އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
14 ސެޕްޓެމްބަރު 2026 | ހޯމަ 05:05އީރާނުން ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން، އޭނާ ސަލާމަތްވުމަށް ކުރި ނުރައްކާތެރި ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފި. ސީރިއަސް ޒަޚަމްތަކަކާއެކު އީރާނު ސިފައިންނަށް ފިލައިގެން 50 ގަޑިއިރު ވަންދެން ފަރުބަދަމަތީގައި އޭނާ ހޭދަކުރިއިރު، އެމެރިކާގެ ޚާއްސަ ފައުޖުތަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައި އޭނާ ސަލާމަތްކޮށްފައި. މި ހާދިސާގައި އެމެރިކާގެ ދެ ބޯޓަކަށް ގެއްލުންވުމުން، އެ ތަކެތި އީރާނުގެ އަތްދަށަށް ދިޔަނުދިނުމަށްޓަކައި އެމެރިކާއިން ވަނީ އެ ބޯޓުތައް ގޮއްވާލާފައި
އިސްފަހާންގެ ދެކުނުން އޮންނަ ފަރުބަދައިގެ ސަރަހައްދަކަށް ދެ ޕައިލެޓުން ފުންމާލާފައިވާއިރު، އެ ދެ މީހުން ވެއްޓިފައިވަނީ ގާތްގަނޑަކަށް ފަސް މޭލު ދުރުމިން ހުރި ދެ ސަރަހައްދަކަށް | 60 މިނިޓްސް
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން، އޭނާ ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ތަފުސީލުތައް ފުރަތަމަ ފަހަރަށް ހިއްސާކޮށްފި އެވެ. މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން އޭނާ ވާހަކަދައްކާފައިވަނީ އާދީއްތަ ދުވަހު "60 މިނިޓްސް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގަ އެވެ.
އޭނާގެ ޒާތީ މައުލޫމާތު ސިއްރުކުރުމުގެ ގޮތުން "ބްރާވޯ" ގެ ނަމުން މުޚާތަބުކުރި މި އެއާމަން ބުނި ގޮތުގައި، ބޯޓަށް ހަމަލާ އެރުމާއެކު އޭނާގެ ވައިކުޑައަށް ގެއްލުން ލިބުނެވެ. އަދި ވައިގެ ތެރެއިން ބިމަށް ވެއްޓެމުންދިޔަ ވަގުތު، ވައިކުޑަ ރަނގަޅަށް ހުޅުވޭތޯ ނުވަތަ އޭގެ ބައިތައް ދޫކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް އޭނާ ބުންޏެވެ.
"އެއީ އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ ބިރުވެރި މަންޒަރު،" އޭނާ ބުންޏެވެ. ބިމަށް ވެއްޓުމުގެ ސަބަބުން އޭނާގެ ބުރަކަށީގެ ކަށިގަނޑަކާއި، އަތަކާއި، ކޮނޑުހުޅު ބިންދައިގެން ދިޔަ ކަމަށާއި، ފައިގެ ކަނބިކަށި ފުރޮޅި، ބޯލާއި މޫނުމައްޗަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ.
އެމެރިކާގެ އޮފިޝަލުންނާއި "ބްރާވޯ" ދިން މައުލޫމާތުން އެނގޭ ގޮތުގައި، އެފް-15 މަރުކާގެ ބޯޓުން އޭނާ ބޭރުވި (އިޖެކްޓްވި) ފަހުން، އީރާނުގެ ސިފައިންނަށް ފިލައިގެން އޭނާ ވަނީ 7،000 ފޫޓު އުސް ފަރުބަދަމަތީގެ ސަރަހައްދަކަށް އަރާފަ އެވެ. އެ ވަގުތު އޭނާގެ އަތުގައި އޮތީ ހަމައެކަނި ފިސްތޯލައަކާއި، މުއާސަލާތީ އާލާތެއްގެ އިތުރުން އޭނާ ހުރި ތަން އަންގައިދޭ ބީކަންއެކެވެ. ބޯޓުގެ ޕައިލެޓް ވެއްޓުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތްކުރެވުނު ނަމަވެސް، "ބްރާވޯ" ސަލާމަތްކުރެވުނީ 50 ގަޑިއިރު ފަހުންނެވެ.
މި ދެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ސިއްރު މައުލޫމާތު ހާމަވިޔަ ނުދިނުމަށްޓަކައި، ޕެންޓަގަންއިން މިހާތަނަށް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.
ސީބީއެސްގެ ނޯރާ އޯޑޮނަލްއަށް ދިން އިންޓަވިއުގައި "ބްރާވޯ" ބުނީ، އޭނާ ފިލައިގެން ހުރެވޭނެ ފަދަ ތަނެއް ފެނުމާއެކު، އެހީއަށް އެދި މުއާސަލާތު ކުރަން މަސައްކަތް ފެށި ކަމަށެވެ. "އަހަރެން ތަހައްމަލުކުރި ކަންތައްތަކާ މެދު ވިސްނާލަން ފުރުސަތު ލިބުނު ވަގުތު، އެންމެ ފުރަތަމަ ފޮނުވި މެސެޖަކީ 'ކަލާނގެ ކުޅަދުންވަންތަ' ކަމަށް ބުނެ ފޮނުވި މެސެޖު،" އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅުންހުރި މަސްދަރުތަކާ ހަވާލާދީ ސީއެންއެންއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ސިފައިން ލައްވައި މި އިންޓަވިއު ދިނުމަށް ބާރުއެޅުއްވީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އޭނާގެ ވުޒާރާގެ ސިޔާސީ ފަރާތްތަކުންނެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މި އިންޓަވިއު ދިނުމަށް ދެ މީހުންވެސް ފުރަތަމަ ފަސްޖެހުނެވެ. އަދި އަސްކަރީ އޮފިޝަލުންވެސް ތިބީ މި އޮޕަރޭޝަނުގެ ސިއްރު މައުލޫމާތު ހާމަވެދާނެތީ ކަންބޮޑުވެފަ އެވެ. ބޯޓުގެ ޕައިލެޓް ވަނީ އިންޓަވިއު ދިނުމަށް އިންކާރުކޮށްފަ އެވެ. އަސްކަރިއްޔާގެ އިސްވެރިންގެ ނުރުހުމުގައިވެސް، ހެގްސެތުގެ އޮފީހުގެ ސިޔާސީ ފަރާތްތަކުން މި އިންޓަވިއު ކުރިއަށް ގެންދިއުމަށް ބާރުއެޅި ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް، ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވަނީ ސީއެންއެންގެ މި ރިޕޯޓު ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ "މިއީ މުޅިން ދޮގު ވާހަކައެއް" ކަމަށެވެ.
"އިންޓަވިއުގައި ބައިވެރިވުމުގެ ނިންމުމަކީ ކޮންމެ ޕައިލެޓެއްގެ އަމިއްލަ ނިންމުމެއް. ސަބަބަކީ އެއީ އެމީހުންގެ އަމިއްލަ ތަޖުރިބާ ކަމަށްވާތީ،" ޕާނެލް ވިދާޅުވި އެވެ. "ސީއެންއެންއިންވެސް ފާހަގަކޮށްފައިވާ ފަދައިން، އެކަކު ބައިވެރިވާން ނިންމިއިރު އަނެކަކު ނިންމީ ބައިވެރިނުވާން. މީގެ އިތުރުން، އޮޕަރޭޝަނުގެ ސަލާމަތާއި، މައުލޫމާތު ލިބޭ މަސްދަރުތަކާއި އުސޫލުތައް ރައްކާތެރިކުރުމަށް ވުޒާރާއިން ވަރަށް ބޮޑަށް ސަމާލުކަން ދިން."
ހައްޔަރުވުމުން ސަލާމަތްވުން
"ބްރާވޯ" ސީބީއެސްއަށް ކިޔައިދިން ގޮތުގައި، އޭނާ އެކަނިމާއެކަނި ފަރުބަދައެއްގެ ހަނި ދޭތެރެއެއްގައި ފިލައިގެން އެތައް ގަޑިއިރަކު އިނެވެ. އެ ވަގުތު އެމެރިކާގެ އެލީޓް ސިފައިން ދިޔައީ އެ ސަރަހައްދު ސާފުކުރުމަށް ބޮން އަޅަމުން، އޭނާ ހުރި ތަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މި އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރިއްޔާގެ އެތައް ސަތޭކަ ސިފައިންނާއި އިންޓެލިޖެންސް މުވައްޒަފުން ބައިވެރިވި އެވެ. މީގެ ތެރޭގައި އާމީ ޑެލްޓާ ފޯސް އަދި ނޭވީ ސީލް ޓީމް ސިކްސް ފަދަ ޚާއްސަ ފައުޖުތައް ހިމެނެ އެވެ. އޭނާ ހައްޔަރުކޮށްދިން މީހަކަށް އީރާނުގެ ވެރިން އިނާމު ހުށަހަޅާފައި އޮތުމުން، އީރާނަށް އޮޅުވާލުމަށްޓަކައި ސީއައިއޭއިން ޚާއްސަ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ.
ސީބީއެސްގެ ޕްރޮގްރާމުގައި ޕެންޓަގަންއިން ވަނީ ސިއްރު ހިފެހެއްޓުން އުވާލާފައިވާ ވީޑިއޯއެއް ދައްކާފަ އެވެ. އެ ވީޑިއޯއިން ފެންނަނީ އެއާފޯސްގެ ޕެރަރެސްކިއު ޓީމުން "ބްރާވޯ" ސަލާމަތްކުރުމަށް އޭނާ ހުރި ދިމާލަށް ދާ މަންޒަރެވެ. ނަމަވެސް، އެ ސިފައިން އޭނާއާ ބައްދަލުވި ވަގުތު ދެއްކި ވާހަކަތައް ހާމަކުރަން އޭނާ އިންކާރުކުރި އެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ބައެއް ހީނުކުރާ ކަންތައްތައްވެސް ހިނގިއެވެ. ސިފައިންނާއި އެއާމަން ގޮވައިގެން ފުރަން ތައްޔާރަށް އޮތް އެމެރިކާގެ އެމްސީ-130ޖޭ މަރުކާގެ ދެ ބޯޓަކަށް ގެއްލުންވުމުގެ ސަބަބުން، 90 އަށްވުރެ ގިނަ ސިފައިން ކުޑަވަގުތުކޮޅަކަށް އެ ގައުމުގައި ތާށިވި އެވެ. އެމީހުން ސަލާމަތްކުރުމަށްފަހު، އެ ބޯޓުތައް އީރާނުގެ އަތްދަށަށް ދިޔަ ނުދިނުމަށްޓަކައި އެމެރިކާއިން ވަނީ އެ ދެ ބޯޓު ގޮއްވާލާފަ އެވެ.
މި ހިތްދަތި ތަޖުރިބާ އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް "ބްރާވޯ" ބުންޏެވެ. އޭނާ ފިލައިގެން ހުރި ފަރުބަދަމަތިން ސަލާމަތްކުރަން އައި މީހުން ފެނުނު ވަގުތަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އެއް ވަގުތު ކަމަށާއި، އެމީހުން ކޮށްދިން މަސައްކަތަށް "ޝުކުރު" ނޫން ބަހެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.









