ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026 | އާދީއްތަ 18:55ޔަމަނުގެ މުހިންމު ސަރަހައްދުތަކެއް ހޫޘީންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި. މި ކުރިމަތިލުންތަކުގެ ސަބަބުން އިންސާނީ ހާލަތު ގޯސްވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ހިޖުރަކުރަމުންދާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ޔަމަނުގެ ހަނގުރާމަ އަލުން ވަރުގަދަވެ ބޯޑަރުން ބޭރަށް ނުރައްކާ ފެތުރެން ފެށި ފުރަތަމަ ފަހަރު

ޔަމަނުގެ ސަންޢާގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ހޫޘީންނަށް ވަފާތެރި ހަނގުރާމަވެރިން އިތުރު މީހުން ހަނގުރާމައަށް ނެރުމަށް ބޭއްވި އެއްވުމެއްގައި އަޑުގަދަކޮށް ޝުޢޫރު ފާޅުކުރަނީ. | ގެޓީ އިމޭޖަސް
ޔަމަނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ހަނގުރާމަ ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. އީރާނުގެ މަދަދުލިބޭ ހޫޘީން، ސްޓްރެޓީޖިކް ގޮތުން މުހިންމު ބަނދަރު ރަށެއް ކަމަށްވާ މުޚާ ހިފުމާ ގުޅިގެން، އެ ރަށް އަނބުރާ ހޯދުމަށް ސަރުކާރުގެ ފައުޖުތަކުން ދަނީ ހޫޘީންގެ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. މުޚާ ހޫޘީންގެ ބާރުގެ ދަށަށް ދިއުމާއެކު، ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގަކަށްވާ ރެޑް ސީ ނުވަތަ ރަތް ކަނޑުގެ މައްޗަށް އެ ޖަމާއަތުން އޮތް ބާރު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
އަންސާރުﷲގެ ނަމުން ވެސް ނަންދެވިފައިވާ ހޫޘީން ތުހުމަތުކުރާ ގޮތުގައި، ފާއިތުވި 48 ގަޑިއިރު ނުވަނީސް ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނަށް 100 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފަ އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް ސައުދީ އަރަބިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސަރުކާރުން މިހާރު ކުރިއަށްދާ ހަނގުރާމަ ސިފަކޮށްފައިވަނީ "އަމިއްލަ ނަފްސު ދިފާއުކުރުމަށް ކުރާ ހަނގުރާމައެއް"ގެ ގޮތުގަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ޔަމަނު ރައްޔިތުންނެއް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކޮށްފަ އެވެ. މީގެ ތެރޭގައި ޖިބޫތީއަށް ހިޖުރަކުރި 2،000 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ.
މިވަގުތު ޔަމަނުގެ މަސްރަހު އޮތީ ކިހިނެއް ހެއްޔެވެ؟ މި ހަނގުރާމައިގައި ސައުދީގެ ދައުރަކީ ކޮބައި ހެއްޔެވެ؟ އަދި އީރާނުން މިކަމަށް އިޖާބަދީފައިވަނީ ކިހިނެއް ހެއްޔެވެ؟
މިވަގުތު ޔަމަނުގެ މަސްރަހު އޮތީ ކިހިނެއް؟

ޔަމަނުގެ އަލް ޖައުފް ޕްރޮވިންސްގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، ހޫޘީ ހަނގުރާމަވެރިން ސައުދީން ތާއީދުކުރާ ފައުޖުތަކުގެ އާމަޑް ވެހިކަލަކަށް އަމާޒުކޮށް ހަމަލާދިނުމާ ގުޅިގެން އެ އުޅަނދުގައި އަލިފާން ރޯވެފައިވާ މަންޒަރު، ހޫތީ މީޑިއާ ސެންޓަރުން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެނޭ | ގެޓީ އިމޭޖަސް
ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ބައެއް ހޫޘީންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން، އެ ސަރަހައްދުގައި ތިބި ހޫޘީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ސަރުކާރުގެ ފައުޖުތަކުން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.
ޔަމަނުގެ ސަރުކާރުގެ ނިއުސް އެޖެންސީ ކަމަށްވާ "ސަބާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޚާ ބަނދަރު ކައިރީގައި ދިން ހަމަލާތަކުގައި "އީރާނުގެ މަދަދުލިބޭ ހޫޘީ ޓެރަރިސްޓް މިލިޝިއާގެ އުޅަނދުތަކާއި ހަތިޔާރުތައް ހަލާކުކޮށްލައި، އެ ޖަމާއަތުގެ މެންބަރުން ވަނީ މަރާލާފަ އެވެ."
ސަރުކާރުގެ ފައުޖުތަކުގެ ތަރުޖަމާނު މޭޖަރ އަބްދުﷲ އަލް ނަޒީލީއާ ހަވާލާދީ ސަބާ އެޖެންސީން ބުނީ، މުޚާ އާއި ދުބާބު ގުޅުވައިދޭ މަގުގައި ތިބި ހޫޘީންނަށާއި އެމީހުންގެ އުޅަނދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. މި ސަރަހައްދަކީ މުޚާ ސިޓީއާ 11 ކިލޯމީޓަރު (7 މޭލު) ދުރުގައި އޮންނަ ސަރަހައްދެކެވެ.
ސަރުކާރުން މި ހަމަލާތައް ދޭން ފަށާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ހޫޘީން މުޚާ ހިފުމާއި، ހުކުރު ދުވަހު މާޔޫން ރަށް (ޕެރިމް އައިލެންޑް) އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ. މިއާއެކު ދުނިޔޭގެ ތެޔޮ އުފުލާ މުހިންމު މަގަކަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޫޘީންނަށް ވަނީ ލިބިފަ އެވެ.
ޔަމަނުގެ ރިޔާސީ ލީޑަރޝިޕް ކައުންސިލް (ޕީ.އެލް.ސީ) ގެ މެންބަރު އަދި މާރިބްގެ ގަވަރުނަރު ސުލްޠާން އަލް-ޢަރާދާ އާދީއްތަ ދުވަހު ވިދާޅުވީ، ހުޅަނގު އައްސޭރިން ފޭބި ސަރުކާރުގެ ފައުޖުތައް މިހާރު މާރިބްގައި އަލުން ތަރުތީބުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް ހަނގުރާމައިގެ މައިދާނަށް އެނބުރި އަންނާނެ ކަމަށެވެ.
ދައުލަތުގެ ސަބާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޢަރާދާ ވަނީ އައްސޭރިފަށުގައި ހިނގާދިޔަ ކަންތައްތަކަކީ "ވޭނީ އަދި ހިތާމަވެރި" ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް، މިފަދަ ނާކާމިޔާބީތަކަކީ ހަނގުރާމައިގެ ތަބީޢަތުގައި ހިމެނޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޙޫޘީން ސުލްޙައިގެ މަރުޙަލާ ބޮލާލާ ޖަހާފައިވާ ކަމަށާއި، ޔަމަނަށް އަލުން "ހަނގުރާމައިގެ މަގު އިޚްތިޔާރު" މަޖުބޫރުކޮށްފައިވާ ކަމަށް އަލް-ޢަރާދާ ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ފައުޖުތަކުން އެކި ފްރަންޓްތަކުގައި ހަނގުރާމަ ކުރަމުންދާ ކަމަށާއި، މާރިބްގައާއި އެހެނިހެން ސަރަޙައްދުތަކުގައި ކުރާ ހަނގުރާމައިގެ އެންމެ ފަހުގެ މަޤްޞަދަކީ ވެރިރަށް ސަންޢާ އަލުން ހޯދުން ކަމަށެވެ.
"ފޭބި ފައުޖުތައް މިހާރު ދަނީ އަލުން އިންތިޒާމުވަމުން. އެ ފައުޖުތައް ކޮންމެވެސް ސިފައެއްގައި އަލުން ހަނގުރާމައަށް ނުކުންނާނެ،" އޭނާ ވިދާޅުވި އެވެ.
ތުރުކީގެ ދައުލަތުގެ ނިއުސް އެޖެންސީ، އަނަޑޯލޫއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަމަނުގެ އަސްކަރިއްޔާގެ ރިޒާވް ފައުޖެއް ކަމަށްވާ "ނޭޝަން ޝީލްޑް ފޯސް" އިން ވެސް ވަނީ އާދީއްތަ ދުވަހު އަލް-އަޣްބަރާ ސަރަޙައްދުގައި ހިނގި ކުރިމަތިލުންތަކުގައި އެ ފައުޖުގެ 6 ވަނަ ބްރިގޭޑުން ފަސް ޑްރޯން ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.

ޔަމަނުގެ ހޫޘީ ސަރުކާރަށް ވަފާތެރި ހަނގުރާމަވެރިން މިނިވަންވެގެން 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ސަންއާއަށް އައުމާ ގުޅިގެން، ހޫޘީ ހަތިޔާރު އެޅި ފައުޖުތަކުން އެ ސަރަހައްދު ބަލަހައްޓަނީ. | ގެޓީ އިމޭޖަސް
މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރުގެ އަސްކަރިއްޔާއާ ގުޅުން އޮންނަ "ސެޕްޓެމްބަރު ނެޓް" ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިގެ ސިފައިން ވަނީ މުޅި ޤައުމުގައި ހުރި ޙޫޘީންގެ އަމާޒުތަކަށް ސިލްސިލާ ވައިގެ ޙަމަލާތަކެއް ދީފަ އެވެ. މި ޙަމަލާތަކުގައި ޙޫޘީންގެ ގިނަ އާލާތްތަކެއް ހަލާކުކޮށްލައި، އެ ޖަމާޢަތުގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނި ނަމަވެސް، މަރުވި މީހުންގެ އަދަދާ ގުޅޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެ އެވެ.
ޔަމަނުގެ ސަންޢާގައި ހުރެ އަލްޖަޒީރާއަށް ރިޕޯޓްކުރި ޔޫސުފް މައުރީ ބުނި ގޮތުގައި، ސަރުކާރުގެ ފައުޖުތަކުން ދަނީ މުހިންމު ސިޓީއެއް ކަމަށްވާ މުޚާ ކައިރީގައިވާ ސަރަޙައްދުތައް ޙޫޘީންގެ އަތްދަށުން އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި ސައުދީ އަރަބިއްޔާއިން ދަނީ މައިގަނޑު ގޮތެއްގައި ޙޫޘީން ކުރިއަރަމުންދާ އަސްކަރީ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
"ފަހަކަށް އައިސް އަންޞާރުﷲ (ޙޫޘީން) ގެ އަތްދަށަށް ދިޔަ ސަރަޙައްދުތަކަށް 129 ވައިގެ ޙަމަލާ ވަނީ ދީފައި. މީގެ ތެރޭގައި ސަރުކާރުގެ މައި މަރުކަޒެއް ކަމަށްވާ މާރިބް ސިޓީއަށް ވަނުމަށް ޙޫޘީން މަސައްކަތް ކުރަމުންދާ އުތުރުގެ ސަރަޙައްދުތައް ހިމެނޭ،" އޭނާ ބުންޏެވެ.
މައުރީ ބުނި ގޮތުގައި ތާއިޒްގައި ޙޫޘީން ޖަމާކުރަމުންދާ އަސްކަރީ ބާރުތަކަށް ވެސް ވަނީ ޙަމަލާދީފަ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ޔަމަނުގެ އިޤްތިޞާދީ މަރުކަޒު ކަމަށް ބެލެވޭ މާރިބްގެ ބޭރު ސަރަޙައްދުތަކުގައި ވެސް ކުރިމަތިލުންތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދެ އެވެ. "މާރިބްގެ ކޮންޓްރޯލް އޮންނަ ބަޔަކަށް ޔަމަނުގެ އާމްދަނީގެ މަގުތައް ކޮންޓްރޯލް ކުރެވޭނެ،" އޭނާ ބުންޏެވެ.

ސަނާ ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް، 11 ސެޕްޓެމްބަރު 2026 އާ ހަމައަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި އީރާނަށް ތާއީދުކުރާ ހޫޘީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތައް ދައްކުވައިދޭ އިންފޯގްރަފިކް މެޕެއް. | ގެޓީ އިމޭޖަސް
"ބާޝާ ރިޕޯޓް ރިސްކް އެޑްވައިޒަރީ" ގެ ބާނީ އަދި އިސް އެނަލިސްޓް މުޙައްމަދު އަލް-ބާޝާ އަލްޖަޒީރާއަށް ބުނި ގޮތުގައި، ސަރުކާރުގެ ފައުޖުތަކުގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކާއި ބައިބައިވުންތަކުގެ ސަބަބުން، ހަލުވިކަމާއެކު ކުރިއަރަމުންދާ ޙޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ވަނީ ހުރަސް އެޅިފަ އެވެ.
"އަށް ލަޝްކަރެއްގެ މެދުގައި ނުފޫޒު ހޯދުމުގެ ވާދަވެރިކަން އޮވެ، ކޮމާންޑް އެންޑް ކޮންޓްރޯލް ބައިބައިވެފައި އޮތް ނަމަ ޙޫޘީން ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ޙޫޘީން އަސްކަރީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބަކީ ސަރުކާރުގެ ފައުޖުތަކުގެ މެދުގައި އޮތް ދާޚިލީ ކޯޅުންތައް ކަމަށް އޭނާ ތުހުމަތު ކުރި އެވެ. "އެމީހުން ދަނީ އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ކުށްވެރި ކުރަމުން،" އޭނާ އިތުރަށް ބުންޏެވެ.
ޔަމަނުގެ ހަނގުރާމައިގެ މައިގަނޑު މައިދާންތަކަކީ ކޮބާ؟
ފަހަކަށް އައިސް ހަނގުރާމަ ވަރުގަދަވެފައިވާ މައިގަނޑު ސަރަޙައްދުތަކުގައި ހިނގަމުންދަނީ އީރާނުގެ މަދަދުލިބޭ ޙޫޘީންނާއި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުގެ މެދުގައި ހިނގާ ވަރުގަދަ ކުރިމަތިލުންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހުޅަނގު އައްސޭރިއާއި ބާބުލް މަންދަބް ކަނޑުއޮޅި: ރަތްކަނޑުގެ މުހިންމު ކަނޑުގެ މަގުތަކާއި ބާރުތައް ހޯދުމަށް ޙޫޘީން މަސައްކަތް ކުރަމުންދާއިރު، މުޚާއާއި ހުދައިދާ ހިމެނޭ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ވަނީ ކުރިމަތިލުންތައް ވަރުގަދަވެފަ އެވެ.
ތާއިޒް: އެތެރެވަރީގެ ސަރަޙައްދުތަކާއި އައްސޭރިފަށާ ގުޅުވައިދޭ މުހިންމު ދޮރާށްޓެއް ކަމަށްވާ ތާއިޒް ޕްރޮވިންސްގެ ފަރުބަދަަމަތީ ސަރަޙައްދުތަކުގައި ފާއިތުވި ދުވަސްތަކުގައި ވަނީ ވަރުގަދަ އެއްގަމު ހަނގުރާމަތަކެއް ހިނގާފަ އެވެ.
މާރިބް އަދި އަލް-ޖައުފް: ފާއިތުވި ހަފުތާތަކުގައި ސަރުކާރުގެ ފައުޖުތަކުން ދަނީ މާރިބްގެ ކޮންޓްރޯލް ދެމެހެއްޓުމަށާއި، ސައުދީ އަރަބިއްޔާއާ އިންވެގެން އޮންނަ އުތުރުގެ އަލް-ޖައުފް ޕްރޮވިންސްގައި އެމީހުންގެ ބާރު ފުޅާކުރުމަށް ހަނގުރާމަ ކުރަމުންނެވެ.
ޟާލިއު: ޙޫޘީންގެ ކޮންޓްރޯލް އޮންނަ އުތުރާއި ދެކުނު ގުޅުވައިދޭ މުހިންމު ސަރަޙައްދެއް ކަމަށްވާ ޟާލިއުއަކީ އަދިވެސް ނުތަނަވަސްކަން ބޮޑު، ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދެކެވެ.
ޔަމަނުގެ އިންސާނީ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތަކީ ކޮބާ؟
މައިގްރޭޝަން އެޖެންސީން އާދީއްތަ ދުވަހު ބުނި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 82,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
މީގެ ކުރިން، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) ގެ ޔަމަނު ގޮފީގެ ވެރިޔާ ޢަބްދުއްސައްތާރު އެސޯއެވް އަލްޖަޒީރާއަށް ވިދާޅުވީ، އދ. ގެ ބޮޑު ހަރަކާތްތެރިކަމެއް އޮތް މުޚާ ޙޫޘީންގެ އަތްދަށަށް ދިއުމުން، އެހީދޭ ޖަމާޢަތްތަކަށް ބޭނުންޖެހިފައިވާ މީހުންނާ ހަމައަށް ވާސިލުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ނުވަނީސް، ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން 2,000 އަށްވުރެ ގިނަ ޔަމަނު މީހުން ވަނީ ޖިބޫތީއަށް ގޮސްފަ އެވެ.
ޙޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެނގެނީ ކޮން ކަމެއް؟
ފާއިތުވި ދުވަސްތަކުގައި ޙޫޘީން ވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފަ އެވެ.
އަންގާރަ ދުވަހު އެ ޖަމާޢަތުން ވަނީ ސައުދީގެ އަބްހާ، ޚަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާންގެ އާންމު ތަންތަނަށާއި އިޤްތިޞާދީ ވަސީލަތްތަކަށް ޙަމަލާދީ، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 73 މީހުން ޒަޚަމްކޮށްލާފަ އެވެ.
ސައުދީއަށް ދެމުންދާ މި ޙަމަލާތަކަކީ، އދ. މެދުވެރިވެގެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގާތްގަނޑަކަށް ހަތަރު އަހަރުގެ ހިމޭންކަމަކަށްފަހު، ޖުލައި މަހު އަލުން ފެށުނު ޔަމަނުގެ ދިގުލީ ހަނގުރާމަ ހަލުވިކަމާއެކު ވަރުގަދަވަމުންދާ ކަމުގެ ނިޝާނެކެވެ.
އާދީއްތަ ދުވަހު ޙޫޘީން ވަނީ ދެކުނުގެ ނަޖްރާން ޕްރޮވިންސްގެ ޝަރުރާގައި ހުންނަ ސައުދީ އަސްކަރީ ބޭހަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.
ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީއު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ޙަމަލާ އަމާޒުކުރީ "ހަތިޔާރު ގުދަންތަކަށާއި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށް" ކަމަށާއި، އެއީ "އަހަރެމެންގެ ޤައުމާއި ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާންތައް މެނޭޖްކުރާ" ތަންތަން ކަމަށެވެ.
ޙަމަލާ ދިން ވަގުތެއް ހާމަނުކޮށް ސަރީއު ވަނީ، ސައުދީން އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާނަމަ، ސައުދީގެ އެތެރޭގެ މާ ފުން ސަރަޙައްދުތަކަށް މިއަށްވުރެ ބޮޑެތި އަދި ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
މީގެ ކުރިން ސަރީއު ބުނެފައިވަނީ، ފާއިތުވި 48 ގަޑިއިރު ތެރޭގައި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން 129 ވައިގެ ޙަމަލާ ދީފައިވާ ކަމަށާއި، އެ ޙަމަލާތައް އަމާޒުކުރީ "ތާއިޒް، މާރިބް، ހުދައިދާ، އަލް-ޖައުފް، ސާދާ، އަމްރާން އަދި ޙައްޖާ" ޕްރޮވިންސްތަކަށް ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެ ޙަމަލާތަކުގައި އެފް-15 އަދި ޓައިފޫން މަރުކާގެ ބޯޓުތައް ބޭނުންކޮށްފައިވާއިރު، އެ ބޯޓުތައް އުދުއްސާލާފައިވަނީ ސައުދީ އަރަބިއްޔާގެ ޚަމީސް މުޝައިތު އަދި ތާއިފްގައި ހުންނަ ބޭސްތަކުންނެވެ.
"އަހަރެމެންގެ ރައްޔިތުންނަށް ދޭ މި ޙަމަލާތަކަށް ޖަވާބު ނުދީއެއް ދޫނުކުރާނަން، އިރާދަކުރެއްވިއްޔާ،" އޭނާ ބުންޏެވެ.
އާދީއްތަ ދުވަހު ސައުދީ ސިވިލް ޑިފެންސްއިން ބުނީ، ޙޫޘީ ހަނގުރާމަވެރިން ސައުދީގެ ދެކުނުގެ ޖީޒާން ސަރަޙައްދަށް ދިން ޙަމަލާއެއްގައި ދެ މީހަކު ޒަޚަމްވެ، މިސްކިތަކަށާއި ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ޖީޒާންގެ އަލް-ތުވާލް ގަވަރުނަރޭޓަށް ފޯރި މި ޙަމަލާގައި ބައެއް އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު ވަނީ އާންމުންގެ ތަންތަނަށް ދޭ މި ޙަމަލާތަކަކީ "ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު" ކަމެއްގެ ގޮތުގައި ސިފަކޮށް، ކުއްލި ޙާލަތްތަކުގައި އަމަލުކުރާ އުސޫލުތައް ތަންފީޛުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެނަލިސްޓް އަލް-ބާޝާ އަލްޖަޒީރާއަށް ބުނި ގޮތުގައި، ޙޫޘީންނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ސައުދީ އަރަބިއްޔާއަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ނަމަވެސް ކޮންމެ ކެމްޕޭނެއް ވެސް ބިނާވާނީ އެއްގަމުގައި ހަނގުރާމަކުރާ ފައުޖުތަކުގެ މައްޗަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވައިގެ ޙަމަލާތައް ދޭކަމަށް ރަސްމީކޮށް އެއްބަސްނުވި ނަމަވެސް، "ސައުދީން ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނުމަކީ ޔަޤީން ކަމެއް" ކަމަށެވެ.
ނަމަވެސް ހަމައެކަނި ވައިގެ ބާރު ފުދޭނެ ކަމަކަށް އޭނާ ނުދެކެ އެވެ.
"ވައިގެ ބާރާއި ހަމަލާތަކުގެ ސަބަބުން ޙޫޘީންގެ ކުރިއެރުން މަޑުޖައްސާލެވިދާނެ. އެކަމަކު ބަދަލެއް ގެނެވޭނީ އެއްގަމުގައި ތިބި ފައުޖުތަކަށް،" އޭނާ ބުންޏެވެ.
އަލް-ބާޝާ އިތުރަށް ބުނީ އެމެރިކާއިން މި ހަނގުރާމައިގައި ސީދާ ބައިވެރިވާނެ ކަމަށް އޭނާ އުންމީދު ނުކުރާ ކަމަށެވެ.
"އަހަރެމެން ޙޫޘީންނާ ހަނގުރާމައެއް ނުކުރަން. ޙޫޘީން އަހަރެމެންނާ ހަނގުރާމައެއް ނުކުރޭ،" އެމެރިކާގެ މަޤާމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި ސައުދީން ހިންގާ އޮޕަރޭޝަނަކަށް "ޖާސޫސީ މަޢުލޫމާތާއި، ތެޔޮ އެޅުމާއި، ލޮޖިސްޓިކްސް އަދި އަސްކަރީ ލަފާ" އެމެރިކާއިން ފޯރުކޮށްދީފާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އޭނާ އިތުރަށް ބުނީ "މުޅި ޤައުމު ހިފުމަށް ޙޫޘީންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ" ކަމަށެވެ.
އަލް-ބާޝާ ބުނީ އެއްވެސް ފަރާތެއް އަވަހަށް ބަލިވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށާއި، އޭގެ ބަދަލުގައި ސޫދާނާ އެއްގޮތަށް "ދިގުލީ ހަނގުރާމައެއް" ހިނގައި، އެންމެ ފަހުން ދެ ފަރާތަށް ވެސް މަޝްވަރާގެ މޭޒަށް އަންނަން މަޖުބޫރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އީރާނުން ބުނީ ކީކޭ؟
އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ދައުލަތުގެ މީޑިއާތަކުން ވަނީ ޙޫޘީން ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށް ހިފުމަށް ތައުރީފުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މީގެ ސަބަބުން އެމެރިކާއާ ދެކޮޅަށް ތެހެރާނަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
"ޔަމަނުގެ އަންޞާރުﷲ ހުޅަނގު އައްސޭރީގައި ހޯދި ކާމިޔާބީއަކީ އިލާހީ ނަޞްރެއްގެ ވާހަކައެއް. އަދި އެއީ އެންމެ އުނދަގޫ ހަނގުރާމައިގެ މައިދާންތަކުގައި އެތައް އަހަރެއް ވަންދެން ސާބިތުވެ ތިބުމުގެ ނަތީޖާ،" އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ހޮނިހިރު ދުވަހު އެކްސްގައި ލިޔުއްވާފައިވެ އެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ، ޙޫޘީންގެ "މަދުދުވެރިކަމުގެ" ސަބަބުން ކާމިޔާބީ ލިބޭނެ ކަމަށް ވިދާޅުވެ، އަވަހާރަކޮށްލާފައިވާ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ 2024 ވަނަ އަހަރު ކުރެއްވި ކޮމެންޓެއް އަލުން ޕޯސްޓް ކުރައްވާފަ އެވެ.
"ކެރޭ ޔަމަނު ރައްޔިތުންނަށް މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބީ ލިބޭނެކަން ކަށަވަރު،" ބުރާސްފަތި ދުވަހު ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ޤާލީބާފް އިތުރަށް ވިދާޅުވި އެވެ.
ޙޫޘީން ހޯދި "ބޮޑު ކާމިޔާބީ" އިން އަނެއްކާވެސް ސާބިތުވެގެން ދިޔައީ "ސަލާމަތަކީ ގަނެވޭނެ މުދަލެއް ނޫންކަން" ކަމަށް އީރާނުގެ އިސް ލީޑަރު މުޖްތަބާ ޚާމަނާއީގެ މުޝީރު މުޙައްމަދު މުޚްބަރު ވިދާޅުވި އެވެ.
ނަމަވެސް އީރާނުގެ ޚާރިޖީ ދާއިރާއިން ޙޫޘީންގެ ކުރިއެރުންތަކާއި އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައާ ސީދާ ގުޅުވާފައެއް ނުވެ އެވެ.
އާންމުކޮށް ކަންތައް ކުރާ އުސޫލުން، އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނަމުންދަނީ ޙޫޘީން ނިންމުންތައް ނިންމަނީ ތެހެރާނާ ވަކިން މިނިވަންކަމާއެކު ކަމަށާއި، އެއީ އެމީހުންގެ އަމިއްލަ މަޞްލަޙަތުތަކަށް އިސްކަންދީގެން، އޭގެ ތެރޭގައި ސައުދީން ޔަމަނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުން ހިމެނޭ ގޮތަށް ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ޙޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަޙައްދުތަކަށް ސައުދީން އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށާއި، އެ ޖަމާޢަތާއި ރިޔާޟާ ދެމެދު ވަގުތުން މަޝްވަރާތައް ފެށުމަށާއި، ޔަމަނުގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމް ކުރުމަށް ގޮވާލާފަ އެވެ.
ޙޫޘީންނަކީ ހަމައެކަނި ތެހެރާނުގެ ޕްރޮކްސީއެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށް ބުނާ ވާހަކަތަކަށް އެ ވުޒާރާއިން ވަނީ ރައްދު ދީފަ އެވެ.
"މިހާރު ޔަމަނުގައި ހިނގަމުންދާ ކަންތައްތަކަކީ ޔަމަނު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލުމުގެ ނަތީޖާ،" ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ހުކުރު ދުވަހުގެ ރޭ ދައުލަތުގެ ޓީވީއަށް ވިދާޅުވި އެވެ.
"އެތައް އަހަރެއް ވަންދެން އެމީހުން ތިބީ އަނިޔާވެރި ބަންދެއްގެ ތެރޭގައިކަން ހަނދާން ނައްތާލުމަކީ އިންސާފެއް ނޫން. އަދި އދ. އާއި ސަރަޙައްދީ ނިޒާމުތަކަށް މި މައްސަލަތައް ޙައްލު ނުކުރެވޭނެކަން އެމީހުންނަށް ވިސްނުނީ."
މިކަމުގައި ހިމެނޭ މައިގަނޑު ފަރާތްތަކަކީ ކޮބާ؟
ޔަމަނުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ ދާޚިލީ ހަނގުރާމަ އަލުން ވަރުގަދަވެފައިވަނީ، މި މަހުގެ ކުރީކޮޅު ޙޫޘީ ހަނގުރާމަވެރި ޖަމާޢަތުން ސައުދީގެ މަދަދުލިބޭ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް އެކި ސަރަޙައްދުތަކުގައި ޙަމަލާތަކެއް ފެށުމާ ގުޅިގެންނެވެ. މި ހަނގުރާމައިގެ އަސަރު މިހާރު ވަނީ ޤައުމުގެ ބޯޑަރުން ބޭރަށް ފޯރާފަ އެވެ. ޙޫޘީން ދަނީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަޙައްދުތަކަށާއި ތެޔޮ ވަސީލަތްތަކަށް ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
މި ފެށުނު ކުރިމަތިލުންތަކަކީ، ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޔަމަނުގައި އަށް އަހަރު ވަންދެން ހިނގި ވަރުގަދަ ހަނގުރާމައަށްފަހު، 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ވެވުނު އެއްބަސްވުމަށްފަހު ހިނގާ އެންމެ ނުރައްކާތެރި ކުރިމަތިލުންތަކެވެ. ކުރީގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
މިކަމުގައި ހިމެނޭ މައިގަނޑު ފަރާތްތަކަކީ:
ހޫޘީން
ހޫޘީން ވަނީ 2014 ވަނަ އަހަރު ޔަމަނުގެ ބޮޑު ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ މަސްތަކެއް ފަހުން، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގެ ކަންކަމުގެ ތެރެއަށް ވަދެފަ އެވެ.
އީރާނުގެ މަދަދުލިބޭ މި ޖަމާއަތުން އަދިވެސް ދަނީ ޔަމަނުގެ ވެރިރަށް ސަންޢާ އާ އެކު އެ ގައުމުގެ އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންނެވެ. މި ޖަމާއަތަކީ އީރާނުގެ ތާއީދާއެކު އުފައްދާފައިވާ ސަރަހައްދީ އިއްތިހާދު ކަމަށްވާ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ބައެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އެ ޖަމާއަތުގެ އަމިއްލަ ބާރާއި، އަމިއްލަ މަސްލަހަތުތަކެއްގެ އިތުރުން އަމިއްލަ އަމާޒުތަކެއް ވެސް ހުރެ އެވެ.
ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލް (ޕީ.އެލް.ސީ)
ޕީ.އެލް.ސީ އުފައްދާފައިވަނީ 2022 ވަނަ އަހަރު ޔަމަނުގެ ކުރީގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ، އޭނާގެ ހުރިހާ ބާރުތަކެއް އަށް މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހާ ރަސްމީކޮށް ހަވާލުކުރެއްވުމާ ގުޅިގެންނެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރު ތަމްސީލުކުރާ ފަރާތެވެ.
މި ކައުންސިލް އެކުލެވިގެންވަނީ ޔަމަނުގެ އުތުރާއި ދެކުނުގެ ސިޔާސީ ފަރާތްތަކާއި އަސްކަރީ އިސްވެރިންގެ މައްޗަށެވެ. މިއީ ހޫޘީންނާ ދެކޮޅު މައިގަނޑު ބާރުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ކުރެވުނު މަސައްކަތެކެވެ.
ޕީ.އެލް.ސީ އަށް ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އިއްތިހާދުގެ ފުރިހަމަ ތާއީދު ލިބެ އެވެ.
އިސްލާހް ޕާޓީ
ޔަމަނީ ކޮންގްރިގޭޝަން ފޯ ރިފޯމް ނުވަތަ އާންމު ނަމުން ނަމަ އިސްލާހް އަކީ މުސްލިމް ބްރަދަހުޑާ ތާރީޚީ ގުޅުންތަކެއް އޮންނަ ސުންނީ އިސްލާމީ ހަރަކާތެކެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޕީ.އެލް.ސީ ސަރުކާރުގެ ތެރޭގައި ހިމެނޭ ފެކްޝަނެއް ނަމަވެސް، މި ޖަމާއަތުން އަބަދުވެސް އަމިއްލަ ވަކި ސިޔާސަތުތަކެއް ގެންގުޅެ އެވެ. މި ޖަމާއަތުގެ އެންމެ ބޮޑު ބާރެއް އޮންނަނީ ޔަމަނުގައި ހަމައެކަނި ގޭސް އުފައްދާ އަދި އެންމެ ބޮޑު އެއް ތެޔޮ ވަޅު އޮންނަ މާރިބް ސަރަހައްދުގަ އެވެ.
ނޭޝަނަލް ރެސިސްޓެންސް ފޯސަސް
ނޭޝަނަލް ރެސިސްޓެންސް ފޯސަސް އަކީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ ކޮއްކޮގެ ދަރިކަލުން ތާރިގް ސާލިހް އިސްވެ ހުންނަވައި ހިންގަވާ، ސަރުކާރަށް ތާއީދުކުރާ އަސްކަރީ ފެކްޝަނެކެވެ.
މި ލަޝްކަރަކީ ސައުދީ އަރަބިއްޔާއާ ގާތް ގުޅުމެއް ބާއްވާ އަދި އިސްލާހް ޕާޓީއެކޭ އެއްފަދައިން ޕީ.އެލް.ސީގެ ބައެކެވެ. މި ޖަމާއަތުގެ އަމާޒަކީ އެއްބައިވަންތަ ޔަމަނެއް ބިނާކުރުމެވެ. އަދި މިއީ ހޫޘީންނާއި ޔަމަނުގެ ދެކުނު ވަކިކުރަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އޮތް ބާރެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރެ އެވެ.
ސައުދީ އަރަބިއްޔާ
ރިޔާޟުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހު، އޭރުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އިއާދަކުރުމަށްޓަކައި ހޫޘީންނާ ދެކޮޅަށް އަސްކަރީ އިއްތިހާދެއް އެކުލަވާލައި އިސްވެ އޮވެ ދިން ހަމަލާތަކާ އެކުގަ އެވެ. އޭރު ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު އޮތް ސަރަހައްދީ ވާދަވެރިކަން އޮތީ އިންތިހާއަށް ގޮސްފަ އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތީ ބޮޑު ނުތަނަވަސްކަމެކެވެ. ސައުދީ އަރަބިއްޔާއިން ދެކުނު ބޯޑަރުގެ ކޮންޓްރޯލް އީރާނަށް ތާއީދުކުރާ ހޫޘީންގެ އަތްދަށުގައި އޮތުމަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ.
މިއީ 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ގުޅުން ގާއިމުކުރުމުގެ ކުރިން ކަން ހިނގާފައިވާ ގޮތެވެ.











