ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!
15 ސެޕްޓެމްބަރު 2026 | އަންގާރަ 14:30ހައްޖު ކޯޕަރޭޝަނަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ފޮރުވުމަށްޓަކައި، ސަރުކާރުން "މޯލްޑިވްސް އައުގާފް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. ޚަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، ސިޔާސީ މަންފާއަށްޓަކައި އައު ކުންފުނިތައް އުފައްދައި ކޮރަޕްޝަންގެ ތުހުމަތު އޮތް ފަރާތްތަކަށް އެހެން މަގާމުތައް ދިނުމަކީ ދައުލަތުގެ ނިޒާމަށް އޮތް ނުރައްކަލެއް


ރައީސް ޑރ. މުއިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް | ރައީސް އޮފީސް
މި ސަރުކާރުން ޚަރަދުކުޑަ ކުރަނީ އެވެ. ހުއްޓުމެއް ނެތި ޚަރަދު ކުޑަ ކުރުމަށްޓަކައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަނީ އެވެ. އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ވެސް މީހުން އައްޔަނު ކުރަނީ ހަމަ ޚަރަދު ކުޑަކުރުމަށެވެ. ކުންފުނިތައް އުވާލަނީ ވެސް އެ ބޭނުމުގަ އެވެ. އައު، ބޮޑެތި ކުންފުނިތައް އުފައްދަނީ ވެސް ހަމަ ޚަރަދު ކުޑަ ކުރުމަށެވެ. އެންމެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް އަކީ ވެސް ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ކުރި މުހިއްމު ކަމެކެވެ. މީހަކު އަޖައިބުވެދާނެ އެވެ. މި ސަރުކާރުން ކޮންމެ ކަމެއް ކުރުމަށްފަހު ވެސް ޚަރަދު ކުޑަ ކުރާ ކަމަށް އެބަ ބުނެ އެވެ. ފައިސާތަކެއް ބޮޑެތި އަދަދުތަކުން އިސްރާފު ކުރުމަށްފަހު ވެސް އެއީ ޚަރަދު ކުޑަ ކުރަން ކުރި ކަމެއް ކަމަށް ބުނެފާނެ އެވެ. މި ސަރުކާރުން ހީކުރަނީ ކަންނޭނގެ އެވެ. ރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ، މޮޔަ ބައެކެވެ.
ހަމަ އެކަނި އެންމެ ފަހުން މި އުފެއްދި ކުންފުންޏަށް ބަލާލިއަސް، މި ސަރުކާރުގެ މަކަރުވެރިކަމާ ހީލަތްތެރިކަން ހާމަވެ އެވެ. މޯލްޑިވްސް އައުގާފް ކުންފުންޏަކީ ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައި، އުފެއްދި ކުންފުންޏެކެވެ. މިހާރު ވެސް މި ހުރިހާ ކަމެއް ކުރާ އެކަންކަން ގާނޫނުން މަތި ކޮށްފައިވާ ބަޔަކު އެބަ ތިއްބެވެ. ދެން ވެސް ސަރުކާރުން މިއީ މި ކުންފުނި އުދެއްފުމުގެ ބޭނުން ކަމަށް ބުނުމުން ހަމަ ލޯ މަރާލުމަށްފަހު ގަބޫލުކުރަންވީ ތޯ އެވެ. އެހެނެއް ނުވާނެ އެވެ.
މި ކުންފުންޏަކީ ރާއްޖޭގެ ދީނީ ކަންކަމާއި ހައްޖާއި އުމްރާގެ އަޅުކަމާ ގުޅޭ މުއައްސަސާތަކުގެ ތެރެއިން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ހައްޖު ކޯޕަރޭޝަނާ ގުޅިގެން ދާދިފަހުން އާންމުވެފައިވާ ހިޔާނާތުގެ ވާހަކަތަކުން ސަލާމަތްވުމުގެ ނަމުގައި އުފެއްދި ކުންފުންޏެކެވެ. މިއީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް ބުނަނީ އެކެއް ދެ މީހެއް ނޫނެވެ. މިއީ މިއަދު އެތައް ބަޔަކު ދައްކާ ވާހަކައެކެވެ.
މިފަދަ މައްސަލަތައް ހޫނުވެ، ހައްޖު ކޯޕަރޭޝަނާ ގުޅޭގޮތުން ފެންމަތިވި ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަތައް އާންމުންގެ ސަމާލުކަމުން ގެއްވައިލުމަށްޓަކައި، އެ ކޯޕަރޭޝަންގެ އިސް ވެރިންގެ މަގާމުތައް ވެސް ބަދަލުކޮށްފި އެވެ. އެގޮތުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުންގެ ގެންދިޔުމާއި ކުރިއަށް އޮތް އުމުރާ ދަތުރުގެ ތައްޔާރީތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށް އޭނާ ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނަށް އައްޔަނު ކޮށްފަ އެވެ. މިއީ ސަރުކާރުގެ ކޮރަޕްޝަންތައް ވަންހަނާކުރަން ހިންގާ ނުރައްކާތެރި ސިޔާސީ ކުޅިގަނޑެއްގެ ހެތްކެކެވެ. މައްސަލަތައް ހައްލުކޮށް، ޒިންމާދާރުކުރުމުގެ ބަދަލުގައި ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ މީހުން އެހެން މަގާމުތަކަށް ބަދަލުކޮށްގެން ހަގީގަތް އޮއްބާލަން އުޅުމަކީ މުޅި ދައުލަތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އެއްކޮށް ގެއްލުނު އެއް ސަބަބެވެ.
ދައުލަތުގެ މާލީ ހާލަތު ދަށްވެ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ބޮޑެތި އަދި މުހިންމު ކުންފުނިތައް އުވާލައި، އެތައް ސަތޭކަ މުވައްޒަފުންނެއްގެ ވަޒީފާ ގެއްލުވާލައި އިދާރީ އޮނިގަނޑުތައް ހަރުދަނާކުރަމުންދާ ކަމަށް ބުނެ ވާހަކަތައް ދައްކަމުންދާ މިފަދަ ދަނޑިވަޅެއްގައި، މުޅިން އައު ކުންފުނިތައް އުފެއްދުމަކީ އެއްގޮތަކަށް ވެސް ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. މިފަދަ އިދާރާތައް އުފެއްދުމުގެ ފަހަތުގައި ސަރުކާރުގެ ވަކި ފަރާތްތަކަކަށް މަންފާ ލިބޭނެ ފަދަ ސިއްރު އެޖެންޑާތަކެއް ވާނެކަން އެއީ މިއަދު ގިނަ ބަޔަކު ގަބޫލު ކުރާނެ ހަގީގަތެކެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބުން ނަގާ ފައިސާ، ޚާއްސަކޮށް ދީނީ ކަންކަމަށާއި ހައްޖާއި އުމްރާއަށްދާ ފަރާތްތަކުން ދައްކާ ފައިސާގެ ރައްކާތެރިކަމާމެދު ބޮޑެތި ޝައްކުތަކާއި ސުވާލުތައް ވަނީ އުފެދިފަ އެވެ. މާޒީގެ ހިޔާނާތްތައް ފޮރުވުމަށް އައު "ނަމެއް" ހޯދައި، އެ ތަނެއްގެ ނިވަލުގައި އަލުން ކޮރަޕްޝަންގެ އައު ދުވަސްވަރެއް ފެށުމުގެ މަސައްކަތް މި ސަރުކާރުން މި ވަނީ ފަށާފަ އެވެ. މިއީ ދައުލަތުގެ ވަސީލަތްތަކާ ދައުލަތައް ލިބޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންގެ ހައްގުތައް ނަގާލައި، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ހިންގާ ނުރައްކާތެރި ކަންކަމެވެ.
މިފަދަ ކުންފުނިތައް އުފެއްދުމާއި، ކޮރަޕްޝަންގެ ތުހުމަތު އަންނަ ފަރާތްތައް އެކި މަގާމުތަކަށް ބަދަލުކޮށްގެން ސަރުކާރުން ގެންގުޅޭ ހަމަނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ މިސްރާބު ގެއްލި، އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު މިހާރު ވެސް ދަނީ ކުރަމުންނެވެ. ހައްޖު ކޯޕަރޭޝަން ފަދަ މުހިންމު ދީނީ މުއައްސަސާއެއްގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް މިނިވަންކަމާއެކު ތަހުގީގުކޮށް، އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ސަރުކާރުން އެކަންކަން ފޮރުވުމަށް މަސައްކަތްކުރުމަކީ މި ސަރުކާރުން މިނިވަން މުއައްސަސާތަކާއި ގާނޫނުގެ ބާރު ކަނޑުވާލާފައިވާ މިންވަރު ހާމަވާ ކަމެކެވެ.
މިހާރު ދެން އެ ކުރީ ހިތުން މާ މޮޅު ކަމެކެވެ. އެއް ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުނީމާ އަލުން އައު ނަމެއް ކިޔައި، ކުންފުންޏެއް ހަދާލީ އެވެ. ދީނީ އެކިއެކި ކަންކަން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އެ ހިންގާ ކޮރަޕްޝަންގެ އަމަލުތައް އައު ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްލީ އެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކުންފުނީގެ ނަމާއި ކުލަ ބަދަލުކޮށްލީ އެވެ. ނަމަވެސް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. ދެން ދީނީ އެކިއެކި މަޝްރޫއުތަކުގެ ނަމުގައި ކޮރަޕްޝަން ހިންގާނީ އަލަށް އުފެއްދި އައުގާފް ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެނެވެ. ބޯވަ ވެސް ކުލަ ބަދަލުކޮށްލާ އުސޫލުން ކުންފުނި ބަދަލުކޮށްލީ އެވެ. ކޮރަޕްޝަން ދާނީ ކުރިއަށެވެ. ކުރީގެ މައްސަލަތަކެއް ނުވެސް ބަލާނެ އެވެ. ނިކަމެތިކަމާއި ދެރަކަން ހަމަ ނިކަމެތި ރައްޔިތު މީހާ އަށެވެ.









