ފޯޅަވަހި ދޫކޮށްލުމަކީ ކުރާނެ ކަމެއް ނޫން: އިނގިރޭސި ބޮޑުވަޒީރު ބާންހަމް
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:06ބާންހަމް ވިދާޅުވީ ފޯޅަވަހީގެ ތެރޭގައި ހިމެނޭ އަދި އަސްކަރީ ގޮތުން ނުހަނު މުހިންމު ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮތް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ބާންހަމް ވާހަކަ ދައްކަވަނީ | ސޯޝަލް މީޑިއާ
ފޯޅަވަހި ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބެޑެނޮކް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފޯޅަވަހި ދޫކޮށްލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައ ބޭއްވި ބަހުސެއްގައި ވާހަކަ ދައްކަވަމުން ބެޑެނޮކް ވަނީ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް މި ސަރަހައްދު "އަމާންދީ" ދޫކޮށްލުމަށް ސަރުކާރުން ރާވަމުން ދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.
މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބޮޑުވަޒީރު ބާންހަމް ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ބާންހަމް ވިދާޅުވީ ފޯޅަވަހީގެ ތެރޭގައި ހިމެނޭ އަދި އަސްކަރީ ގޮތުން ނުހަނު މުހިންމު ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮތް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި އެ މަރުކަޒުގެ ރައްކާތެރިކަމާއި، ކުރިމަގާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ބާންހަމް ދެއްކެވި ވާހަކަފުޅު
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެއްބަސްވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު ޤާނޫނީ އަދި ސިޔާސީ މަޝްވަރާތަކަށް ފަހު އެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތީ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ޑިއޭގޯ ގާސިއާގައި އޮތް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ ސަލާމަތަށް މީގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބެޑެނޮކް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މި ބަހުސްއާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ، މޮރިޝަސް އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން މިއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އިދިކޮޅު ލީޑަރު ބެޑެނޮކް ޤަބޫލުކުރައްވާ ގޮތުގައި މިއީ އިނގިރޭސިވިލާތުގެ އިސްތިޤުލާލަށް ލިބުނު އުނިކަމެކެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބާންހަމް މިހެން ވިދާޅުވެފައިވާއިރު، ފޯޅަވަހީގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބާންހަމް އަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، އެއީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި 2022 ވަނަ އަހަރު ވެސް ރާއްޖެއާ މަޝްވަރާކޮށްފައި ނުވަނީ އެ ސަބަބާ ހުރެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.










