މަރުވެފައިވާ މީހުންނަށް ދޫކުރެވުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން، ކޮންމެވެސް ވަރެއް ހޯދޭނެ: ޝިރުނާ
16 ސެޕްޓެމްބަރު 2026 | ބުދަ 11:16މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް އޮޅިގެން ޖަމާކުރެވުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ކައުންސިލްތަކާ ގުޅިގެން އެންސްޕާއިން ދަނީ މަސައްކަތް ކުރަމުން. މި ފައިސާއަކީ 2020 ވަނަ އަހަރު މޮނިޓަރިން މެކޭނިޒަމް މެދުކެނޑުމާ ގުޅިގެން 700 އަށްވުރެ ގިނަ މީހުންނަށް ދޫކުރެވިފައިވާ ފައިސާ ކަމަށް އެ އިދާރާއިން ބުނޭ


އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ | ސޯޝަލް މީޑިއާ
މަރުވެފައިވާ މީހުންނަށް ފައިސާ ދޫކުރެވި ދައުލަތަށް ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަންދާ ކަމަށާއި، އޭގެތެރެއިން ކޮންމެވެސް ވަރެއް ހޯދޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޝިރުނާ ވިދާޅުވީ ކައުންސިލްތަކަށް ސިޓީ ފޮނުވައިގެން މަރުވެފައިވާ މީހުންނަށް ދޫކުރެވުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންމެ ވެސް ވަރެއްގެ ފައިސާ އަނބުރާ ހޯދޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ޝިރުނާ ވިދާޅުވި އެވެ.
ނަމަވެސް ހޯދޭނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ އަދަދެއް އަދި މިހާތަނަށް އެ ފައިސާއިން ހޯދުނީ ކިހާވަރެއް ކަމެއް ވެސް ޝިރުނާ ހާމަކުރައްވާފައިނުވެ އެވެ.
މީގެ އިތުރުން، އެންސްޕާއިން އެހީ ފޯރުކޮށްދެވެނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިރުނާ ވިދާޅުވި އެވެ.
މަރުވެފައިވާ މީހުންނަށް ފައިސާ ދޫކޮށްފައިވަނީ 2020 ވަނަ އަހަރު އެ އިދާރާގެ ކަމާބެހޭ ސެކްޝަނެއް އުވާލުމާ އެކު، މޮނިޓަރިން ހުއްޓުމުންނެވެ. އެގޮތުން މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންނަށް ފައިސާ ދޫކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެ އެވެ.
އެންސްޕާގައި 15،000 އެއްހާ މީހުން ރަޖިސްޓަރީވެފައިވާއިރު، ދިރިއުޅުމުގެ ދަތި ހާލަތްތަކުގައި ތިބޭ މީހުންނަށް އެ އިދާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ފަގީރު ހާލަތުގައި ދަރީން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއާއި މައިންބަފައިންގެ އެހީއެއް ނެތި ކުދީން ބަލަހައްޓާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.







