ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026 | ހޯމަ 07:55ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުގެ އައި.އާރް.ޖީ.ސީ އިން ވައްޓާލާފައިވާއިރު، މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުން ވައްޓާލި މިފަދަ ދެވަނަ ޑްރޯން. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އީރާނުން މިހާތަނަށް އެމެރިކާގެ 24 އަށްވުރެ ގިނަ ޑްރޯން ނައްތާލާފައިވާއިރު، މީގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް ބިލިއަނެއްހާ ޑޮލަރުގެ ގެއްލުންވެ، ޑްރޯންތަކުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައި

ނެވާޑާގެ އިންޑިއަން ސްޕްރިންގްސްގައި ހުންނަ ކްރީޗް އެއަރ ފޯސް ބޭސް މަތިން 2007 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހު އެމްކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް އުދުހިފައިދަނީ. | ގެޓީ އިމޭޖަސް
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ އިތުރު ޑްރޯނެއް އެ ޖަމާއަތުން ވަނީ ހުއްޓުވައި ބިމާ ހަމަކޮށްލައިފި އެވެ.
އައި.އާރް.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތުގެ އެއިރޯސްޕޭސް ފޯސްއިން ބޭނުންކުރާ އެންމެ ފަހުގެ ވައިގެ ދިފާއީ ނިޒާމެއްގެ އެހީގައި އެ ޑްރޯން ދެނެގަނެ، އެއަށް ހަމަލާދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވާގޮތުން، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އީރާނުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ނެޓްވޯކްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންނެވެ.
"އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެމް.ކިއު-1 ޑްރޯން ހުއްޓުވައި، ހުރްމުޒް ކަނޑުއޮޅީގެ ވައިގެ ސަރަހައްދުގައި ވަނީ ނައްތާލެވިފައި،" އައި.އާރް.ޖީ.ސީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާގައި ވެސް އީރާނުގެ އަސްކަރިއްޔާގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް ބަޑިޖަހައި ވައްޓާލާފަ އެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިރުދެކުނު ސަރަހައްދުން އެ ޑްރޯން ދެނެގަނެ، އޭގެ ހަރަކާތްތަކަށް ފާރަވެރިވުމަށްފަހު، ހަމަލާދީ ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ހުރްމުޒް ކަނޑުއޮޅިއަކީ މައިގަނޑު މައިދާނަކަށް ވަމުންދާއިރު، މީގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުތަކުގެ މައްޗަށް އޮންނަ ކޮންޓްރޯލް ވަރުގަދަކުރުމަށް ތެހެރާނުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އީރާނުގެ އަސްކަރީ ބާރުތަކުން ވަނީ އެމެރިކާގެ އަގުބޮޑު އަސްކަރީ އާލާތްތަކެއް ކާމިޔާބުކަމާއެކު ވައްޓާލާފައި ނުވަތަ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި އާރް.ކިއު-170 ސެންޓިނަލް ސްޓެލްތް ޑްރޯންތަކާއި، އެމް.ކިއު-9 ރީޕާ ޑްރޯންތަކުގެ އިތުރުން، ފާރިސީ ކަނޑުއޮޅިން އަތުލައިގަތް ކަނޑުއަޑީގެ ގްލައިޑަރުތަކާއި ކަނޑުމަތީގެ އުޅަނދުތައް ހިމެނެ އެވެ.
އަތުލައިގަނެވުނު މިފަދަ ޒަމާނީ ޓެކްނޮލޮޖީތައް ދިރާސާކޮށް، އޭގެ އަސްލާ އެއްގޮތަށް އަމިއްލަ އުފެއްދުންތައް ތައްޔާރުކުރުމުގެ ސަބަބުން، އީރާނުގެ އަމިއްލަ ޑްރޯން ޕްރޮގްރާމާއި ކަނޑުގެ އަސްކަރީ އުޅަނދުތައް ތަރައްގީކުރުމަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ހިންގާ ޓެރަރިސްޓް ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެމެރިކާގެ 24 އަށްވުރެ ގިނަ އެމް.ކިއު-9 ޑްރޯން ނައްތާލާފަ އެވެ. މިއީ އެމެރިކާގެ ޕެންޓަގަންގެ އަތުގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ. ކޮންމެ ޑްރޯނަކަށް 30 މިލިއަން ޑޮލަރުގެ މަގުން ބަލާއިރު، މިހާތަނަށް ލިބިފައިވާ ގެއްލުމުގެ އަގު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރަ އެވެ.
ބްލޫމްބާގް އަދި "ދަ ވޯ ޒޯން" އިން ހަވާލާދޭ އެމެރިކާގެ ކޮންގްރެސްގެ ރިޕޯޓްތަކަށް ބަލާއިރު، އެމެރިކާގެ ވައިގެ ސިފައިންގެ އަތުގައި މިހާރު އޮޕަރޭޝަނަލް ހާލަތުގައި ހުރީ ގާތްގަނޑަކަށް 135 ރީޕާ ޑްރޯނެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއިން އެންމެ މަދުވެގެން ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ 189 ޑްރޯނަށްވުރެ މާ ދަށް އަދަދެކެވެ.
މި ޑްރޯންތައް އުފައްދާ ކުންފުނި ކަމަށްވާ ޖެނެރަލް އެޓޮމިކްސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިހާރު ގަންނަން ލިބެން ހުރީ 10 އަށްވުރެ މަދު ޑްރޯނެވެ. އަދި އެމް.ކިއު-9 އޭ މަރުކާގެ ޑްރޯން އުފައްދާ ލައިން މިހާރު ވަނީ މުޅިން ބަންދުކޮށްފަ އެވެ.











