Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔަމަން

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:11

ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، މިއީ އީރާނުގެ މަދަދާއެކު ދުނިޔޭގެ ސްޓްރެޓީޖިކް ކަނޑުގެ މަގުތަކުގެ ކޮންޓްރޯލް ހޯދުމަށް އެ ޖަމާއަތުން ހޯދި ބޮޑު ކާމިޔާބީއެއް. މި ކުރިއެރުމާއެކު ބައިނަލްއަގުވާމީ ވިޔަފާރިއާއި ތެލުގެ ސަޕްލައިއަށް ނުރައްކާވެފައިވާއިރު، އެމެރިކާއާއި ސައުދީން މިކަމާ ކަންބޮޑުވުން ފާޅުކުރޭ

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:11

މުޚާ މިނިވަންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، މުޙައްމަދު ޢަލީ އަލް-ޙޫޘީ އެ ސިޓީގައި ޕިކަޕެއްގެ ފަހަތުގައި އިންނަވަނިކޮށް ފެންނަ މަންޒަރެއް | ޑީޑީ ޖިއޯޕޮލިޓިކްސް

ޔަމަނުގެ ހަނަފަސް އައްސޭރިފަށުގެ ދެކުނު ސަރަހައްދުތަކަށް ހޫޘީން ހަލުވިކަމާއެކު ކުރިއަރަމުންދާ ދިއުމަކީ، މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކަށް ކުއްލި ސިއްސުމެއް ގެނުވި ކަމެކެވެ.

މި ފަހަކާ ޖެހެންދެން، "ނޭޝަނަލް ރެސިސްޓަންސް" ގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީންނާ އިދިކޮޅު ކޯލިޝަނުން ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދިޔަ އެވެ. ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މީގެ ބޮޑު ބައެއް މިހާރު ވަނީ ހޫޘީންގެ ބާރުގެ ދަށަށް ގޮސްފަ އެވެ.

ބައެއް އަންދާޒާތަކުން ދައްކާގޮތުގައި، އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރިން ވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު އައްސޭރިފަށުގެ 130 ކިލޯމީޓަރު (81 މޭލު) ގެ ސަރަހައްދެއް ހިފާފަ އެވެ.

މިއީ ފާއިތުވި ފަސްވަރަކަށް އަހަރު ތެރޭގައި އެ ޖަމާއަތުން ހޯދި އެންމެ ފާހަގަކޮށްލެވޭ އަސްކަރީ ކާމިޔާބީ އެވެ. މީގެއިން ސާބިތުވަނީ 12 އަހަރަށް ދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައާއި، ސައުދީ އަރަބިއްޔާގެ ވަރުގަދަ ވައިގެ ހަމަލާތަކާއި، އެމެރިކާ، އިސްރާއީލު އަދި އިނގިރޭސިވިލާތުގެ ހަމަލާތަކާ އެކުވެސް، ހޫޘީންނަކީ އަދިވެސް ބާރުގަދަ ބައެއްގެ ގޮތުގައި ދެމިތިބި ބައެއް ކަމެވެ.

ހޫޘީންނާއި އިދިކޮޅު ފަރާތްތަކަށް ލިބުނު ކުއްލި ސިއްސުމާއި، އެމީހުންގެ އަޒުމް ބަލިކަށިވެފައިވުމާއެކު، ކައިރި މުސްތަގުބަލެއްގައި އެ ސަރަހައްދުތަކުން ހޫޘީން ބޭރުކޮށްލެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ ޕީސްގެ ސީނިއާ އެނަލިސްޓް ހިޝާމް އަލް-އޮމައިސީ ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، މިހާރު ހޫޘީން އެ ސަރަހައްދުތަކުގައި ވަރުގަދައަށް ފައިތިލަ ސާބިތުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން އެތަނުން ބޭރުކުރުމަކީ ކުރިއަށްވުރެ މާ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

އަދި ހޫޘީންނަކީ އެކަނި މަސައްކަތްކުރާ ބައެއް ނޫނެވެ. އެމީހުންނަށް އީރާނުގެ ފުރިހަމަ އެހީތެރިކަން ލިބެ އެވެ. ލުބުނާނުގެ ހިޒްބުالله އާއި، ޣައްޒާގެ ހަމާސް އަދި ސޫރިޔާގެ އަސަދު ސަރުކާރު ހިމެނޭ އީރާނުގެ "އެކްސިސް އޮފް ރެސިސްޓަންސް" އަށް ކުރިމަތިވި ނާކާމިޔާބީތަކަށްފަހު، ތެހެރާނަށް ހޫޘީންގެ މުހިންމުކަން މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ.

އަލް-އުމައިސީ ބުނި ގޮތުގައި، އީރާނުން މިހާރު ވަނީ އެމީހުންގެ އެހީތެރިކަން ހޫޘީންނަށް އަމާޒުކޮށްފަ އެވެ. އަދި ހޫޘީންނަށް އެ އެހީތެރިކަން މިވަގުތު ނުހަނު ބޭނުންވެ އެވެ.

ހޫޘީންނަކީ ހަމައެކަނި އީރާނުން ބުނާ ގޮތަށް ހަރަކާތްތެރިވާ ބައެއް ކަމަށް ބުނުމަކީ ގޯހެއް ކަމަށް ގިނަ ދިރާސާވެރިން އެއްބަސްވި ނަމަވެސް، ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުން އާ ހަގީގަތެއް ވަނީ ހާމަވެފަ އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފެށިތާ ހަތް މަސް ފަހުން، ތެހެރާނުގެ ބާރު މިހާރު ވަނީ ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ ދެ މަގަކަށް ފެތުރިފަ އެވެ. އެއީ ފާރިސީ ކަނޑުއޮޅީގެ ދޮރާށި ކަމަށްވާ ހުރްމްޒް ކަނޑުއޮޅިއާއި، ރަތްކަނޑާއި ސުއޭޒް ކަނަލްއަށް ވަދެވެން އޮންނަ ބާބުލް މަންދަބު ކަނޑުއޮޅި އެވެ.

ލަންޑަންގެ ޗެތަމް ހައުސް ތިންކް ޓޭންކްގެ ރިސާޗް ފެލޯ ފަރިއާ އަލް-މުސްލިމީ ވިދާޅުވީ، އީރާނުން ސީދާ ގޮތުންނާއި އެގައުމުގެ މަދަދުލިބޭ ޖަމާއަތްތައް މެދުވެރިކޮށް، މެދުއިރުމައްޗާއި ދުނިޔޭގެ އެންމެ ސްޓްރެޓީޖިކް ދެ ސަރަހައްދު މިހާރު ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ތެލާއި ހަކަތައިގެ ވިޔަފާރީގެ 35 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު އޮތީ އެމީހުންގެ ބާރުގެ ދަށުގައި ކަމަށް އޭނާ ފާހަގަކުރި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ނިއުކްލިއާ ބޮމެއް އަތުގައި އޮތުމާ އެއްވަރުގެ ބާރެއް ކަމަށެވެ.

ބާބުލް މަންދަބުގެ އެންމެ ހަނި ސަރަހައްދުގައި އޮންނަ ޕެރިމް ޖަޒީރާ ހިމެނޭހެން، ރަތްކަނޑުގެ މުހިންމު ރަށްތަކެއްގެ ކޮންޓްރޯލް ހޫޘީން ހޯދައިފިނަމަ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހުރަސް އެޅުމުގެ ގާބިލްކަން އެ ޖަމާއަތަށް ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހޫޘީން އަމަލުކުރި ގޮތުން ސާބިތުވި ގޮތުގައި، ރަތްކަނޑުން ދަތުރުކުރާ އުޅަނދުފަހަރަކީ ހޫޘީންގެ މިސައިލާއި، ޑްރޯން އަދި ކުދި ހަމަލާދޭ ބޯޓުފަހަރުގެ ނުރައްކާ އިންތިހާއަށް އޮތް އުޅަނދުތަކެކެވެ.

ޔަމަނުގެ މައްސަލަތަކާ ބެހޭ މާހިރު އަޔޯނާ ކްރެއިގް ހުކުރު ދުވަހު ބީބީސީ ރޭޑިއޯ 4 ގެ ޓުޑޭ ޕްރޮގްރާމްގައި ވިދާޅުވީ، މި ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށަށް ނުދާއިރުވެސް، ބާބުލް މަންދަބުން ވަދެ ނިކުމެވާ އުޅަނދުތައް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އެމީހުންގެ ކިބައިގައި ހުރި ކަމަށެވެ. ނަމަވެސް، މިހާރު ބާބުލް މަންދަބަށް ސީދާ ނަޒަރު ހިންގޭ ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުން، އެމީހުންގެ ބާރު މާ ބޮޑަށް ގަދަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު ހޫޘީންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި، ސައުދީ އަރަބިއްޔާގެ އުޅަނދުފަހަރު ފިޔަވައި އެހެން ހުރިހާ ކުންފުނިތަކެއްގެ އުޅަނދުތަކަށް ކަނޑުދަތުރުފަތުރު ކުރުން އަމާންވާނެ ކަމަށް ބުނި ނަމަވެސް، ޝިޕިން ކުންފުނިތަކުން މި ވާހަކަ ގަބޫލުކުރުން ދުރެވެ.

މީގެ ކުރިން ދިން ހަމަލާތަކުގައިވެސް ހޫޘީން ބުނަމުންދިޔައީ އެމީހުން އަމާޒުކުރަނީ ހަމައެކަނި އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް ކަމަށެވެ. ނަމަވެސް، ހަގީގަތުގައި އެއްވެސް ގުޅުމެއް ނެތް އުޅަނދުތަކަށްވެސް ހަމަލާދީފައިވެ އެވެ. އޭގެ ތެރޭގައި ނޯވޭގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއްވެސް ހިމެނެ އެވެ.

ކްރެއިގް ވިދާޅުވި ގޮތުގައި، 2025 ވަނ އަހަރުގެ ބަހާރު މޫސުމުގައި އެމެރިކާއިން ދިން ވަރުގަދަ ވައިގެ އަދި ކަނޑުގެ ހަމަލާތައް ނުވަތަ "އޮޕަރޭޝަން ރަފް ރައިޑާ" ފަދަ ހަމަލާތަކެއް އަލުން އަތުވެދާނެތީ ބިރުން، ވަކި ބެލުމެއް ނެތި ހަމަލާދިނުމުން ހޫޘީން ދުރުހެލިވުން އެކަށީގެންވެ އެވެ. އެމެރިކާގެ ނުރުހުމާއި ބާރުގެ ރަހަ އެމީހުން މިހާރުވެސް ވަނީ ތަޖުރިބާކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމެރިކާއިން އަލުން މިކަމުގެ ތެރެއަށް ވަންނަން ބޭނުންވާނެ ހެއްޔެވެ؟

ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައަކީ މިހާރުވެސް އާންމުންގެ މެދުގައި މަގުބޫލު ކަމެއް ނޫނެވެ. ތެލުގެ އަގު އަނެއްކާވެސް އުފުލެމުންދާއިރު، އާ ހަނގުރާމައެއް ފެށުމަކީ ޓްރަމްޕްގެ މަގުބޫލުކަން އިތުރުވާނެ ނުވަތަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ފައިދާވާނެ ކަމެއް ކަމާމެދު ޝައްކެވެ.

އެކްސިއޯސް ވެބްސައިޓުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާއިން މިކަމުގެ ތެރެއަށް ވަނުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރެއްވި އިލްތިމާސްތަކަށް މިހާތަނަށް އެމެރިކާއިން އިޖާބައެއް ދީފައެއް ނުވެ އެވެ.

އެކްސިއޯސްއިން ލިޔެފައިވާ ގޮތުގައި، ޔަމަނުގައި ހަނގުރާމަ ވަރުގަދަވަމުންދާތީ އެމެރިކާއިން ކަންބޮޑުވެ އެވެ. އަދި ސައުދީއަށް ދޭ އެހީތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ސީދާ އަސްކަރީ ގޮތުން ހަނގުރާމައިގެ ތެރެއަށް ވަނުމުން ދުރުހެލިވުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާ ކަންބޮޑުވަނީ ހަމައެކަނި ބާބުލް މަންދަބަށް އޮތް ނުރައްކަލަކުންނެއް ނޫނެވެ.

މި އަހަރުގެ ކުރީކޮޅު ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ތެޔޮ އެކްސްޕޯޓް ކުރުމަށް އޮތް އެންމެ މުހިންމު ބަދަލު މަގު ކަމަށްވާ ސައުދީގެ "އީސްޓް-ވެސްޓް" ހޮޅިލައިނަށް ހޫޘީން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެ އެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތައް އިތުރުކުރުމަށް އީރާނުގެ ބައިވެރިން ކުރާ މަސައްކަތެއްކަން އެނގެ އެވެ.

މި ހަމަލާ ދިނުމަށް އީރާނުން ސީދާ އަމުރު ނުކުރި ނަމަވެސް، މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އީރާނަށެވެ.

ލަންޑަންގެ ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ ރިސާޗަރު ބަރާއާ ޝައިބާން ވިދާޅުވީ، 2022 ވަނ އަހަރު އދ. މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، މިހާރު މި ފެންނަ އެންމެ ވަރުގަދަ ކުރިމަތިލުންތަކުގެ އަސްލު ގުޅިފައިވަނީ ޖުލައި މަހާ ކަމަށެވެ. އެއީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ ޚާމަނާއީގެ ޖަނާޒާއަށް ހޫޘީންގެ ވަފުދެއް ދިޔަ ދުވަސްވަރެވެ.

އޭނާ ވިދާޅުވީ، އެ ދަތުރަށްފަހު ވަގުތުން ހަމަލާތައް ވަރުގަދަވާން ފެށި ކަމަށާއި، ރަތްކަނޑުގައި އީރާނުގެ ނުފޫޒު ގަދަކުރުމަށް އެގައުމުން ނިންމާފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ޔަމަނުގައި އަލުން ފުރިހަމަ ހަނގުރާމައެއް ފެށުމުގެ ބިރު އޮތްއިރު، ރަތްކަނޑުގެ އިގްތިސާދީ މަގުތައް ރައްކާތެރިކުރުމަށް ސައުދީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޑޮނަލްޑް ޓްރަމްޕް މިކަމުގެ ތެރެއަށް ވަންނަން ބޭނުންނުވުމާއެކު، އެމެރިކާއާއި އީރާނުގެ ކުރިމަތިލުން މިވަނީ އާ އަދި ނުރައްކާތެރި މަރުހަލާއަކަށް ގޮސްފަ އެވެ.

12 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، ބޮން އެޅުމާއި، ބަނޑުހައިހޫނުކަމާއި ފަގީރުކަމުގައި ތިބި ޔަމަނުގެ ރައްޔިތުންނަށް، މި ފަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާނީ އިތުރު ތަކުލީފުތަކެކެވެ.

މަސްދަރު: ބީބީސީ

ޔަމަންހޫޡީސައުދީ-ޔަމަން

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026

ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް

11 ސެޕްޓެމްބަރު 2026
ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް
11 ސެޕްޓެމްބަރު 2026

ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!

11 ސެޕްޓެމްބަރު 2026
ހޫޘީން ހޯދާ ކާމިޔާބީގެ ސިއްރަކީ އީރާނުން ފޯރުކޮށްދޭ ހަތިޔާރާއި އިރުޝާދު!
10 ސެޕްޓެމްބަރު 2026

ޔަމަނުގެ މުހިންމު ރަށެއް ކަމަށްވާ މުޚާ ހޫޘީންގެ ބާރުގެ ދަށަށް: މީގެ މުހިންމުކަމަކީ ކޮބައި؟

10 ސެޕްޓެމްބަރު 2026
ޔަމަނުގެ މުހިންމު ރަށެއް ކަމަށްވާ މުޚާ ހޫޘީންގެ ބާރުގެ ދަށަށް: މީގެ މުހިންމުކަމަކީ ކޮބައި؟
08 ސެޕްޓެމްބަރު 2026

ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި

08 ސެޕްޓެމްބަރު 2026
ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި
08 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި

08 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
05 ސެޕްޓެމްބަރު 2026

ޔަމަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް، ބައެއް ރަށްތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް

05 ސެޕްޓެމްބަރު 2026
ޔަމަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް، ބައެއް ރަށްތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް
15 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި

15 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
12 އޯގަސްޓު 2026

ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް

12 އޯގަސްޓު 2026
ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް