ޑަޔާނާ އަވަހާރަވުމުން ޗާލްސްގެ އަޑުން އިވުނީ "އުފާވެރިކަން": ޑަޔާނާގެ ކޮއްކޮ
18 ސެޕްޓެމްބަރު 2026 | ހުކުރު 09:16ޕްރިންސަސް ޑަޔާނާގެ ކޮއްކޮ އަރލް ސްޕެންސަރ ނެރޭ އާ ފޮތުގައި، ޑަޔާނާ އަވަހާރަވި ދުވަހު ރަސްގެފާނު ޗާލްސް އަމަލުކުރެއްވި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ބަކިންގްހެމް ގަނޑުވަރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައި. މި ފޮތުގައި ޑަޔާނާގެ ކައިވެނީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ހިމަނާފައިވީ ނަމަވެސް، ޝާހީ މުހައްލިލުން ސިފަކުރާ ގޮތުގައި މިއީ ހަގީގަތާ ޚިލާފު ޒާތީ ތުހުމަތުތަކެއް

ރަސްގެފާނު ޗާލްސްއާއި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ ފެންނަ ތާރީޚީ ވިޑިއޯއެއްގެ މަންޒަރުތަކެއް | އެކްސް
1997 ވަނަ އަހަރު ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ އަވަހާރަވުމާ ގުޅިގެން ރަސްގެފާނު ޗާލްސް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އޭނާގެ އަޑުން "އުފާވެރިކަމުގެ" އިހުސާސް އިވިގެންދިޔަ ކަމަށާއި، އެ ޚަބަރާއެކު އެއިރުގެ ވަލީއަހުދު ޗާލްސް ވާހަކަފުޅު ދެއްކެވި ގޮތުން "ލޮޓަރީއެއް ކާމިޔާބި މީހެއްގެ" ފުށުން އިވިގެންދާނެ ފަދަ އިހުސާސްތަކެއް ކުރެވުނު ކަމަށް ޑަޔާނާގެ ކޮއްކޮ އަރލް ސްޕެންސަރ ތުހުމަތުކޮށްފި އެވެ. ޑަޔާނާއާ ގުޅޭ ގޮތުން ސްޕެންސަރ ލިޔެފައިވާ ފޮތެއްގައި ކޮށްފައިވާ މި ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް ބަކިންގހެމް ގަނޑުވަރުން ވަނީ ބުނެފަ އެވެ. ސްޕެންސަރގެ ފޮތުގައި ހިމަނާފައިވާ ބައެއް މައުލޫމާތު މީޑިއާއާ ހިއްސާކޮށްފައިވާއިރު، "އަޅުގަނޑުމެން މާލަހެއްނުވެ އޭނާގެ [ޑަޔާނާގެ] މަތިން ހަނދާން ނައްތާލާނަން" ކަމަށް ޗާލްސް ވިދާޅުވި ކަމަށް ވެސް ސްޕެންސަރ ތުހުމަތު ކުރެ އެވެ.
މި ތުހުމަތުތަކަކީ ރަސްގެފާނު ޗާލްސްއަށާއި ޝާހީ އާއިލާއަށް އަމާޒުކޮށް، އެ ބޭފުޅުންގެ ނިޔަތާ މެދު ވަރަށް ހަރުކަށި ގޮތަކަށް ސުވާލު އުފައްދާފައިވާ ޒާތީ ހަމަލާތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. އާންމު އުސޫލެއްގެ ގޮތުން ފޮތްތަކުގައި ލިޔާ ލިޔުންތަކަށް ރައްދުނުދިން ނަމަވެސް، އާއިލާގެ މެންބަރަކު ވަކިވެދިއުމުން ލިބޭ ހިތާމައިގެ ސަބަބުން، ކަންކަން ވިސްނޭ ގޮތާއި، ނިންމުންތައް ނިންމުމާއި، އަދި ހަނދާންތައް ހުންނަ ގޮތަށް ބަދަލު އަތުވެދާނެކަން ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށް ޝާހީ ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. އަދި، މި ފަދަ ހިތާމައެއްގެ އަސަރު، ގިނަ އަހަރުތަކެއް ފަހުން ވެސް އެހެން މީހުންނަށް ނޭނގޭ ފަދަ ގޮތްގޮތަށް ދެމިހުރެދާނެ ކަމަށް ވެސް އެ ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ | ޕީއޭ މީޑިއާ
މި ތުހުމަތުތަކުގެ ހެއްކެއްގެ ގޮތުގައި ސްޕެންސަރ ލިޔެފައި ވަނީ، މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން އޭނާގެ ދައްތާފުޅު އަވަހާރަވި ދުވަސްވަރު ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާގެ އަމިއްލަ ހަނދާންތަކުގެ ވާހަކަ އެވެ. މި ތުހުމަތުތަކާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ދެނެގަންނަން އަދި އަވަސް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ބައެއް މީހުން މިއީ ސްޕެންސަރ އާއިލާގެ ފަރާތުން ލިބުނު އާ މައުލޫމާތުތަކެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ އާއިލީ އަމިއްލަ މައްސަލަތަކެއް އާންމުކުރުމަށް އެކަށީގެންނުވާ ކަމެކެވެ. މީގެ އިތުރުން، މި ފޮތާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ޕްރިންސް ހެރީގެ މަންދޫބުން ވިދާޅުވި އެވެ. އަދި، ބަކިންގްހެމް ގަނޑުވަރުން ވަނީ، ޕެރިހުގައި ޑަޔާނާ އަވަހާރަވި ހާދިސާއަށްފަހު ޕްރިންސް ޗާލްސް އަމަލުކުރެއްވި ގޮތާ މެދު ކުރެވޭ ތުހުމަތުތައް ދޮގުކޮށް ބުދަ ދުވަހު ނެރުނު ބަޔާނަށް އަލުން އިޝާރާތްކޮށްފަ އެވެ.
ޑަޔާނާ އަވަހާރަވި ޚަބަރާއި ފޯނު ކޯލުތަކުގެ ހަނދާންތައް
ޑެއިލީ މެއިލްގައި ޝާއިއުކޮށްފައިވާ ސްޕެންސަރގެ ފޮތުގެ ބައެއްގައި ވާގޮތުން، 1997 އޮގަސްޓު 31 ގައި ހިނގި އެކްސިޑެންޓުގެ ޚަބަރު އޭނާއަށް ލިބުނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ހުރި އޭނާގެ ގޭގައި ނިދާފައި އޮއްވާ، އޭނާގެ ދައްތަ ޖޭން ގުޅުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އޭގެ ފަހުން ޑަޔާނާ އަވަހާރަވިކަން ކަށަވަރުކުރުމަށް ކުރެވުނު ފޯނު ކޯލުތަކުގެ ތެރޭގައި، އޭރުގެ ޕްރިންސް ޗާލްސް އޭނާއަށް ގުޅުއްވި ކަމަށް ސްޕެންސަރ ލިޔުނެވެ. އެ ފޮތުގައި ބުނީ، "އެހެން މީހުން ގުޅާފައި ކުއްލި ސިހުމެއްގައި ތިބެ ތައުޒިޔާ ކިޔައި އެހީތެރިކަން ހުށަހަޅަމުން ދިޔައިރު، ޗާލްސް ހުންނެވީ އިންތިހާއަށް އުފާވެފައި ކަމަށާއި، އެވަގުތު އޭނާ ޗާލްސް ސިފަވެފައިވަނީ 'ލޮޓަރީއެއް ކާމިޔާބުވި' މީހަކު ހެން" ކަމަށް ސްޕެންސަރ ލިޔުނެވެ. މީގެ އިތުރުން، ޕްރިންސް ވިލިއަމްއާއި ހެރީއަށް އެ ބޭފުޅުންގެ މަންމާފުޅު އަވަހާރަވި ޚަބަރު ފުރަތަމަ ދެއްވީ އޭނާ ކަމަށް ޗާލްސް ގުޅުއްވައި ވިދާޅުވި ކަމަށް ވެސް ސްޕެންސަރ ލިޔެފައިވެ އެވެ.
ކައިވެނީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަން
ޑަޔާނާއާއި ޗާލްސް 1996 ވަނަ އަހަރުގެ އޮގަސްޓް މަހު ވަކިވެވަޑައިގަންނަވާފައިވާއިރު، 'ސްވޯން ސޯންގް: ޑަޔާނާ، މައި ސިސްޓަރ" ގެ ނަމުގައި ސްޕެންސަރ ލިޔެފައިވާ މި ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގަ އެވެ. މި ފޮތުގައި ސްޕެންސަރ ވަނީ އޭނާގެ ދައްތާފުޅުގެ ކައިވެނީގައި ދިމާވި މައްސަލަތަކުގެ ވާހަކަ ވެސް ތަފްސީލުކޮށްދީފަ އެވެ. މި ގޮތުން 1981 ވަނަ އަހަރުގެ ޖުލައި މަހު ކުރެވުނު ކައިވެނީގެ ކުރީ ރޭ، ޗާލްސް ޑަޔާނާއާ ކައިވެނި ކުރައްވަނީ ވަރަށް އުފަލުން ކަމަށާއި، ނަމަވެސް އޭނާދެކެ ލޯބިނުވާ ކަމަށް ވިދާޅުވި ކަމަށް ޑަޔާނާގެ ރަހުމަތްތެރިއަކު ބުނި ކަމަށް ސްޕެންސަރގެ ފޮތުގައި ތުހުމަތުކޮށްފައިވެ އެވެ. ކައިވެނީގެ ކުރީކޮޅު ކަންތައްތައް "ވަރަށް ބޮޑަށް ގޯސްވި" ކަމަށާއި، ދެމަފިރިން ވެސް އެކަކު އަނެކަކާ މެދު މާޔޫސްވި ދަނޑިވަޅުތައް ކުރިމަތިވި ކަމަށް ޔަގީންކުރާ ކަމަށް ވެސް ސްޕެންސަރ ލިޔެފައިވެ އެވެ.
ސްޕެންސަރ މިހާރު ގަބޫލުކުރާ ގޮތުގައި އޭނާގެ ދައްތާފުޅަކީ ސިއްހީ މައްސަލައެއް ކަމަށްވާ އޭޑީއެޗްޑީ ތަހައްމަލް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި، އޭގެ ސަބަބުން އެހެން މީހުންގެ ފާޑުކިޔުމާއި ދެކޮޅުހެދުންތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ތަދުތަކެއް އިހުސާސްކުރަންޖެހޭ 'ރިޖެކްޝަން ސެންސިޓިވް ޑިސްފޯރިއާ' ގެ އުނދަގޫ ޑަޔާނާ ތަހައްމަލު ކުރެއްވި ކަމަށް ސްޕެންސަރ ލިޔެފައިވެ އެވެ.
އަމާޒުވި ފާޑުކިޔުންތައް: "ބޭކާރު ވާހަކަތަކެއް"
ޗާލްސް "އުފާވެފައި" ހުންނެވި ކަމަށް ބުނެ ޑެއިލީ މެއިލްގައި ޝާއިއުކޮށްފައިވާ ވާހަކަތަކަކީ "ބޭކާރު ވާހަކަތަކެއް" ކަމަށް ރަސްގެފާނު ޗާލްސްގެ މަންމާފުޅު، އަވަހާރަވެފައިވާ ރާނީ އެލިޒަބަތު ދެވަނައިގެ ކުރީގެ ޕްރެސް ސެކްރެޓަރީ ވަނީ ސިފަކުރައްވާފަ އެވެ. ޑަޔާނާ އަވަހާރަވި ދުވަސްވަރު ރާނީގެ ޕްރެސް ސެކްރެޓަރީއަކަށް ހުންނެވި ޑިކީ އާބިޓަރ ވިދާޅުވީ، އެ ދަނޑިވަޅުގައި ޗާލްސް ހުންނެވީ "ވަރަށް ބޮޑަށް ހިތާމައިގައި" ކަމަށާއި، ސްޕެންސަރ ތުހުމަތުކުރާ ފަދަ ގޮތަކަށް އަމަލުކުރެއްވުމަކީ ޗާލްސްގެ ސިފައެއް ނޫން ކަމަށް ވެސް އާބިޓަރ ވިދާޅުވި އެވެ. "އޭނާ [ރަސްގެފާނު ޗާލްސް] އެ ފަދަ [ސްޕެންސަރ ތުހުމަތުކުރާ ފަދަ] އެއްވެސް އެއްޗެއް ވިދާޅުވުމަކީ އެއްވެސް ހާލެއްގައި ވެދާނެ ކަމެއް ނޫން. ސްޕެންސަރ އެ ދައްކަނީ ހަމަ ބޭކާރު ވާހަކަ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސްޕެންސަރގެ މި "ބަދަލުހިފުމުގެ ރޫހު ހުރި ވާހަކަތަކަކީ" ވަރަށް އާދަޔާ ހިލާފު ވާހަކަތަކެއް ކަމަށް ޝާހީ އާއިލާގެ ކަންކަން ދިރާސާކުރައްވާ ޖެނީ ބޮންޑް ވިދާޅުވި އެވެ. މިއީ، އޭނާގެ ހަނދާނުގައި ކަން ހިނގި ގޮތް ކަމަށް ގަބޫލުނުކުރަންވީ ސަބަބެއް ނެތް ނަމަވެސް، ކޮންމެ ވާހަކައެއްގައި ވެސް ދެ ފަރާތެއް އޮންނާނެ،" ކަމަށް ގަބޫލުކުރައްވާ ކަމުގައި ބޮންޑް ވިދާޅުވި އެވެ.
މަސްދަރު: ބީބީސީ











