ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026 | ހުކުރު 13:38ޔަމަނުގެ މުޚާ ސިޓީ ހޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާއިން ވަނީ ޔަމަނުގެ މައްސަލައިގެ ތެރެއަށް ސީދާ ގޮތުން ވަނުމަށް އިންކާރުކޮށްފައި. ސައުދީ ކޯލިޝަނުން 2015 ވަނަ އަހަރު ފެށި ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތައް މެދުކެނޑިފައި ވަނިކޮށް، ދެ ފަރާތުގެ ކުރިމަތިލުންތައް މިހާރު ވަނީ އަލުން ވަރުގަދަވާން ފަށާފައި. ހޫޘީންގެ ލަޝްކަރުތަކުން ދަނީ ސައުދީ ސިފައިން ޔަމަނުން ބޭރުކުރުމަށް އަސްކަރީ ގޮތުން ތައްޔާރުވަމުން

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ ކެނެޑީ ސެންޓަރުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވީ ބުދަ ދުވަހު ބޭއްވި "ޔޫއެސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް" ގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބައްދަލުކުރައްވަނީ. | ގެޓީ އިމޭޖަސް
ޔަމަނުގެ ހަތިޔާރު އެޅި ލަޝްކަރުތަކާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ބާރުއަޅުއްވައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިދިޔަ ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން ފޯނުން ގުޅުއްވާފައިވާ ކަމަށް "އެކްސިއޯސް" ނޫހުން ރިޕޯޓްކޮށްފި އެވެ. އެ ނޫހުން މިކަން ހާމަކޮށްފައިވަނީ އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާ ހަވާލާދީ އެވެ.
ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިކަމަށް އެދިވަޑައިގަތް ނަމަވެސް، ޓްރަމްޕް ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ. އަދި ޔަމަނުގެ މައްސަލައިގެ ތެރެއަށް ސީދާ ގޮތުން ވަނުމުގެ އެއްވެސް ވިސްނުމެއް މިވަގުތު އެމެރިކާ ސަރުކާރުގެ ނެތް ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ޔަމަނުގެ ހަތިޔާރު އެޅި ލަޝްކަރުތަކުން އެ ގައުމުގެ އައްސޭރިފަށުގެ މުހިންމު ސިޓީއެއް ކަމަށްވާ މުޚާ ހިފުމާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
މި ފަހަކަށް އައިސް މަސްރަހު ގޯސްވެފައި މިވަނީ، ސައުދީ އަރަބިއްޔާ އާއި ޔަމަނާ ދެމެދު ކުރަމުންދާ ދިގުލީ ހަނގުރާމައަށް ފަހު އަލުން ކުރިމަތިލުންތައް ފެށުމާ ގުޅިގެންނެވެ.
ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ސަންޢާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް، މިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާއިން ދިން ހަމަލާއާ ގުޅިގެން، ސަންޢާގައި ހަރަކާތްތެރިވާ ލަޝްކަރުތަކުން ވަނީ ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި އަރަބި ކޯލިޝަނުން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި 2023 ވަނަ އަހަރު ސައުދީ އާއި ޔަމަނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ގާތަށް ދިޔަ ނަމަވެސް، ފަހުން އެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެ މަޝްވަރާތަކުގެ ސަބަބުން ހަނގުރާމަ ބޮޑުވެގެން ދިޔުން ހުއްޓުވުމަށް އެހީތެރިވެދިން ނަމަވެސް، ޔަމަނުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުމާއި ދޭތެރެ ދޭތެރެއިން ދޭ ހަމަލާތައް ވަނީ މެދުނުކެނޑި ކުރިއަށް ގޮސްފަ އެވެ.
ސަންޢާގައި އޮންނަ ހޫޘީންގެ ސަރުކާރުގެ ލަޝްކަރުތަކުން މިހާރު ދަނީ އަސްކަރީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި ސައުދީ އިސްވެ އޮންނަ ކޯލިޝަންގެ ސިފައިން ޔަމަނުގެ ބިމުން އެއްކޮށް ބޭރުކޮށްލާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.










