަސްކަރީ ބައެއް ބޯޓުތަކަށް ގެއްލުން ދީފަ އެވެ.
ބަހްރައިންގައި ހުންނަ އެމެރިކާގެ މަރުކަޒަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެނގެނީ ކޮން ކަންތައްތަކެއް؟
އާންމުކޮށް ލިބެން ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކުގައި، ބަހްރައިންގައި ހުންނަ އެމެރިކާގެ 'ނޭވަލް ސަޕޯޓް އެކްޓިވިޓީ' (އެން.އެސް.އޭ) މަރުކަޒަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފެބްރުއަރީ މަހާއި ޖޫން މަހާ ދެމެދު އެ މަރުކަޒަށް ވަނީ ތަކުރާރުކޮށް ހަމަލާދީފަ އެވެ.
ސެޓެލައިޓް ފޮޓޯތަކާއި ސޯޝަލް މީޑިއާގެ ވީޑިއޯތައް ދިރާސާކޮށް، އަސްކަރިއްޔާގައި މަސައްކަތްކުރާ މީހުންނާ އިންޓަވިއުކޮށްގެން 'ވޯލް ސްޓްރީޓް ޖާނަލް' އިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގައި ލިބުނު ބޮޑެތި ގެއްލުންތައް ޕެންޓަގަނުން ވަގުތުން ހާމަކޮށްފައި ނުވާ ކަމަށެވެ.
އެ ތަހުގީގުން ހާމަވި ގޮތުގައި، އެ މަރުކަޒުގެ ކޮމާންޑް ސެންޓަރަށާއި އެ ތަނުގައި ހުރި މަދުވެގެން 12 އިމާރާތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
ކާއޯ ވިދާޅުވީ އެ މަރުކަޒު މަރާމާތު ކުރާނީތޯ ނުވަތަ ދެން ހަދާނެ ގޮތަކާ މެދު ނޭވީން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. "އެކަން ދިރާސާކުރުމަށް އަޅުގަނޑު ވާނީ ޓާސްކް ފޯހެއް އެކުލަވާލާފައި،" އޭނާ 'ދަ އެޕޮކް ޓައިމްސް' އަށް ވިދާޅުވި އެވެ.
ނޭވީގެ އެންމެ އިސް އޮފިސަރު އެޑްމިރަލް ޑެރީލް ކޯޑްލް މި މަހުގެ ކުރީކޮޅު ވިދާޅުވީ، ބަހްރައިންގެ އެން.އެސް.އޭ މަރުކަޒަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން، "މާ ކައިރި މުސްތަގުބަލެއްގައި" އެ ތަނުގެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ކާއޯ އިތުރަށް ވިދާޅުވީ، އެ މަރުކަޒަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' މަނަވަރުގެ އޮޕަރޭޝަންތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ. އެގޮތުން، އެ މަނަވަރު ބަނދަރުކުރާނެ ތަނެއް ނެތުމުގެ ދަތިކަން ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެދުއިރުމަތީގައި ގާތްގަނޑަކަށް ނުވަ މަސް ދުވަހުގެ ދިގު މުއްދަތަކަށް 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' އޮޕަރޭޝަންގައި އޮތުމުގެ ސަބަބުން، އޭގެ ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކޮށް، ބައެއް ފަޅުވެރިން މަނަވަރުން މޫދަށް ފުންމާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ މަނަވަރު މި މަހުގެ ކުރީކޮޅު ވަނީ ތައިލެންޑުގެ ލާމް ޗަބަންގް ބަނދަރަށް ކައިރިކޮށްފަ އެވެ.
އެން.އެސް.އޭ ބަހްރައިން އަކީ ކޮބައި؟
ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ކުރިން، ބަހްރައިންގެ އެން.އެސް.އޭ މަރުކަޒަކީ އެމެރިކާގެ ފިފްތް ފްލީޓާއި 'ޔޫ.އެސް ނޭވަލް ފޯސަސް ސެންޓްރަލް ކޮމާންޑް' (ނެވްސެންޓް) ގެ މައި މަރުކަޒެވެ. މިއީ މެދުއިރުމަތީގައި އެމެރިކާގެ ނޭވީން ކުރިއަށްގެންދާ ލޮޖިސްޓިކްސް މަސައްކަތްތަކުގެ މައި ހަބެވެ.
ބަހްރައިންގެ ވެރިރަށް މަނާމާއާ ކައިރީގައި އޮންނަ ޖުފެއިރުގައި ހުންނަ މި މަރުކަޒަކީ، އެމެރިކާގެ ކަނޑުގެ އަސްކަރީ އޮޕަރޭޝަންތަކުގެ "މައި ނާރު" ކަމަށް އެމެރިކާގެ ނޫސްތަކުން ސިފަކުރެ އެވެ.
އެ މަރުކަޒުގެ ވެބްސައިޓުގައިވާ ގޮތުން، އެން.އެސް.އޭ ބަހްރައިން އިން ދަނީ ކަނޑުމަތީގައިވާ އުޅަނދުފަހަރަށާއި، ސަރަހައްދުގެ އެކި ހިސާބުތަކުގައިވާ މަރުކަޒުތަކުގެ އިތުރުން، ބަހްރައިންގައި ދިރިއުޅޭ އެމެރިކާގެ އަސްކަރީ އަދި މަދަނީ މުވައްޒަފުންނަށް ބޭނުންވާ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައިގަނެ އެ ގައުމު ހިފުމަށް ހިންގި އޮޕަރޭޝަންތަކުގައި ވެސް މި މަރުކަޒަކީ އެ ސަރަހައްދުގައި އެމެރިކާގެ ނޭވީން ބޭނުންކުރި އެންމެ މުހިންމު ބޭހެވެ.
އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަށް ވީ ކިހިނެއް؟
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ އެމީހުން ވަނީ އުރުދުންގެ އަލް-އަޒްރަގް ބޭސްގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް "ފަނާކުރަނިވި" މިސައިލް ހަމަލާތަކެއް ދީފަ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވަނީ، އެ މިސައިލްތައް އަމާޒުވީ އެފް-35، އެފް-16 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް މަރާމާތުކޮށް ތައްޔާރުކުރާ ތަންތަނަށާއި އެ ބޯޓުތައް ބަހައްޓާފައި ހުރި ހޭންގަރުތަކަށް ކަމަށެވެ. އަދި މި ހަމަލާތަކުގައި އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އުރުދުންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، ބާކީ ދެ މިސައިލް ވެއްޓުނީ މީހުން ނޫޅޭ ހުސް ސަރަހައްދަކަށް ކަމަށެވެ. އެމެރިކާގެ ވައިގެ ދިފާއީ މިސައިލްތައް ހުސްވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދަނިކޮށް، މި ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން 30 ޕެޓްރިއަޓް މިސައިލް ބޭނުންކުރި ކަމަށްވެ އެވެ.
އެހެންނަމަވެސް، ސީ.ބީ.އެސް ނިއުސް އިން ރިޕޯޓްކުރި ގޮތުގައި މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ބައެއް ބޯޓުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭގެ ތެރޭގައި 'ވޯޓްހޮގް' ގެ ނަމުން މަޝްހޫރު އޭ-10 ތަންޑަރބޯލްޓް މަރުކާގެ ބޯޓަކަށް ހަމަލާ އަމާޒުވެ، އޭގެ ފިޔަގަނޑެއް ވަނީ ވަކިވެފަ އެވެ.
މީގެ އިތުރުން، އެފް-15 މަރުކާގެ އަށް ބޯޓަކަށް ކުދިކުދި ގެއްލުންތައް ލިބުނު ނަމަވެސް، އެ ބޯޓުތައް މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ސީ.ބީ.އެސް އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެ އެވެ.
އުރުދުންގައި ހުންނަ މަރުކަޒަށް އީރާނުން މި ހަމަލާ ދިނީ، ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އޮތް އެމެރިކާގެ މަނަވަރަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ފަސް ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ.
އުރުދުންގެ މަރުކަޒަކީ އެމެރިކާއަށް ކިހާ މުހިންމު ތަނެއް؟
އަލް-އަޒްރަގް ކައިރީގައި ހުންނަ މުވައްފަގު ސަލްތީ އެއާ ބޭސް ހުންނަނީ އުރުދުންގެ ވެރިރަށް އައްމާންގެ އިރުއުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގަ އެވެ. މި މަރުކަޒަށް ނަން ދީފައިވަނީ 1966 ވަނަ އަހަރު އިސްރާއީލާއެކު ހިނގި ކުރިމަތިލުމެއްގައި ޝަހީދުވި އުރުދުންގެ ޕައިލެޓެއް ކަމަށްވާ ލެފްޓިނަންޓް މުވައްފަގު ސަލްތީގެ ހަނދާނުގަ އެވެ.

އުރުދުންގެ އަލް-އަޒްރަގްގައި ހުންނަ މުވައްފަގް ސަލްތީ އެއާ ބޭސްގައި އެފް-15އީ މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކާއި، އޭ-10 ތަންޑަބޯލްޓް އަދި ސީ-130 ހަރކިއުލިސް މަރުކާގެ މަތިންދާބޯޓުތައް އޮތް މަންޒަރު. | ރޮއިޓާސް
ދެ ރަންވޭ އޮންނަ މި ބޮޑު މަރުކަޒަކީ އެމެރިކާއަށް ވަރަށް މުހިންމު ތަނެކެވެ. ހަމައެހެންމެ، މިއީ އީރާނުގެ މައިގަނޑު އަމާޒެއް ވެސް މެއެވެ.
މާޗް މަހާއި ސެޕްޓެމްބަރު މަހާ ދެމެދު އަލް-އަޒްރަގް ބޭސްއަށް 10 ފަހަރަށް ވުރެ ގިނައިން ހަމަލާދީފައިވާ ކަމަށް ތެހެރާނުން ދައުވާކުރެއެވެ. ޖޫން 10 ވަނަ ދުވަހު އައި.އާރު.ޖީ.ސީ އިން ބުނީ، ދުރު ރާސްތާ މިސައިލް ބޭނުންކޮށްގެން އެ މަރުކަޒުގެ ކޮމާންޑް ސެންޓަރުތަކާއި ހޭންގަރުތައް ހިމެނޭހެން ބައެއް ތަންތަން ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އޭރު އެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހުރިހާ ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
އޭގެ ފަހުން އައި ހަފުތާތަކުގައި ވެސް، އަލް-އަޒްރަގް ބޭސްއަށް ތަކުރާރުކޮށް ހަމަލާދީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އީރާނުން ބުނަމުންދިޔަ އެވެ.
ޖުލައި 17 ވަނަ ދުވަހު އީރާނުން ބުނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އެ މަރުކަޒުގައި ހުރި އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ހަމަލާދީ، ތެޔޮ އަޅާ ބޯޓުތަކާއި ހަނގުރާމަމަތީ ބޯޓުތަކެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، އީރާނުގެ އެ ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވެ، ހަތަރު މީހަކު ޒަޚަމްވިއެވެ. އަދި އެކަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ބުންޏެވެ.
މެދުއިރުމަތީގައި އެމެރިކާގެ އެހެން ވަސީލަތްތަކަށްވެސް ގެއްލުން ލިބުނު
އެމެރިކާގެ ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ މޭ މަހުގެ ރިޕޯޓެއް ބުނާ ގޮތުގައި، އޭރުގެ ނިޔަލަށް އެމެރިކާގެ އަސްކަރީ 42 ބޯޓެއް ވަނީ ހަލާކުވެ ނުވަތަ ގެއްލުން ލިބިފަ އެވެ.
ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު ހަނގުރާމަ ފެށުނު ފަހުން، އެމެރިކާގެ 18 ސިފައިން މަރުވެ، 800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
ހަނގުރާމަ ފެށުނީއްސުރެ އީރާނުން ދަނީ މެދުއިރުމަތީގެ އަށް ގައުމެއްގައި ހުރި އެމެރިކާގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ބިމަކީ ދެން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް "އަމާން ތަނެއް" ނޫން ކަމަށެވެ.
ޖޫން މަހު ބީ.ބީ.ސީ އިން ދިރާސާކުރި ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެމެރިކާގެ މަދުވެގެން 20 އަސްކަރީ މަރުކަޒަކަށް ގެއްލުން ދީފަ އެވެ. މީގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވާ ކަމަށް ބެލެވެ އެވެ.
ބީ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްގައި ހުރި އެމެރިކާގެ ތެޔޮ އަޅާ ބޯޓުތަކާއި ޖާސޫސީ ބޯޓުތަކަށް އީރާނުން ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. މީގެ އިތުރުން ކުވެއިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އާއި ކޭމްޕް އަރިފްޖާންގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށާއި، ބޯޓުތައް ބަހައްޓާ ހޭންގަރުތަކުގެ އިތުރުން ސިފައިން ތިބޭ ތަންތަނަށް ވެސް ވަނީ ހަމަލާދީފަ އެވެ.
އަދި ޔޫ.އޭ.އީގެ އަލް ރުވައިސް އަދި އަލް ސަދަރު އެއާ ބޭސްގެ އިތުރުން އުރުދުންގެ މުވައްފަގު ސަލްތީ އެއާ ބޭސްގައި ހުރި، އުފެއްދުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާ އެންމެ ޒަމާނީ އެންޓި-ބެލިސްޓިކް މިސައިލް ބެޓަރީގެ ތިން ސިސްޓަމަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.









