އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 19:30ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ މަޔޫން ޖަޒީރާ ހޫޘީންގެ ބާރުގެ ދަށަށް ގެނައުމަކީ އަސްކަރީ ގޮތުން އެ ޖަމާއަތުން ހޯދި ބޮޑު ކުރިއެރުމެއް ކަމަށް މުހައްލިލުން ބުނެފި. މި ބަދަލާއެކު ދުނިޔޭގެ މުހިންމު ކަނޑުގެ މަގުތަކަށް ބާރުފޯރުވުމަށް އީރާނަށް ފުރުސަތު ލިބި، ސައުދީއާ ގުޅުންހުރި އުޅަނދުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހޫޘީންނަށް އިތުރުވެގެންދާނެ

ޔަމަންގެ މަޔޫން ޖަޒީރާ | ޕްލެނެޓް ލެބްސް
ހޫޘީ ހަނގުރާމަވެރިން މަޔޫން ޖަޒީރާ (ނުވަތަ ޕެރިމް އައިލެންޑް) ހިފުމާއެކު، ރަތްކަނޑުގެ އިރުމަތީ އައްސޭރިފަށަށް އޮތް ބާރު ވަނީ ވަރުގަދަކޮށްފަ އެވެ. މީގެ ސަބަބުން ބާބުލް މަންދަބު ކަނޑުއޮޅީގައި ހޫޘީންނަށް އިސްތިރާތީޖީ ގޮތުން ބާރުގަދަ މަގާމެއް ވަނީ ލިބިފަ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޫޘީން އެ ރަށް ހިފިކަން ހުކުރު ދުވަހު ވަނީ ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ އިސް އަސްކަރީ އޮފިޝަލަކާއި ހޫޘީންގެ އޮފިޝަލަކު ކަށަވަރުކޮށްދީފަ އެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި، މިއީ އަސްކަރީ ގޮތުން ހޫޘީން ހޯދި ބޮޑު ކުރިއެރުމެކެވެ. ހޫޘީންނަށް އެ ރަށުގެ ކޮންޓްރޯލް ދަމަހައްޓައިފިނަމަ، ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބޭ ޔަމަން ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މިސްރާބު ބަދަލުވެގެންދާނެ އެވެ. އަދި މީގެ ސަބަބުން ސަރަހައްދީ ބާރުވެރިކަން ހޯދުމަށް އީރާނުން ކުރާ މަސައްކަތްތަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.
މަޔޫން ރަށް މުހިންމުވަނީ ކީއްވެ؟
މަޔޫން ރަށަކީ ރަތްކަނޑަށް ވަދެވެން އޮންނަ ހަނި ދެކުނު ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގެ މެދުގައި އޮންނަ 13 އަކަ ކިލޯމީޓަރުގެ އަލިފާން ފަރުބަދައިގެ ރަށެކެވެ.
2021 ވަނަ އަހަރު، ޔޫއޭއީއާ ގުޅުންހުރި އެއާބޭހެއް އެ ރަށުގައި ހަދަމުންދާ ކަމުގެ ރިޕޯޓްތައް ފެންމަތިވުމުން، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ އެ ރަށުގައި އެމީހުންގެ ހަރަކާތެރިވަމުންދާ ކަމަށް ބުނެފަ އެވެ. ޔޫއޭއީން މިދިޔަ އަހަރުގެ ނިޔަލަށް ޔަމަން ހަނގުރާމައިގައި ބައިވެރިވުން ހުއްޓާލައި ސިފައިން ބޭލި ނަމަވެސް، މަޔޫން ރަށުގައި ހުރި އެއާބޭހުގެ މިހާރުގެ ހާލަތެއް ސާފެއް ނޫނެވެ.
ބާބުލް މަންދަބު ދެ ކަފިވާ ގޮތަށް އޮންނަ މި ރަށް ކޮންޓްރޯލް ކުރުމުން، ހޫޘީންނަށް މިހާރު އެ ކަނޑުއޮޅީގައި އަސްކަރީ މަރުކަޒެއް ވަނީ ލިބިފަ އެވެ.
ބާބުލް މަންދަބު ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރަށް ނުހަނު މުހިންމު ތަނެކެވެ. އެއީ ރަތްކަނޑުގެ ދެކުނު ދޮރާއްޓެވެ. އަދި އޭގެ އުތުރު ކޮޅުގައި އޮންނަނީ ސުއޭޒް ކެނަލް އެވެ. މިއަހަރުގެ މާރިޗު މަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ސަބަބުން، އަރަބި ކަރައިގެ އަނެއް ފަރާތުގައި އޮންނަ ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ބާބުލް މަންދަބުގެ މުހިންމުކަން ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ.

ޔަމަނާއި ޖިބޫޓީގެ އިތުރުން އެރިތްރިއާގެ ދެމެދުގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅިއަކީ ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެއް. "ކަރުނައިގެ ދޮރާށި" ނުވަތަ "ގޭޓް އޮފް ޓިއާސް" ގެ ނަމުން ނަންދެވިފައިވާ މި ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަގު ނުވަތަ "ޗޯކް ޕޮއިންޓް" އެއް | އެލަމީ
ޔަމަނުން އަލްޖަޒީރާގެ ރިޕޯޓަރު ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޫޘީން މިހާރު ވަނީ ހަނީޝް ރަށާއި ޔަމަނުގެ ރަތްކަނޑުގެ މުޅި އައްސޭރިފަށް ހިމެނޭ ގޮތަށް ކަނޑުއޮޅީގެ ވަށައިގެންވާ ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ބުރާސްފަތި ދުވަހު ހޫޘީން ވަނީ ބަނދަރު ސިޓީއެއް ކަމަށްވާ މުޚާ ވެސް ހިފާފަ އެވެ.
ސަލާމަތީ އަދި ދިފާއީ މުހައްލިލެއް ކަމަށްވާ ވުލްފްގޭންގް ޕުސްޓައި ވިދާޅުވީ، ހޫޘީން ޔަމަނުގެ ރަތްކަނޑުގެ މުޅި އައްސޭރިފަށް ހިފުމުގެ މާނައަކީ، އެމީހުން ބޭނުންވެއްޖެ ހިނދެއްގައި ބާބުލް މަންދަބު ކަނޑުއޮޅިން ކުރާ ހުރިހާ ދަތުރުފަތުރެއް ހުއްޓުވުމުގެ ހަގީގީ ގާބިލުކަން މިހާރު އެމީހުންނަށް ލިބިފައިވުމެވެ.
މީގެ ސަބަބުން، ސައުދީގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ހޫޘީން ކުރާ ހަނގުރާމައިގައި އެމީހުންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. އަދި އެމެރިކާއާ ދެކޮޅަށް އީރާނުން ކުރާ މަސައްކަތުގައި، ދުނިޔޭގެ މުހިންމު ކަނޑުގެ މަގުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ތެހެރާނަށް އާ ފުރުސަތުތަކެއް ލިބި، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޕުސްޓައި އަލްޖަޒީރާއަށް ވިދާޅުވި އެވެ.
ޗެތަމް ހައުސްގެ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ ޕްރޮގްރާމްގެ ރިސާޗް ފެލޯ ފަރިއާ އަލް-މުސްލިމީ ވިދާޅުވީ، މި ކުރިއެރުމުގެ ސަބަބުން ހޫޘީންގެ "އެތެރެވަރީގެ" މަގްސަދުތައް ހާސިލުވުމުގެ އިތުރުން، ހަމައެކަނި ޔަމަންގެ މައްސަލައިގައި ނޫން، އެހެނިހެން ކަންކަމުގައި ވެސް އެމެރިކާ އާއި ދުނިޔެއާއެކު އީރާނުން ކުރާ މަޝްވަރާތަކުގައި އެގައުމުގެ މަގާމު ވަރުގަދަވެގެންދާނެ ކަމަށެވެ.
ބާބުލް މަންދަބު ކަނޑުއޮޅީގެ ދަތުރުފަތުރަށް މީގެ ސަބަބުން ކުރާނީ ކޮން އަސަރެއް؟
ހޫޘީން ބުނެފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުތައް ފިޔަވައި، ރަތްކަނޑާއި ބާބުލް މަންދަބުން ދަތުރުކުރާ އެހެން އާންމު އުޅަނދުތަކަށް އެމީހުންގެ ފަރާތުން ނުރައްކަލެއް ނެތެވެ. ސައުދީއާ ގުޅުންހުރި އުޅަނދުތައް ހޫޘީން ބްލޮކް ކުރާނެ އެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީޢު ވިދާޅުވީ، ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތައް ސައުދީން ބަންދުކޮށްފައިވާތީ، އޭގެ ބަދަލުހިފުމުގެ ގޮތުން "ބަންދުކުރުމުގެ ބަދަލުގައި ބަންދުކުރުން" އަދި "ހަމަލާގެ ބަދަލުގައި ހަމަލާދިނުމުގެ" ސިޔާސަތު ސައުދީއާ ދެކޮޅަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް، މީގެ ކުރިން ވެސް ހޫޘީން ވަނީ ސައުދީއާ އެއްވެސް ގުޅުމެއް ނެތް އުޅަނދުތަކަށް އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ހަމަލާދީފަ އެވެ.
2023 ނޮވެމްބަރުން ފެށިގެން 2025 ގެ މެދަކާ ހަމައަށް ހޫޘީން ވަނީ ރަތްކަނޑުން ދަތުރުކުރި 100 އަށްވުރެ ގިނަ ވިޔަފާރި އުޅަނދަށް ހަމަލާދީފަ އެވެ. ހޫޘީން ބުނާ ގޮތުގައި އެއީ ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން، އިސްރާއީލާއި އެގައުމުގެ ބައިވެރިންނާ ގުޅުންހުރި އުޅަނދުތަކަށް ދިން ހަމަލާތަކެކެވެ. ނަމަވެސް، ރޮއިޓާސް އާއި ބީބީސީ ވެރިފައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއްވެސް ގުޅުމެއް ނެތް ބައެއް އުޅަނދުތަކަށް ވެސް ހޫޘީން ވަނީ ހަމަލާދީފަ އެވެ.
ހޫޘީންގެ އަމާޒުތައް ސައުދީ އުޅަނދުތަކަށްވުރެ ފުޅާކޮށްފިނަމަ، އަލަށް ހިފި ސަރަހައްދުތަކުގެ ސަބަބުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުން އެމީހުންނަށް މާ ފަސޭހަވާނެ އެވެ.

އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނަށް ތާއީދުކުރާ ބަޔަކު ހަތިޔާރާއެކު | ގެޓީ އިމޭޖަސް
ޕުސްޓައި ވިދާޅުވި ގޮތުގައި، ހޫޘީންނަށް މިހާރު ދުރު ރާސްތާގެ ހަތިޔާރުގެ ބަދަލުގައި ކުރު ރާސްތާގެ މިސައިލް ބޭނުންކޮށްގެން އުޅަނދުތަކަށް ހަމަލާދެވޭނެ އެވެ. މީގެ ސަބަބުން، ހޫޘީން ހުއްދަ ނުދޭނަމަ އެ ކަނޑުއޮޅިން ދަތުރުކުރުމަކީ ނުރައްކާތެރި ކަމަކަށް ވެގެންދާނެ އެވެ.
އިގްތިސާދީ މާހިރު ޖާވިދު ހަސަން ވިދާޅުވީ، ރަތްކަނޑުގެ ދަތުރުފަތުރަށް އިތުރު ބުރޫއެއް އަރައިފިނަމަ، މިހާރުވެސް ދަތިތަކާ ކުރިމަތިވެފައިވާ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ޖާވިދު ހަސަން އަލްޖަޒީރާއަށް ވިދާޅުވީ، މުދާ އުފުލުމަށް ހުރަސް އެޅުމުގެ ކުރިން ވެސް، ހަނގުރާމައިގެ ނުރައްކަލުގެ އިންޝުއަރެންސް ފީ އާއި އުޅަނދުތައް ކުއްޔަށް ހިފާ އަގުތައް އުފުލިގެންދާނެ ކަމަށެވެ. އަދި މީގެ އަސަރު ހަމައެކަނި ތެލަށް ނޫން، ކޮންޓޭނަރު އުޅަނދުތަކަށާއި މުދަލުގެ އަގުތަކަށް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ކުރިމަތިވާ ސަޕްލައި ޝޮކް، އެއްފަހަރާ ގިނަ ބާވަތްތަކެއްގެ އަގު އުފުލޭ އިންފްލޭޝަނަރީ ޝޮކަކަށް ބަދަލުވެގެންދާނެ އެވެ.
ހޫޘީންނަށް އެ ރަށުގެ ކޮންޓްރޯލް ދެމެހެއްތޭނެތަ؟
ކިންގްސް ކޮލެޖް ލަންޑަންގެ އެސޯސިއޭޓް ޕްރޮފެސަރު އެންޑްރިއަސް ކްރީގް ވިދާޅުވި ގޮތުގައި، އެކަން ބިނާވެފައި އޮތީ ހޫޘީން ކުރިއަރަމުން އައި ވަގުތު އެ ރަށް ދޫކޮށް ފޭބި ސައުދީގެ އެހީތެރިކަން ލިބޭ ޔަމަން ސަރުކާރުގެ ފައުޖުތަކުން، އެ ރަށް އަނބުރާ ހޯދުމަށް ކުރާ މަސައްކަތެއްގެ މައްޗަށެވެ.
ކްރީގް އަލްޖަޒީރާއަށް ވިދާޅުވީ، ވަށައިގެންވާ ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށުގައި އޮތުމުން، ކުރު މުއްދަތަކަށް އެ ރަށް ދަމަހައްޓަން އެމީހުންނަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު، ކަނޑުމަގުން ދޭ ހަމަލާއަކުން އެ ރަށް ދިފާއުކުރުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަމަކު އެފަދަ ހަމަލާއެއް ދިނުމަކީ ވެސް ނުރައްކާތެރި ކަމެކެވެ.
ކްރީގް އިތުރަށް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ އެއްގަމުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި އެ ސަރަހައްދުގެ ފަހަތުގައިވާ ބިންތަކުގެ ކޮންޓްރޯލް ދެމެހެއްޓުން ކަމަށެވެ.
ޗެތަމް ހައުސްގެ ފާރިއާ އަލް-މުސްލިމީ ވިދާޅުވީ، ހޫޘީން ރަތްކަނޑުގެ އައްސޭރިފަށާއި އެ ޖަޒީރާ ހަލުވިކަމާއެކު ހިފުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ސައުދީގެ އެހީގައި ސަރުކާރުގެ ފައުޖުތައް ވަރުގަދަ ކުރަން އަހަރެއްހާ ދުވަހު މަސައްކަތް ކުރި ނަމަވެސް، އެ ފައުޖުތަކުގެ މެދުގައި ކޯޑިނޭޝަން ކުޑަވެފައި ހަތިޔާރު ބަލިކަށިވުމާއި، އަނެއްކޮޅުން ހޫޘީން އަހަރުތަކެއް ވަންދެން އެމީހުންގެ އަސްކަރީ ބާރު ވަރުގަދަކޮށްފައިވުމަކީ މީގެ ސަބަބެވެ.
އަޔަލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް ހޫޘީން އެދިފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ހޫޘީން އެމެރިކާއަށް "ގުޅި" ކަމަށެވެ. "އެމީހުން ބޭނުމެއް ނުވޭ އަހަރެމެންނާ ހަނގުރާމަކުރާކަށް، އެކަން އެމީހުން އަހަރެމެންނަށް އަންގައިފި،" ޓްރަމްޕް ވިދާޅުވި އެވެ.
"އެމީހުން ބޮޑަށް ބޭނުންވަނީ އަހަރެމެން މީގެ ތެރެއަށް ނުވަނުން. އަދި ގިނަ އުޅަނދުތަކަށް ދަތުރުކުރުމުގެ ފުރުސަތު އެމީހުން އެބަދޭ. އެމީހުން ހިތްހަމަނުޖެހޭ ގައުމެއް އެބައޮތް، އެކަން އަހަރެމެން ރަނގަޅު ކުރާނަން."
ޓްރަމްޕް އިތުރަށް ވިދާޅުވީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އޭނާގެ "ގާތް ރަހުމަތްތެރިއެއް" ކަމަށާއި، "ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ" ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ









