ބްރިކްސް ގައުމުތަކުން މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ގޮވައިލައިފި
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 17:33އިންޑިއާގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ގަރާރެއް ފާސްކޮށްފި. މި ބައްދަލުވުމުގައި ހުޅަނގުގެ ނުފޫޒުން އެއްކިބާވެފައިވާ މާލީ ނިޒާމެއް ބިނާކުރުމަށާއި، ދުނިޔޭގެ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް މެންބަރު ގައުމުތަކުން ވަނީ އިއްތިފާގުވެފައި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހު ބޭއްވި 18 ވަނަ ބްރިކްސް ސަމިޓުގެ ހަވާސާގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބްރިކްސްގެ އިސްވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް
ބްރިކްސް ޖަމާއަތުގެ ގައުމުތަކުން މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ގޮވާލައި، ދުނިޔޭގެ ވިޔަފާރިއާއި، ސަޕްލައި ޗެއިން އަދި ހަކަތައިގެ މުއާމަލާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކުލެވޭ ގަރާރެއް އިއްތިފާގުން ފާސްކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެހްމާންދާރީ އަދާކުރައްވާ ދެ ދުވަހުގެ މި ސަމިޓް ހޮނިހިރު ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާފައިވާއިރު، މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިންގެ އިތުރުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެގާރަ ގައުމު ހިމެނޭ މި އިއްތިހާދުގެ ރިޔާސަތާ އިންޑިއާއިން ހަވާލުވެފައިވަނީ ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ. އެގޮތުން މެދުއިރުމަތީގައާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ހަކަތައާއި މުދާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރިފްގެ ދަތިތަކާއި، މި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތަކާމެދު ބްރިކްސްގެ ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
ހޮނިހިރު ދުވަހު ފާސްކުރި ގަރާރުގައި، މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ މެދު "ފުން ކަންބޮޑުވުން" ފާޅުކޮށްފައިވެ އެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް "އެންމެ މަތީ ދަރަޖައަށް ކެތްތެރިކަން" އިސްކުރުމަށް ގޮވާލައި، އާންމުންގެ އުމްރާނީ ވަސީލަތްތަކަށާއި، ޚާއްސަކޮށް ނިއުކްލިއަރ މަރުކަޒުތަކަށް ގަސްތުގައި ހަމަލާދިނުމާ ދެކޮޅަށް އިންޒާރު ދީފައިވެ އެވެ.
ފަލަސްތީނުގެ މައްސަލައިގައި މި އިއްތިހާދުން ގެންގުޅޭ ސިޔާސަތު އަލުން ތަކުރާރުކޮށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން މަޖުބޫރުން ބޭރުކުރުމާއި، އިސްތިއުމާރުކޮށްފައިވާ ބިންތަކުގެ ޖިއޮގްރަފީ ނުވަތަ އާބާދީގެ ނިސްބަތަށް ބަދަލު ގެނައުމާ ދެކޮޅަށް "ވަރަށް ބޮޑަށް ދެކޮޅުހަދާކަން" މި ގަރާރުގައި ފާޅުކޮށްފައިވެ އެވެ.
މީގެ އިތުރުން، ޣައްޒާގައި އިސްރާއީލުން ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށާއި، އަންރުވާ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަށް އެއްބާރުލުން ދިނުމަށާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށްވެސް މި ގަރާރުގައި ގޮވާލާފައިވެ އެވެ.
ގިނަ ދާއިރާތަކެއް ހިމެނޭ މި ގަރާރުގައި، ހުޅަނގުގެ ނުފޫޒުން އެއްކިބާވެފައިވާ ބައިނަލްއަގުވާމީ ފައިސާ ދެއްކުމުގެ ނިޒާމުތައް ފުޅާކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، ވަކި ގައުމުތަކަކުން އިސްވެ އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފްތަކާ ދެކޮޅުކަން ވަނީ ހާމަކޮށްފަ އެވެ.
އޭޝިއާގެ ބޮޑު ދެ ބާރުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހޮނިހިރު ދުވަހުގެ ހެނދުނު އިންޑިއާގެ ވެރިރަށަށް ވަޑައިގެންފައިވާއިރު، މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ ދުނިޔޭގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ރައީސް ޝީ ވިދާޅުވި އެވެ. ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ މަސްރަހު ބަދަލުވަމުންދާ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ޝީ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތަކަކީ "ބައިނަލްއަގުވާމީ މުޖުތަމައުގެ އެންމެންގެ މަސްލަހަތު އޮތް ކަމެއް ނޫން" ކަމަށްވެސް ޝީ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރު މޯދީ ވަނީ ރައީސް ޕޫޓިންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އީރާނުގެ ރައީސް ޕެޒެޝްކިއަންއާ އެކު ބޭއްވި ބައްދަލުވުމުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި އުޅަނދުފަހަރުގެ ފަޅުވެރިންގެ ސަލާމަތާ ގުޅޭގޮތުން މޯދީ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި ސަމިޓުގައި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ، މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީ، އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު އަދި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ބައިވެރިވެވަޑައިގަންނަވަ އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފަރާތުން އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އާލް ނަހްޔާން ބައިވެރިވެވަޑައިގަންނަވާއިރު، ބްރިކްސް އުފެއްދުމުގައި ހިމެނޭ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ބަދަލުގައި އެ ގައުމުން ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު މައުރޯ ވިއޭރާ އެވެ.
ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް އިއްތިހާދު 2006 ވަނަ އަހަރު އުފެދުނީ ހުޅަނގުގެ ބާރުތަކުގެ ނުފޫޒު ގަދަ މުއައްސަސާތަކުގައި، ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ދައުރު ބޮޑުކުރުމުގެ މަގްސަދުގައެވެ. އޭގެ ފަހުން މި ޖަމާއަތް ވަނީ ފުޅާވެ، އިތުރު ގައުމުތައް މީގައި ހިމެނިފަ އެވެ.
އިންޑިއާގައި ބާއްވާ މި ސަމިޓުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއު.ޓީ.އޯ) ގެ އިސްވެރިންގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ސަމިޓުގެ ސިއްރު ސެޝަނެއްގައި ވާހަކަދައްކަވަމުން މިސްރުގެ ރައީސް އަލް-ސީސީ ވަނީ "ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ހަމަޖެހުމާއި މިނިވަންކަން" ދެމެހެއްޓުމަށް ގޮވާލާ ފައެވެ.
އަލް-ސީސީ ވިދާޅުވީ، މެދުއިރުމަތީގެ މިހާރުގެ ހާލަތާއި އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ވިޔަފާރިއަށާއި، ހަކަތައާއި ސަޕްލައި ޗެއިންއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން ހާމަވަނީ، ސަލާމަތީ ކަންކަމާއި ތަރައްގީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ.
މުހިންމު ޚިޔާލުތަފާތުވުންތައް
މި އިއްތިހާދުގެ މެންބަރުން ކަމަށްވާ އީރާނާއި ޔޫ.އޭ.އީ އަކީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިދިކޮޅު ދެ ފަރާތެކެވެ.
މިދިޔަ އަހަރުގެ ސަމިޓުގައި، އީރާނުގެ ލީޑަޝިޕަށާއި ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން 12 ދުވަސް ވަންދެން ދިން ބޮމުގެ ހަމަލާތައް ކުށްވެރިކޮށް ބްރިކްސްއިން ގަރާރެއް ނެރުނެވެ. ނަމަވެސް، މިއަހަރުގެ މޭ މަހު ބޭއްވި ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިމިގެންދިޔައީ މި ހަމަނުޖެހުމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވި، ގުޅިފައިވާ ބަޔާނެއް ނުނެރެވި އެވެ.
މީގެ އިތުރުން، ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ ޓެރިފްތަކާއި އެނޫންވެސް ފިޔަވަޅުތަކަކީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ބުނެ، ބްރިކްސްގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
އެމެރިކާއިން ވަނީ އެކި ބަހަނާތަކުގައި ބްރިކްސްގެ ބައެއް ގައުމުތަކަށް ޓެރިފްތައް ކުރިމަތިކޮށްފަ އެވެ. އަދި އެ ޓެރިފްތައް އުވާލުމަށް ޝަރުތުކުރަނީ އެ ގައުމުތަކުގެ ސިޔާސަތުތައް ބަދަލުކުރުމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރިކްސްއަކީ "އެމެރިކާއާ ދެކޮޅު" ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވައި، އެ ޖަމާއަތާ ގުޅޭ ގައުމުތަކަށް އަދަބެއްގެ ގޮތުން ބޮޑެތި ޓެރިފްތަކެއް ކުރިމަތިކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އަލްޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، ވިޔަފާރިއާއި، މާލީ ކަންކަމާއި، ޓެކްނޮލޮޖީއާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ މި ސަމިޓުގައި ހައްލުކުރަންޖެހޭ މުހިންމު މައްސަލަތަކެވެ. ނަމަވެސް، މި އިއްތިހާދަށް 20 އަހަރު ފުރޭއިރު ކުރިމަތިވެފައިވާ އެންމެ ބޮޑު އިމްތިހާނަކީ، އަލަށް ގުޅުނު ގައުމުތަކާއެކު "ގްލޯބަލް ސައުތު" ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބާރުވެރިކަން އިތުރުކުރެވިދާނެތޯ ބެލުމެވެ.










