ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި
15 ސެޕްޓެމްބަރު 2026 | އަންގާރަ 11:36ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވެވޭ ކަރަންސީ ސްވަޕް އެއްބަސްވުން އަވަސްކުރުމާއި، ދެ ގައުމުގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން މިއަހަރު ބޭއްވުމަށް މެލޭޝިއާއިން ވަނީ ނިންމާފައި. މީގެއިތުރުން ތައުލިމީ، އިޖުތިމާއީ އަދި ތިމާވެށިގެ ދާއިރާތަކުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ދެއްވާފައި


ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އައު އުސްމިނަކަށް ގެންދިއުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ހެދުމަށް ހަމަޖެހިފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މަސައްކަތް އާދައިގެ އުސޫލުތަކުން ބޭރުން އަވަސްކުރުމަށް މެލޭޝިއާ ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ޝަރަފުގައި ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވެވޭ ކަރަންސީ ސްވަޕް އެއްބަސްވުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
މި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ލީޑަޝިޕަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އިންސާފަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދައްކަމުންދާ ފުރިހަމަ ނަމޫނާއަށް ނުހަނު ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އަދި ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ މަސްރަހުގައި ދެ ގައުމު ގުޅިގެން ވަކާލާތުކޮށް، އަޑުއުފުލުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އަންނަ އަހަރު ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ "ޖޮއިންޓް ކޮމިޝަން" ގެ ބައްދަލުވުން އަވަސްކޮށް، މިއަހަރު ނިމުމުގެ ކުރިން މެލޭޝިއާގައި ބާއްވާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއުލާނު ކުރެއްވި އެވެ.
އިޖުތިމާއީ އަދި ތަރައްގީގެ ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ތައުލީމީ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މެލޭޝިއާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބިގެންދާނެ ކަމަ ށެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަށްދާއިރު، އިސްލާމީ ރިވެތި އުސޫލުތަކާއި އަގުތައް ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނުގެ ވަފުދަށް ރާއްޖެއިން އަދާކުރި ހޫނު އަދި ފުރިހަމަ މެހުމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ދިވެހި ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.











