ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
14 ސެޕްޓެމްބަރު 2026 | ހޯމަ 02:11ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭގޮތުން އޮމާނުގައި ބާއްވަން އުޅުނު ސަރަހައްދީ ބައްދަލުވުން ފަސްކުރީ، ބިނާކުރަނިވި މަޝްވަރާތަކަކަށް ފުރުސަތު ދިނުމަށް. މި ބައްދަލުވުން ފަސްކޮށްފައި މި ވަނީ އީރާނާއެކު ސިޔާސީ ގުޅުން ގާއިމުނުކުރަނީސް ބަހްރެއިނުން މި މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި. އީރާނާއި އޮމާނުން މިހާރު ވަނީ މި މަޝްވަރާތަކުގެ އެޖެންޑާއާއި ގުޅިފައިވާ ބަޔާން ފައިނަލްކޮށްފައި

އީރާނުން ހުރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯއެއް | އެކްސް
ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އާ ކަނޑުގެ މަގެއް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، އޮމާންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސަލާލާގައި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ސަރަހައްދީ ބައްދަލުވުން ފަސްކޮށްފައިވާކަން އެ ގައުމުން އިއުލާންކޮށްފި އެވެ.
އޮމާންގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހުގެ ރޭ ބުނީ، މި ބައްދަލުވުން ފަހުގެ ތާރީޚަކަށް ފަސްކުރީ ބިނާކުރަނިވި މަޝްވަރާތަކަކަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިއީ، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް މަގުފަހިވާނެ، އަދި ސަރަހައްދުގެ ރައްޔިތުން އެދޭ ފަދަ އެއްބާރުލުމާއި ސުލްހަ ގާއިމުކުރެވޭނެ ދެމެހެއްޓެނިވި އެއްބަސްވުންތަކަކަށް ދިއުމަށް ބޭނުންވާ މާހައުލު އުފެއްދުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"އެންމެންގެ މެދުގައި އިއްތިފާގުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މާދަމާ ސަލާލާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސަރަހައްދީ ބައްދަލުވުން މިވަނީ ފަސްކުރެވިފައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް-ބޫސަޢީދީ ވިދާޅުވި އެވެ. އަދި، ސަރަހައްދުގެ ހަމަޖެހުމާއި ދެމެހެއްޓެނިވި އެއްބާރުލުމަށް އެހީތެރިވެދޭނެ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި އޮމާން ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ގައުމުތައް ހާމަކުރައްވަމުން، އޭނާގެ ޕޯސްޓާއެކު ބަހްރެއިން، އީރާން، އިރާގު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ކުވެއިތުގެ ދިދަ ވަނީ ހިމަނުއްވާފަ އެވެ. ނަމަވެސް، ބައްދަލުވުން ބާއްވާނެ އާ ތާރީޚެއް އޭނާ އިއުލާނެއް ނުކުރައްވަ އެވެ. އަދި ބައްދަލުވުން ފަސްކުރި ސަބަބުގެ ތަފްސީލެއް ވެސް ނުދެއްވަ އެވެ.
އޮމާން މަޝްވަރާތަކަށް ބަހްރެއިނުން ދެކޮޅު
މި ބައްދަލުވުން ފަސްކޮށްފައި މި ވަނީ، އީރާން ބައިވެރިވާ ސަރަހައްދީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަހްރެއިނުން އިންކާރުކުރިތާ އެއް ދުވަސް ފަހުންނެވެ. ބަހްރެއިންގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުނުކުރަނީސް، އީރާނާއެކު ބާއްވާ ވަޒީރުންގެ ފެންވަރުގެ އެއްވެސް ބައްދަލުވުމެއްގައި މަނާމާއިން ބައިވެރިނުވާނެ ކަމަށެވެ. ބަހްރެއިނުން މި ފަދަ ބަޔާނެއް ނެރުނީ، ހުރްމުޒް ކަނޑުއޮޅީގެ ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއް ބާއްވަން އުޅޭ ކަމަށް ފެތުރުނު ޚަބަރުތަކާ ގުޅިގެންނެވެ.

އީރާނާއި އޮމާންގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ހުރްމުޒް ކަނޑުއޮޅި މަތިން ފެންނަ މަންޒަރެއް. | އަނަދޮލޫ
އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހުކުރު ދުވަހު ވިދާޅުވީ، އޮމާނުގައި ބޭއްވުމަށް ތާވާލުކޮށްފައިވާ މި ބައްދަލުވުން އިންތިޒާމުކުރާނީ ތެހެރާނުން ކަމަށާއި، މިއީ ގަލްފުގެ އައްސޭރިފަށުގެ އަށް ގައުމެއްގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އެޖެންޑާގައި ހަމައެކަނި އޮތީ ހުރްމުޒްގެ މައްސަލަ
މީގެ އިތުރުން، އާދީއްތަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގިޖީ ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު އަދި ހަމައެކަނި އެޖެންޑާއަކީ ހުރްމުޒް ކަނޑުއޮޅީގައި ހަދާ އާ ކަނޑުގެ މަގާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އާ މަގު ކަނޑައެޅުމާ ގުޅޭ އެއްބަސްވުމާއި، ޗާޓުތަކާއި، އަދި އެ ކަމުގެ ތަފްސީލުތައް ހިމެނޭ ގުޅިފައިވާ ބަޔާނެއް އީރާނާއި އޮމާނުން މިހާރު ފައިނަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އޮމާނާއެކު ވެފައިވާ މި އެއްބަސްވުމުގެ މާނައަކީ އެއްވެސް ހާލެއްގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ނޫން ކަމަށް އަރާގިޖީ ވަނީ ވިދާޅުވެފަ އެވެ.
ބަހްރެއިނަކީ އެމެރިކާއާއެކު އީރާނުން ކުރިމަތިލުންތަކެއް ހިންގަމުންދާ ދަނޑިވަޅުގައި، އީރާނުގެ އަމާޒަކަށް ވެފައިވާ ގަލްފުގެ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އީރާނުގެ އަމާޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހްރެއިނުގައި ހުންނަ އީސާ އެއާބޭސް ހިމެނޭހެން، އެމެރިކާގެ ސިފައިންނާ ގުޅުން ހުރި ތަންތަނަށް ތެހެރާނުން މީގެ ކުރިން ހަމަލާދީފައިވެ އެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، ތެހެރާނުން ވަނީ މުޅި ސަރަހައްދުގައި ހުރި އިސްރާއީލާއި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދީފަ އެވެ.
އެމެރިކާއާއި އީރާނުން ޖޫން މަހު ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން 'އިސްލާމްއާބާދު މެމޮރެންޑަމް' ސުލްހައިގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދި އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ ހުއްޓިފަ އެވެ. އަދި، އޮގަސްޓް މަހު އެމެރިކާއިން އަލުން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމުން، އޭގެ ރައްދުގައި ތެހެރާނުން ވަނީ ވޮޝިންގޓަނާ ގުޅުން އޮންނަ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











