އިސްރާއީލުން ލުބުނާނާއި ސޫރިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
13 ސެޕްޓެމްބަރު 2026 | އާދީއްތަ 07:52އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އާންމުންގެ ގިނަ ގެދޮރުތަކެއް ސުންނާފަތިވެ، ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވޭ. މީގެ އިތުރުން، ސޫރިޔާގެ ދެކުނުގެ އަވަށެއް ކަމަށްވާ ބައިތު ޖިންއާއި މާރިޔާ އަވަށުގެ އާންމުންގެ ގެތަކަށްވެސް އިސްރާއީލު ސިފައިން ވަނީ ބަޑީގެ ހަމަލާތަކެއް އަމާޒުކޮށްފައި

ލުބުނާނުގެ ދެކުނުގައިވާ ކަފްރް ރޫމާން އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވި އިމާރާތެއްގެ ދަށުން މީހުން ހޯދުމުގެ މަސައްކަތުގައި ރެސްކިއު ވޯކަރަކު ހަރަކާތްތެރިވަނީ. މި ހަމަލާ ދީފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު | އޭޕީ
އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި އާންމުންގެ ގެދޮރަށާއި އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ސޫރިޔާގެ ދެކުނުގައި އޮންނަ ދިމިޝްގުގެ ރަށްބޭރުގެ އަވަށެއް ކަމަށްވާ ބައިތު ޖިންއަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ އަލް-މަންސޫރީއަށް ދިން ހަމަލާތަކުގައި 30 އަށްވުރެ ގިނަ ގޮވާތަކެތީގެ އަޑު އިވިފައިވެ އެވެ.
އިސްރާއީލުގެ ޑްރޯންތަކުން ގޮވާތަކެތި އަޅާފައި ހުރި ކޮންޓޭނަރުތަކެއް އެ ރަށަށް ވައްޓާލުމުގެ ސަބަބުން، އާންމުންގެ ގިނަ އަދަދެއްގެ ގެދޮރު ވަނީ ސުންނާފަތިވެފަ އެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ތައިރް، ނަބަތިއްޔާ، ބިންތު ޖުބައިލް އަދި މަރުޖަޔޫން ޑިސްޓްރިކްޓްތަކަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، އިސްރާއީލު ސިފައިން ވަނީ އެ ސަރަހައްދުތަކުގައި ގޮއްވުންތަކާއި ބަޑީގެ ހަމަލާތައް ކުރިއަށް ގެންގޮސްފަ އެވެ.
ޚިޔާމް ސަރަހައްދުގައި ދިން ބާރުގަދަ ހަމަލާއެއްގެ ސަބަބުން ކައިރީގައި ހުރި އަވަށްތަކުގެ އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، ޑްރޯންއަކުން އާންމުންގެ ގެދޮރަށް ގޮވާތަކެތި އެޅުމުގެ ސަބަބުން އެ ތަންތަނުގައި ވަނީ އަލިފާން ރޯވެފަ އެވެ.
ހޮނިހިރު ދުވަހު ދިން މި ހަމަލާތަކުގައި މީހަކަށް އަނިޔާވިކަމުގެ ނުވަތަ މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އިސްރާއީލުން ހިފާފައިވާ ބިންތަކުގެ ބޯޑަރު ކައިރީގައި އޮންނަ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުގެ ޓޭންކުތައް ވަދެފައިވާއިރު، އިސްރާއީލު ސިފައިން ވަނީ އަރުނޫން އަވަށަށާއި ވާދީ ސަލޫކީ ސަރަހައްދަށް ބަޑީގެ ހަމަލާތަކާއި ގޮއްވުންތައް އަމާޒުކޮށްފަ އެވެ.
ލުބުނާނުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4,400 އެއްހާ މީހުން މަރުވެ، 12,500 މީހުން ވަނީ ޒަޚަމްވެފަ އެވެ.
ދިހަވަރަކަށް އަހަރު ވަންދެން ހިފާފައިވާ ބިންތަކާއި، ފަހުގެ ހަނގުރާމަތަކާއި އަސްކަރީ ހަމަލާތަކުގައި އަތުލާފައިވާ ބިންތައް ހިމެނޭހެން، ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގަ އެވެ.
މީގެ އިތުރުން ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި، އިސްރާއީލު ސިފައިން ވަނީ ބައިތު ޖިން އަވަށުގެ ހުޅަނގުން އޮންނަ ދަނޑުވެރިކަން ކުރާ ބިންތަކަށް ބަޑީގެ ހަމަލާތަކެއް ދީފަ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ތަކުރާރުކޮށް ބައިތު ޖިން އަވަށަށާއި އެ އަވަށުގެ ވަށައިގެންވާ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އިސްރާއީލުގެ ޑްރޯންއަކުން ބައިތު ޖިން މަގުން ދަތުރުކުރި އާންމުންގެ ކާރަކަށް ހަމަލާދީ ބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. އެ ހަމަލާއަށްފަހު، އދ. ގެ ޑިސްއެންގޭޖްމަންޓް އޮބްޒާވަރ ފޯސްއިން ވަނީ އެ ސަރަހައްދަށް ޒިޔާރަތްކޮށް ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްރާއީލު ސިފައިން ވަނީ ދަރްއާގެ ހުޅަނގު ރަށްބޭރުގައި އޮންނަ މާރިޔާ އަވަށުގެ އާންމުން ދިރިއުޅޭ ގެތަކަށްވެސް ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުނު ފަހުން، ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދޭ އަސްކަރީ ހަމަލާތަކާއި ބިންތަކަށް ވެރިވެގަތުމުގެ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.











