ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:27ސައުދީގެ ތެޔޮ ހޮޅިއަކަށް ދިން ހަމަލާއަކާ ގުޅިގެން އެ ގައުމުގެ މައި ތެޔޮހޮޅިތައް ބަންދުކޮށްފައި ވަނިކޮށް، ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް ދިން ހަމަލާއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ. މި ހަމަލާތަކާ ގުޅިގެން ސައުދީން އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިފައިވާއިރު، އީރާނުން ބުނަނީ އެ ގައުމުގެ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް


އޮމާންގެ އައްސޭރިފަށުގައި ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ އުޅަނދުތަކެއް | ރޮއިޓާސް
ސައުދީ އަރަބިއްޔާގެ މުހިންމު 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ދިން ހަމަލާއަކާ ގުޅިގެން އެ ގައުމުން އެ ހޮޅި ބަންދުކޮށްފައި ވަނިކޮށް، ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް ހަމަލާއެއް ދީފައިވާ ކަމުގެ ރިޕޯޓްތައް ލިބުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަސަރު ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ މާހިރުން އިންޒާރުކޮށްފި އެވެ. ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތައް މޮނިޓާ ކުރާ ފަރާތްތަކަށް ލިބުނު މި ރިޕޯޓްތަކާއެކު، އީރާނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫ އަރައިފާނެތީ އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންނާ ގުޅުން އޮންނަ ޔޫކޭއެމްޓީއޯއިން ބުނީ، ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އުޅަނދެއްގައި އެއްޗެއް ގޮވާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ފަޅުވެރިންގެ ހާލަތެއް ސާފެއްނުވެ އެވެ.
ޔޫކޭއެމްޓީއޯގެ މި ރިޕޯޓް އައިސްފައި މި ވަނީ، ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ގުޅާލާފައިވާ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިތައް ވަގުތީ ގޮތުން ބަންދުކުރިތާ އެއް ދުވަސް ފަހުންނެވެ. ބަޣުދާދާއި ރިޔާޟުން ބުނީ، މި ހަމަލާ ދީފައި ވަނީ އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރިވާ އިރާގުގެ ތެރެއިން ކަމަށެވެ.
މެދުއިރުމަތީގައި ފުޅާވަމުންދާ ހަނގުރާމައިގެ ތެރެއިން މި ފަދަ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާ ނަމަ، ހަކަތައިގެ އަގުތައް މިހާރަށް ވުރެ ވެސް މައްޗަށް ދިއުމުގެ ބިރު އެބަ އޮތް ކަމަށް މާހިރުން އިންޒާރުދެ އެވެ. ހުސްވި ހަފުތާގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އަރަބި ކަނޑުއޮޅި ހުރަސްކޮށް 1،200 ކިލޯމީޓަރަށް ދެމިގެންދާ 'އީސްޓް-ވެސްޓް' ހޮޅިލައިނަކީ، ހަނގުރާމައިގެ ސަބަބުން ހުރްމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތް ފާއިތުވި ހަ މަސް ދުވަހު މެދުއިރުމަތީގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދިނުމަށް ބޭނުންކުރި މައިގަނޑު މަގެވެ. ދުނިޔޭގެ ތެޔޮ ސަޕްލައިގެ 4 އިންސައްތަ އާއި 5 އިންސައްތައާ ދެމެދުގެ މިންވަރެއް، ނުވަތަ ދުވާލަކު 4 މިލިއަނާއި 5 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ މި ހޮޅި މެދުވެރިކޮށް އުފުލަ އެވެ. މީގެ ސަބަބުން، ގަލްފުގެ އެހެން ގައުމުތަކުގެ ތެޔޮ އެކްސްޕޯޓަށް ކުރިމަތިވެފައިވާ ބޮޑެތި ހުރަސްތަކުން ސައުދީ އަރަބިއްޔާ ވަނީ ސަލާމަތްވެފަ އެވެ.
ތެޔޮ ހޮޅިއަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މަދީނާގެ ދެކުނުން ތެޔޮ ހޮޅިލައިން ހުރި ސަރަހައްދަކުން ކަޅު ދުން އަރާ މަންޒަރު ފެނެ އެވެ. ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، މި ހަމަލާގައި ބައެއް މީހުންނަށް އަނިޔާވެ، މުދަލަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތެޔޮ އެކްސްޕޯޓަށް ކުރި އަސަރާ ބެހޭ ތަފްސީލެއް އެ ވުޒާރާއިން ހާމައެއް ނުކުރެ އެވެ. މިއީ، އީރާނުން އަޑީގައި އޮވެގެން ދީފައިވާ ހަމަލާއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، މި ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ.
ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ މަދަނީ ސަލާމަތާބެހޭ އިދާރާއިން ބުނީ، ހޫޘީން ފޮނުވައިލި ހަމަލާއެއް ޖާޒާން ސަރަހައްދަށް އަރައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި، މި ހަމަލާގައި މިސްކިތެއް ހިމެނޭ ހެން ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރައްދުގައި ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ޔަމަނުގައި ހޫޘީ ޖަމާއަތުން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ހަމަލާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ގައުމުގެ ދެކުނު އައްސޭރިފަށުން ދަތުރުކުރި އީރާނުގެ ވިޔަފާރި އުޅަނދަކަށް ހަމަލާދީ، އެކަކު މަރުވެ ތިން މީހަކު ޒަޚަމް ވެފައިވާ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީ ވަލީއަހުދު އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންނެވުން
ހުސްވި ހަފުތާގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެމެރިކާގައި ޑީސަލް ގެލަނެއްގެ އަގު ވަނީ 6 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ އެމެރިކާގެ އާންމު ރައްޔިތުންނަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ. މިއީ، އެމެރިކާއާއި އީރާނުން ދެ ގައުމުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދިނުމާއި، ޔަމަނުގެ ހޫޘީން ރަތް ކަނޑުގެ އައްސޭރިފަށުން ބާރުވެރިކަން ހޯދަމުންދާތީ ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކެއް ކަމަށް މަސްރަހުގެ ދާރިސުން ބުނެ އެވެ. މީގެ ސަބަބުން، ސަރަހައްދުގެ ތެޔޮ އުފުލާ މައި ދެ މަގުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު އީރާނަށް ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާމެދު ވޮޝިންޓަނަށް މި ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ، އެހީތެރިކަން ފޯރުކޮށްދީފި ނަމަ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީ އެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން ތިން މަސްދަރަކުން ބުނީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބުރާސްފަތި ދުވަހު ޓްރަމްޕަށް ފޯނުން ގުޅުއްވައި، ހޫޘީންނާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، އެމެރިކާއިން މި ވަގުތު ސީދާ ގޮތުން ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށާއި، ނަމަވެސް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ކަމަށް ޓްރަމްޕް ވަލީއަހުދަށް ދެންނެވި ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ވަލީއަހުދާ ވާހަކަފުޅު ދެއްކެވިކަން ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި، ހޫޘީން ވެސް އޭނާގެ ސަރުކާރަށް ގުޅައި، މި ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ސީދާ ގޮތުން ނުވަނުމަށް އެދިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޔަމަނު ސަރުކާރުގެ ހަތަރު މަސްދަރަކުން ބުނީ، ރަތް ކަނޑުގެ ދެކުނު ދޮރާށި ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅީގެ މެދުގައި އޮންނަ އިސްތިރާޖީ ރަށެއް ކަމަށްވާ މައްޔޫން ޖަޒީރާ ހޫޘީން ހުކުރު ދުވަހު ހިފާފައިވާ ކަމަށެވެ. ޖުލައި މަހުން ފެށިގެން ހޫޘީން ދަނީ އެ ސަރަހައްދުން ދަތުރުކުރާ ސައުދީ އަރަބިއްޔާގެ އުޅަނދުތަކަށާއި ތެޔޮ ވަސީލަތްތަކަށް ހަމަލާ ދެމުންނެވެ.
އޮމާން ބައްދަލުވުމާމެދު އީރާނުގެ އޮފިޝަލުންގެ އުންމީދެއް ނެތް
ޖޫން މަހު އެކުލަވައިލި އެއްބަސްވުން ހަފުތާތަކެއްގެ ތެރޭގައި އުވައިލި ފަހުން، ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެ އެވެ. ހޮނިހިރު ދުވަހު އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް އަޒީޒީ ވިދާޅުވީ، އީރާނުން ހުށަހަޅާފައިވާ ހުރިހާ ޝަރުތުތަކަކަށް އެމެރިކާއިން އެއްބަސްނުވާހާ ހިނދަކު، އެއްވެސް މަޝްވަރާއެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު އިއުލާން ކުރީ، ހުރްމުޒު ކަނޑުއޮޅީގެ މުސްތަގުބަލާ މެދު މަޝްވަރާ ކުރުމަށް ހޯމަ ދުވަހު އޮމާނުގައި ބާއްވާ ގަލްފުގެ އަރަބި ގައުމުތަކުގެ ބައްދަލުވުމުގައި އީރާނުން ބައިވެރި ވާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، އޮމާނުގެ އިސްނެގުމަކަށް ބާއްވާ މި ބައްދަލުވުމުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި، މި ބައްދަލުވުމަކީ ކަނޑުއޮޅީގެ މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ނަމަވެސް، އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަކަށް ނުބެލެވޭ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ތަސްނީމް ނޫސް އޭޖެންސީން ބުނީ، ހުރްމުޒު ކަނޑުއޮޅިން ދަތުރުކުރާނެ މަގުތަކާ ބެހޭ ގޮތުން އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމެއް ހޯމަ ދުވަހުގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް، އީރާނުން އެމެރިކާއަށް ހުށަހަޅާފައިވާ ހަތް ޝަރުތެއް ފުރިހަމަނުވާހާ ހިނދަކު ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އީރާނުން ބޭނުންވަނީ ހުރްމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެ ގައުމަށް އޮތްކަން ބަލައިގަނެ، އެ މަގުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ހުއްދަ ލިބުމަށެެވެ. ނަމަވެސް ވޮޝިންގޓަނުން ވަނީ މި ކަމަށް އިންކާރު ކޮށްފަ އެވެ. ކަނޑުއޮޅީގެ އަނެއް ފަރާތް ކޮންޓްރޯލް ކުރާ އޮމާނުން ބުނީ، އެ ގައުމުން މަޝްވަރާ ކުރަމުންދަނީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ވެސް ރުހުމާ އެކު ކަމަށެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ހުރްމުޒު ކަނޑުއޮޅިން އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތި މިނިވަންކަމާ އެކު ދަތުރު ކުރެވެ އެވެ.
މަސްދަރު: ރޮއިޓަރސް










