ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި ވަރަށް ވުރެ ދަށަށް ޑޮލަރު ރޭޓު ތިރިވެއްޖެ: މިނިސްޓަރު ސައީދު
14 ސެޕްޓެމްބަރު 2026 | ހޯމަ 08:54މިނިސްޓަރު ސައީދު މިހެން ވިދާޅުވި ނަމަވެސް، މި ސަރުކާރު ހަވާލުވީއިރު ޑޮލަރުގެ ރޭޓު ހުރި މިންވަރަށް ދަށަށް ދިޔަ ކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައި ނުވޭ


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި މިންވަރަށް ވުރެ ދަށަށް މިހާރު ޑޮލަރުގެ ރޭޓު ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ހުރި ރޭޓަށް ވުރެ ޑޮލަރުގެ ރޭޓު ދަށަށް ގޮސްފައިވާ ކަމަށާއި އޭގެ މާނަ އަކީ ކުރީގެ ސަރުކާރު ބަދަލުވީއިރު ހުރި ރޭޓާ އެއް ބޭންޑުގައި ޑޮލަރުގެ ރޭޓު މިހާރު ހުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ޑޮލަރުގެ ރޭޓު ހުރީ ވަރަށް މަތީގައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ އިން އެ ރޭޓު ދަށްކުރެވިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވިޔަފާރިވެރިންނާއި ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. ހަމަ އެހެންމެ، ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިހާރު އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވީއިރު ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެނީ. މާނައަކީ ނިމި ދިޔަ ސަރުކާރު ބަދަލުވީއިރު ހުރި ބޭންޑުގައި އުޅޭ ކަމަށް މައުލޫމާތު ލިބެނީމުހައްމަދު ސައީދު
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އާޓިފިޝަލް ރޭޓެއް ގެންގުޅޭ ވާހަކަ އާއި މާކެޓުގައި ރުފިޔާ އެކްސްޗޭންޖް ރޭޓުގައި ހުންނަން ޖެހޭ މިންގަނޑަށް ނުހުންނަކަމުގެ ވާހަކަ މީގެ ކުރިން ދެއްކި ކަމަށެވެ. ރަސްމީ ރޭޓަކީ 15.42 ކަމަށާއި، މިހާރު އެކްސްޗޭންޖް ރޭޓު ދަށަށް ދާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވި ނަމަވެސް، މި ސަރުކާރު ހަވާލުވީއިރު ޑޮލަރުގެ ރޭޓު ހުރި މިންވަރަށް ދަށަށް ދިޔަ ކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައި ނުވެ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަނީ 23 ރުފިޔާއާ ހަމައަށް އަރައިފަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17 ރުފިޔާގަ އެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހަރުކަށި އިސްލާހުތަކެއް ގެނެސްފައިވާއިރު، އެކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރި ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.










