20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް
16 ސެޕްޓެމްބަރު 2026 | ބުދަ 02:49އެމެރިކާގެ ސަފީރު މިޝެލް އީސާ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ކުރެއްވި ޒިޔާރަތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ތަންތަން ބައްލަވާލައްވައި، އެ ސަރަހައްދުތައް އާރާސްތުކުރުމަށް އެމެރިކާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވި. މި ދަތުރުފުޅާ ދިމާކޮށް، ހަލާކުވެފައިވާ ބުރިޖުގެ ބަދަލުގައި ހެދި ވަގުތީ މަގު ހުޅުވައި ދަތުރުފަތުރުގެ ގުޅުން އިއާދަކޮށްފައިވާއިރު، އިސްރާއީލުން އަދިވެސް ދަނީ އެއްބަސްވުންތަކާ ޚިލާފަށް އެ ސަރަހައްދުތަކަށް ހަމަލާދެމުން

ލުބްނާނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް އީސާ ލުބްނާންގެ ދެކުނުގެ ބައެއް ސަރަހައްްދުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނީ. އޭނާގެ ދަތުރުފުޅާ ދިމާކޮށް އެ ސަރަހައްދަށް ނޫސްވެރިން ވަނުމަށް އޮތީ ހުރަސްއަޅާފައި | އެކްސް
އެމެރިކާއިން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް އީސާ، އެ ގައުމުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އަންގާރަ ދުވަހު ޒިޔާރަތް ކުރައްވައިފި އެވެ. ލުބުނާނުގެ ރަސްމީ ނޫސް އޭޖެންސީއިން (އެންއެންއޭ) މި ދަތުރުފުޅުގެ ޚަބަރުތައް ރިޕޯޓުކޮށްފައިވާއިރު، މިއީ 2006 ވަނަ އަހަރު އިސްރާއީލުން ލުބްނާނަށް ދިން ޢުދުވާނީ ހަމަލާތަކަށްފަހު، އެމެރިކާގެ ސަފީރަކު އެ ސަރަހައްދަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.
ލުބުނާނުގެ ކައުންސިލް ފޯ ޑިވެލޮޕްމަންޓް އެންޑް ރިކޮންސްޓްރަކްޝަންގެ ވަފުދަކާއެކު އީސާ ވަނީ، ޒައުތަރު އަލް-ޣަރްބިއްޔާ އާއި ގަގްއައިޔަތު އަލް-ޖިސްރުގައި ހަދާފައިވާ ވަގުތީ ބުރިޖު ނުވަތަ ހުރަހަށް ވަޑައިގަންނަވާފަ އެވެ. މި ދަތުރުފުޅުގައި ޒައުތަރު އަލް-ޣަރްބިއްޔާގައި ހުންނަވައި، އިސްރާއީލް އިން ދެމުންދާ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ސަރަހައްދުތަކާއި އިމާރާތްތަކަށް އޭނާ ޒިޔާރަތް ކުރެއްވި އެވެ. އެ އެ ސަރަހައްދުގައި ހުންނަވައިގެން، އިސްރާއީލް ސިފައިން ތިބި އަދި އާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާ ޒައުތަރު އަލް-ޝަރްގިއްޔާގެ މަންޒަރުތައް ސަފީރު ބައްލަވާލެއްވި ކަމަށް އެންއެންއޭން ރިޕޯޓުކުރި އެވެ. ސަފީރު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައި، އިސްރާއީލްގެ ޑްރޯނެއް އެ ސަރަހައްދުގެ މަތިން އުދުހިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
މީގެ އިތުރުން، ސަފީރު އީސާ ވަނީ ޒައުތަރު އަލް-ޣަރްބިއްޔާގެ މޭޔަރު އާބިދު އިއްޒުންދީންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އިސްރާއީލް ސިފައިން ތިބި ސަރަހައްދުތަކާ ކައިރި އަވަށްތަކަށް ދިއުމަށް އާންމުންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މޭޔަރު ވިދާޅުވީ އެވެ. އަދި، އެ ސަރަހައްދުތައް އަލުން އާރާދުކުރުމަށް އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ނަމަވެސް، އެ ކަން ކުރާނެ ވަކި ތާރީޚެއް ހާމަކުރައްވާފައި ނުވާ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ލުބްނާނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް އީސާ ލުބްނާންގެ ދެކުނުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން | އެކްސް
މިދިޔަ މާރިޗު މަހު އިސްރާއީލުން ފެށި އުދުވާނީ ހަމަލާތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލި ފާލަމުގެ ބަދަލުގައި، ގަގްއައިޔަތު އަލް-ޖިސްރުގައި ހަދާފައިވާ ވަގުތީ ހުރަސް ވެސް ސަފީރު ވަނީ ބައްލަވާލައްވާފަ އެވެ. ލައިތާނީ ކޯރު ހުރަސްކޮށް ހަދާފައިވާ މި ވަގުތީ މަގު، ލުބުނާނުގެ ޕަބްލިކް ވޯކްސް މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ހުޅުވާފަ އެވެ. މިއާއެކު، ހަލާކުވި ފާލަން އަލުން ހަދައި ނިމެންދެން، ނަބަތިއްޔާއާއި ބިންތު ޖުބައިލްއާ ދެމެދު ސީދާ ދަތުރުފަތުރުގެ ގުޅުން މިހާރު ވަނީ އިއާދަކުރެވިފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މީގެ އިތުރުން، އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ޖޫން މަހުގެ 26 ވަނަ ދުވަހު ވޮޝިންގޓަންގައި ލުބުނާނާއި އިސްރާއީލްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލް ސިފައިން ފޭބުމަށާއި، އެ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ގާއިމުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް، އިސްރާއީލް އިން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އަދި، ދެކުނުގެ ބައެއް ސަރަހައްދުތައް އިސްރާއީލުން އަދިވެސް އޮތީ ހިފާފަ އެވެ. މީގެ ތެރޭގައި އެތައް އަހަރެއް ވަންދެން ހިފާފައިވާ ސަރަހައްދުތަކާއި، ފަހުގެ ހަނގުރާމަތަކުގައި އަތްގަދަކޮށްފައިވާ ސަރަހައްދުތައް ވެސް ހިމެނެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











