ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް
15 ސެޕްޓެމްބަރު 2026 | އަންގާރަ 05:54ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ކެމިކަލް އުފުލަން ހާއްސަ ވަރުގަދަ އުޅަނދުތަކަކަށް ވުމުން، އެ ތަކެތި އަމިއްލައަށް އަޑިއަށް ދިއުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެ. އެ އުޅަނދުތަކުގެ ޓޭންކްތަކަށް ލޮނުވަދެ ހަލް ބްރީޗްވުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރައްވައި، ދެ ބޯޓު އެއްފަހަރާ އަޑިއަށް ދިއުމުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައި


ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލުނުކުއްރެވޭ ކަމަށް ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ބްރިޖަށް އުރުނު ދެ ބޯޓަކީ ކެމިކަލް އުފުލަން ތައްޔާރުކޮށްފައިވާ ބޯޓެއް ކަމަށާއި އެފަދަ ބޯޓުތައް ހުންނާނީ ސްޓެއިންލެސް ސްޓީލްގައި ނުވަތަ ދަބަރު ނުޖާހާ ކަހަލަ ވަރުގަދަ ކޯޓެއް ލާފައި ކަމަށެވެ.
އެހެންކަމުން މި ބޯޓުގެ ޓޭންކްތައް ހަލާކުވެފައި ހުރުމަކީ ވުން އެކަށީގަންވާ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މި ބޯޓުގައި ޓޭންކްތަކަށް ލޮނު ވަނުން އެއީ ވެސް ވާނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަޅުގަނޑު ދުށިން ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަތުރުކުރި، އެ ވީޑިއޯތަކުން ވެސް ނުފެނޭ ބޯޓު އެއްވެސް އަރިއަކަށް އަރިވެފައި އޮތް އޭގެ މާނައަކީ ބޯޓު ނެތޭ ވަކި ސައިޑެއްގެ ވަކި ޓޭންކަކަށް އޭރު ވެސް ފެން ވަންނަން ފަށާފައެއް. އޭތި ހުރީ ހަމަ ބަރާބަރަށޭ. އަޅުގަނޑުގެ ކޮމަންސެންސް ގަބޫލެއް ނުކުރޭ މީގެ ހަލް ބްރީޗް ވާނެ އެއްވެސް ސަބަބެއް އޮތްކަމަކަށް ގޮސް ރާއްޖޭގެ ފަރަކަށް އެރިއަސްމުހައްމަދު ނާޒިމް
މިފަދަ ބޯޓުތަކުގައި ހުންނާނީ ވަކިވަކި ހައެއްކަ، އަށެކަށް ޓޭންކުތަކެއް ކަމަށާއި، އެއް ދިމާލެއް ޖެހުނަސް އަނެއް ހަ ޓޭންކު ހުންނާނީ ބަރާބަރަށްކަން ފާހަގަކުރައްވައި، އެ ދެ ބޯޓު އެއްފަހަރާ އަޑިއަށް ދިޔައީ ކިހިނެއްތޯ ނާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ކޮންމެވެސް ގޮތަކުން ވެލްވެއް ހުޅުވިގެން އިންޖީން ރޫމަށް ފެން ވަތްކަމުގައި ވީނަމަވެސް އަޑިއަށް ނުދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ނާޒިމް ވަނީ ދެ ބޯޓު އެކީ އަޑިއަށް ދިޔުމަކީ ވަރަށް ބޮޑު އަޖައިބެއް ގޮތުގައި ސިފަކުރައްވާފަ އެވެ. ހަމައެއާއެކު، ދެން އެ ދެ ބޯޓު އަޑިއަށް ދާން އޮތް ގޮތަކީ އަޑިއަށް ދުއްވާލުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އަޑިއަށް ދުއްވާލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓަށް ވުމާއިއެކު، މި ދެ ބޯޓު ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.





