މޯދީއާއި ޝީގެ ބައްދަލުކުރެއްވުން: ބޯޑަރުގެ މައްސަލަތައް ހައްލުކުރަން މުހިންމު މަޝްވަރާތަކެއް
13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:53އިންޑިޔާއާއި ޗައިނާގެ މެދުގައި އޮތް ބޯޑަރުގެ މައްސަލައަށް ދެ ފަރާތުން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުމަށް ބޮޑުވަޒީރު މޯދީއާއި ރައީސް ޝީ އެއްބަސްވެވަޑައިގަންނަވައިފި. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ޓަކައި އިހުތިރާމްކުރުމާއި މަސްލަހަތަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް ދެ ލީޑަރުން ވަނީ އިއްތިފާގުވެވަޑައިގަންނަވާފައި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ބައްދަލުކުރައްވަނީ | އޭއެންއައި
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި މައްސަލަ އުފެދިފައިވާ ބޯޑަރުގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ހާމަކޮށްފި އެވެ. 11 ގައުމުގެ މައްޗަށް އެކުލެވޭ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޝީ ނިއު ދެއްލީއަށް ކުރެއްވި މި ދަތުރުފުޅަކީ 2019 ވަނަ އަހަރަށް ފަހު އަވަށްޓެރި އިންޑިޔާއަށް އޭނާ ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިއީ ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިޔާއާއި ޗައިނާއާ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ފިޔަވަޅު ކަމަށް ވެސް ބެލެވެ އެވެ. ބްރިކްސް އަކީ ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ގޮތަށް އުފައްދާފައިވާ އިއްތިހާދެކެވެ.
ނިއު ދެއްލީން އާންމުކުރި ވީޑިއޯއެއްގައި، މޯދީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވީ، ދެ ގައުމުގެ މެދުގައި ގިނަ ކަންތައްތަކެއްގައި ތަފާތުތަކެއް ހުރި ނަމަވެސް، އެއް ގައުމު އަނެއް ގައުމުގެ ވަރުގަދަ ސިފަތަކުން ފައިދާ ހޯދައި، އެކަކު އަނެކަކަށް އެހީތެރިވެ، ދެ ފަރާތަށް ވެސް ކާމިޔާބީ ލިބޭނެ ގޮތަށް އެކުގައި ކުރިއަށް ދިއުމުގެ ފުރިހަމަ ގާބިލުކަން އެބައޮތް ކަމަށެވެ. މި ބައްދަލުވުމަށް ފަހު އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ބޯޑަރުގެ މައްސަލައަށް އިންސާފުވެރި، ހަމަޖެހޭ އަދި ދެ ފަރާތަށް ވެސް ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުމަށް ދެ ގައުމުގެ ލީޑަރުން އިތުބާރު ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ބޯޑަރާ ގުޅުންހުރި މައްސަލަތަކުގައި މިހާރު ހުރި އެއްބަސްވުންތަކަށް ދެ ފަރާތުން ވެސް އިހުތިރާމްކުރުމުގެ މުހިންމުކަން މޯދީ ފާހަގަކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި ބޯޑަރުގެ މައްސަލަ ހައްލުކުރުމުގައި ދެ ފަރާތުން ވެސް ދެމިތިބެންޖެހޭ ކަމަށެވެ. އަދި، ބޯޑަރު ސަރަހައްދުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ވުޒާރާއިން ބުނީ، ޝީއާއި މޯދީ ވަނީ އިހްލާސްތެރިކަމާ އެކު ފުންކޮށް މަޝްވަރާކުރައްވައި، ޗައިނާއާއި އިންޑިޔާއަކީ ބައިވެރިންގެ ގޮތުގައި ތިބެންޖެހޭނެ ކަމުގެ މުހިންމުކަމަށް އިއްތިފާގުވެ ވަޑައިގަންނަވާފައި ކަމަށެވެ. މީގެ އިތުރުން، ޗައިނާއިން އިންޑިޔާއާ މެދު ގުޅުން ބާއްވަނީ "އިސްތިރާޖީ އަދި ދިގު މުއްދަތުގެ ތަސައްވުރެއްގެ" މައްޗަށް ބިނާކޮށްގެން ކަމަށް ޝީ ފާހަގަކުރެއްވި އެވެ. ޝީ ވިދާޅުވީ، "ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ބޮޑުވަޒީރު މޯދީއާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން އަލުން ފަށައި، އިތުރަށް ރަނގަޅު ކުރުމަށް މަގުދައްކައިދީފައިވާނެ،" ކަމަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ބައްދަލުކުރައްވަނީ | އޭއެފްޕީ
ޗައިނާގެ ރައީސް އިންޑިޔާއަށް މި ކުރެއްވި ދަތުރުފުޅަކީ، ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި އަސްކަރީ ކުރިމަތިލުމަށް ހަ އަހަރު ފުރުނު ފަހުން ކުރެއްވި ދަތުރުފުޅެކެވެ. އެ ހާދިސާއަށް ފަހު، ފްލައިޓްތައް އަލުން ފެށުމާއި، ވިސާ ދޫކުރުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ ޒަރިއްޔާއިން ދެ ގައުމުގެ ގުޅުން ވަނީ މަޑުމަޑުން ރަނގަޅުވާން ފަށާފަ އެވެ. ނަމަވެސް، ބޯޑަރުގެ މައްސަލަ އަދިވެސް އޮތީ ހައްލުނުވެ އެވެ. އަދި ޓިބެޓް ސަރަހައްދުގައި އޮންނަ ގާތްގަނޑަކަށް 3,500 ކިލޯމީޓަރުގެ އުސް ބޯޑަރު ސަރަހައްދުގައި ދެ ގައުމުން ވެސް ވަނީ ގިނަ އަދަދެއްގެ ސިފައިން ރުކުރުވާލާފަ އެވެ.
ގުޅުންތައް ބަދަހިކުރުމަކީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތް
ޗައިނާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނީ، ދެ ގައުމުގެ ހާލަތު ތަފާތު ނަމަވެސް، އެއް ގައުމުން އަނެއް ގައުމުގެ ރައްޔިތުންގެ ވަރުގަދަ ސިފަތަކުން ނަމޫނާ ނަގައި، އެހީތެރިވެ، ކާމިޔާބީ ހޯދުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި، ބަދަލުވަމުންދާ އަދި ހަލަބޮލިވަމުންދާ ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުގެ މައްޗަށް ވެސް "މުހިންމު ޒިންމާތަކެއް" އެބައޮތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަނެއްކޮޅުން އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، "ޚިޔާލު ތަފާތުވުންތަކަކީ ދެބަސްވުންތަކަކަށް ވެގެންނުވާނެ،" ކަމަށް ބުނެފައިވެ އެވެ. އަދި، ދެ ފަރާތުން ވެސް ތިން އަސާސެއްގެ މައްޗަށް ބިނާވެ ތިބެންޖެހޭނެ ކަމަށް މޯދީ ވިދާޅުވި ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެއީ، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، އެކަކު އަނެކަކުގެ އިހުސާސްތަކަށް ބެލުމާއި، އަދި ދެ ގައުމުގެ މަސްލަހަތަށް އިސްކަންދިނުން ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އިންޑިޔާއަކީ "މިނިވަން" ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ކަމަށާއި، ޗައިނާއާއެކު ބާއްވާ ގުޅުމަށް އެއްވެސް ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ. އެ ބަޔާނުގައި ވާ ގޮތުން، "ޓައިވާނާއި ޓިބެޓްގެ މައްސަލަތަކުގައި އިންޑިޔާގެ ސިޔާސަތާއި ގެންގުޅޭ ގޮތަށް ބަދަލެއް ނާދޭ. އަދި، އިންޑިޔާގެ ފަސްގަނޑުގައި ޗައިނާއާ ދެކޮޅު ހަރަކާތްތައް ހިންގުމަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެ،" ކަމަށް ވެސް ޗައިނާގެ ބަޔާނުގައިވެ އެވެ.
"ޗައިނާއާއި އިންޑިޔާއަކީ ވާދަވެރިންގެ ބަދަލުގައި ބައިވެރިން ކަމަށާއި، އެއީ އެއް ގައުމު އަނެއް ގައުމަށް އޮތް ބިރެއްގެ ބަދަލުގައި ކުރިއެރުމަށް ލިބޭ ފުރުސަތެއް" ކަމަށް ޝީ ވިދާޅުވި ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. އަދި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ސީދާ ދަތުރުފަތުރުގެ ފްލައިޓްތައް އިތުރުކުރުމާއި، އާންމު ރައްޔިތުންގެ މެދުގައި ދެ ގައުމުގެ ގުޅުމާ މެދު އޮންނަ ތަސައްވުރު ރަނގަޅު ކުރުމަށް އެހެނިހެން ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޝީ ވިދާޅުވި އެވެ. މީގެ އިތުރުން، ބްރިކްސްގެ ރިޔާސަތު ބެލެހެއްޓުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށާއި، އދ. އާއި، ޝަންގހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން އަދި ޖީ20 ގައި ގުޅިގެން މަސައްކަތް ކުރުމަށް ޝީ ގޮވާލެއްވި އެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އެކުގައި މަސައްކަތްކޮށް، ބައިނަލްއަގުވާމީ އިންސާފާއި ހަމަހަމަކަން ދެމެހެއްޓެވުމަށް ވެސް ޝީ ބާރުއެޅުއްވި އެވެ.
މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއަށް ވެސް ބޮޑު ސަމާލުކަމެއް ދީފައިވެ އެވެ. އިންޑިޔާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާއަކީ މިހާރު އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ. 2025 އިން 2026 އަށް ހިނގާ މާލީ އަހަރުގައި ދެ ގައުމުގެ މެދުގައި ކުރެވުނު މުދަލުގެ ވިޔަފާރީގެ އަގު ވަނީ 151 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފަ އެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް މަޑުމަޑުން އަލުން ފެށިފައިވާ ކަމަށާއި، އެއްބާރުލުން ދޭ ދާއިރާތައް އިތުރުވަމުން ގޮސް، ވިޔަފާރީގެ މިންވަރު އާ އުސްމިނަކަށް ގޮސްފައިވާ ކަމަށެވެ. "ދެ ފަރާތުން ވެސް އަތާއަތް ގުޅާލައިގެން، މާލީ ދާއިރާގެ ބޮޑެތި މަޝްރޫއުތަކުގައި އެއްބާރުލުން ދީ، ހަމަހަމަ އަދި ދެމެހެއްޓެނިވި ދުނިޔޭގެ ނިޒާމަކަށް ވަކާލާތުކޮށް، ހުޅުވާލެވިފައިވާ އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިސާދީ ގްލޯބަލައިޒޭޝަނެއް ކުރިއަރުވަން ޖެހޭ،" ކަމަށް ވެސް މޯދީއާ ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވި އެވެ.
މަސްދަރު: ސީއެންއޭ











