މާލޭގެ ޕާކިން ޒޯނުތަކުގައި ފައިސާ ދައްކައިގެން ޕާކު ކުރެވޭ ނިޒާމެއް ގާއިމުކުރަނީ
9 ސެޕްޓެމްބަރު 2026 | ބުދަ 08:21މިނިސްޓަރު ސައީދު ވިދާޅުވީ މާލޭގެ އިތުރު ސަރަހައްދު ތަކުގައި ހުރި ޕާކިން ސަރަހައްދުތައް، އަދި މަގުމަތީގައި ވެސް ޕާކު ކުރާ ސަރަހައްދުތައް ފާހަގަކޮށް ޑިޖިޓަލް ވަސީލަތްތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް


ކާރުތަކެއް ޕާކު ކޮށްފައިވާ މަންޒަރު | ސޯޝަލް މީޑިއާ
މޭލޭގެ ޕާކިން ޒޯނުތަކުގައި ފައިސާ ދައްކައިގެން ޕާކު ކުރެވޭ ނިޒާމެއް ގާއިމުކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ އަލަށް ހުޅުވި ސަރަހައްދުގައި ފައިސާ ދައްކައިގެން ޕާކު ކުރެވޭ ނިޒާމެއް ގާއިމުކުރުމަށް ވަސީލަތްތައް ބަހައްޓަމުންދާ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މާލޭގެ އިތުރު ސަރަހައްދުތަކުގައި ހުރި ޕާކިން ސަރަހައްދުތައް، އަދި މަގުމަތީގައި ވެސް ޕާކު ކުރާ ސަރަހައްދުތައް ފާހަގަކޮށް ޑިޖިޓަލް ވަސީލަތްތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ވަސީލަތްތަކުން ފައިސާ ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގަޑިއިރަކަށް ފައިސާ ދައްކަންޖެހޭ ނިޒާމަކަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގުގެ ޕާކިންގައި 500 އަށްވުރެ ގިނަ ވެހިކަލް ޕާކް ކުރެވޭ. މި ޕާކް ކުރެވޭއިރު އޮޑް އަވަރޒްތަކުގައި އޮފީސް ގަޑިތައް ނޫން ވަގުތު ތަކުގައި ކުޑަ ޕޭމަންޓެއް ދީގެން ޓަޗް އެންޑް ގޯ ސިސްޓަމްއެއް ގާއިމުކުރަން ވަސީލަތްތައް ގެނަސްފައި ވަނީ. ހަމައެގޮތުން މާލެ ތެރޭގެ އެހެން ހިސާބުތައް ފާހަގަކޮށް މަގުމަތީގަވެސް އެފަދަ ވަސީލަތައް ބޭނުންކުރަން އަޅުގަނޑުމެން އެބަ ވިސްނަންމުހައްމަދު ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން ހުޅުވާލި ޕާކިން އިމާރަތްތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި، މާލޭގެ ހީނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމުކުރުމަށް ބަޔަކު ހޯދާފައިވާ ކަމަށެވެ. އަދި މާލޭގެ އިތުރު ސަރަހައްދެއްގައި ޕާކިން އިމާރާތެއް އެޅުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް ނިމިގެންދާނެ ކަމަށެވެ. އަދި މާލޭގެ ޕާކިން އިމާރަތްތަކުގެ އަގު ކަނޑައަޅާނީ ސަރުކާރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.











