2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
15 ސެޕްޓެމްބަރު 2026 | އަންގާރަ 19:362028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދިނުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި. ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދަމަހައްޓައި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދޭނީ އެއްވެރިއަކަށް 10 އަހަރުގެ ފުރުސަތު ދީގެން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި


ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވާހަކަފުޅު ދައްކަވަނީ | ޕީއެންސީ
އެންމެން އެކީ އަތާއި އަތް ގުޅައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޖަލްސާގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އިނދަޖެހިފައި އޮތް އިގްތިސާދަކާއެކު ކަމަށެވެ. އަދި ރައީސް ނަޝީދުގެ ބަހުރުވައިން ދަންނަވާނަމަ، މި ސަރުކާރަށް ލިބުނީ ހަމައެކަނި ދަރަނީގެ ރަސީދެއް ކަމަށެވެ. އެހެންނަމަވެސް، އެ ދަރަނީގެ ރަސީދާ އެކު ވެސް ސަރުކާރުން ތެދުވެ، ދަރަނި ދައްކަމުން ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިޔަ ނުދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާ ކަމަށް ފާހަގަކުރެއްވި އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އަމާންކަމާއި ހަމަޖެހުމާއި ސުލްހަވެރިކަމުގެ އިތުރުން މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެން އެކީ އަތާއި އަތް ގުޅައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދިނުމަށް ވިސްނައި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށެވެ.
އަޅުގަނޑުމެން ނިންމާލަަފަ ދާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަމަރު ބަނދެގެން. އެކަމަރަށް ދުލެއް ޖައްސާލަން ވާނީ ވެސް ދާގޮތަށް ގޮސް ދިވެހި ރައްޔިތުންގެ މަސައްކަތާ ޕާޓީގެ ހުރިހާ މެންބަރުންގެ އެކުވެރިކަމާ އެއްބައިވަންތަކަމާ ނުގުޑާފަދަ އަޒުމާ އެކުގައިއަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވިދާޅުވީ، އެ ކަމަރަށް ދުލެއް ޖައްސާލަން ވާނީ ވެސް، ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތާއި ޕާޓީގެ ހުރިހާ މެންބަރުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު، ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ގޮސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބު ކޮށްދިނުމަށް ފަހުގައި ކަމަށެވެ.
ރައްޔިތުންނަކީ ފުދުންތެރިބަޔަކަށް ހަދަން އެބަޖެހޭ. މިކަން ކުރެވޭނީ 10 އަހަރު އެއްވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެންއަބްދުއްރަހީމް އަބްދުﷲ
މީގެއިތުރުން، ދިވެހިރާއްޖެއަށް ސިޔާސީ އަދި އިގުތިސާދީ ހަމަޖެހުން އަންނަންޖެހޭ ކަމަށާއި، ޤައުމު ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިއަރައިގެން ދާންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދީ، ދިވެހި ކޮންމެ ރައްޔިތަކީ ވެސް ފުދުންތެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހަދަންޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.











