ސަރަހައްދީ ނުތަނަވަސްކަން ހައްލުކުރަން އީރާނާއި ޔޫއޭއީން މަޝްވަރާކޮށްފި
13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:57ބްރިކްސް ސަމިޓުގެ ހަވާސާގައި އީރާނުގެ ރައީސާއި އަބޫދާބީގެ ވަލީއަހުދު ބައްދަލުކުރައްވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ނުތަނަވަސްކަން ކުޑަކުރުމަށާއި، ސަރަހައްދުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށް


އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް-ނަހްޔާންއާ ބައްދަލުކުރައްވަނީ | އައިއާރްއެންއޭ ނޫސް އޭޖެންސީ
އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި މިހާރު ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް-ނަޙްޔާން ބައްދަލުކުރައްވައި، ސަރަހައްދީ ނުތަނަވަސްކަން ހައްލުކޮށް، މަސްލަހަތު ގާއިމުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފި އެވެ.
އަބޫދާބީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ބައްދަލުވުމުގައި ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި، މަސްލަހަތު ގާއިމުކޮށް ނުތަނަވަސްކަން ކުޑަކުރުމާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމުގެ އިތުރުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރްއެންއޭއިން ވެސް ވަނީ ވީޑިއޯ ފުޓޭޖް އާންމުކޮށްފަ އެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އެ އޭޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަފުތާ ބަންދުގައި ނިއު ދެއްލީގައި ކުރިއަށްދާ ބްރިކްސްގެ މެންބަރު ގައުމުތަކުގެ ސަމިޓުގައި ޗައިނާ، ރަޝިއާ އަދި އީރާނުގެ ރައީސުންގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ސަމިޓު ބާއްވަމުން މި ދަނީ އެމެރިކާއާއި އީރާނުގެ ހަނގުރާމައަށް ހަތް މަސް ދުވަސްވެ، ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމަ ހަތަރު އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. އިންޑިޔާގެ ރިޔާސަތުގެ ދައުރު ހަމަވުމުން، އަންނަ އަހަރު ބްރިކްސްގެ ދައުރުވާ ރިޔާސަތާ ހަވާލުވާނީ ޗައިނާއިންނެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











