ހަމަލާތަކުގެ ސަބަބުން ސައުދީގެ "އީސްޓް-ވެސްޓް" ސުޕަ ހައިވޭ ތެޔޮ ހޮޅި ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:08ސައުދީގެ ތެޔޮ ހޮޅިތަކަށް އަމާޒުކޮށް އިރާގުގެ ސަރަހައްދުން ދިން ހަމަލާތަކާ ގުޅިގެން ތެޔޮ އުފައްދާ މިންވަރު 1990 ގެ ފަހުން ނުދާހާ ދަށަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައި. ޔަމަނުގެ ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ރަތްކަނޑު މެދުވެރިކޮށް ތެޔޮ ބޭރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ސައުދީ އަރަމްކޯގެ ތެޔޮ އުފައްދާ މަރުކަޒެއް ކަމަށްވާ، ރުބުއުލް ޚާލީގައި ހުންނަ ޝައިބާ ތެޔޮ ފީލްޑްގެ ހޮޅިލައިނެއްގެ ކައިރީގައި މަސައްކަތްތެރިއަކު ހަރަކާތްެތެރިވާ މަންޒަރު | ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާގެ މުހިންމު ތެޔޮ ހޮޅިއަކަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ "އީސްޓް-ވެސްޓް" ސުޕަ ހައިވޭ ތެޔޮ ހޮޅި ބަންދުކޮށްފި ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ސައުދީ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތެޔޮ ހޮޅިއަށް އަމާޒުކޮށް ހަމަލާތައް ދީފައިވަނީ އޭގެ އެއްދުވަސް ކުރިން ރިޔާޟް އަދި މަދީނާ ސަރަހައްދަށް ކަމަށެވެ.
ސައުދީ ސަރުކާރުން ފަހުން ބުނެފައިވަނީ ހަމަލާ އައިސްފައިވަނީ އިރާގުގެ ސަރަހައްދަކުން ކަމުގަ އެވެ.
ތެޔޮ ފޯރުކޮށްދޭ ބަދަލު މަގެއް
އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ގާނޫނާ ޚިލާފު ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުންތަކާ ގުޅިގެން، އީރާނުން ސްޓްރެއިޓް އޮފް ހުރްމުޒް ބަންދުކުރުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ސައުދީ އަރަބިއްޔާގެ "އީސްޓް-ވެސްޓް" ތެޔޮ ހޮޅީގެ މުހިންމުކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފަ އެވެ.
ދުވާލަކު ހަތް މިލިއަން ފީފާ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި މި ތެޔޮ ހޮޅިއަކީ، ސައުދީ އަރަބިއްޔާ ހުރަސްކޮށް ރަތްކަނޑުގެ ބަނދަރުތަކަށް ތެޔޮ ފޯރުކޮށްދޭ މަގެކެވެ. މިއީ ޕާޝިއަން ގަލްފް ނޫން އެހެން މަގަކުން ސުޕަ ހައިވޭ މެދުވެރިކޮށް ތެޔޮ ބޭރުކުރުމަށް އޮތް މުހިންމު ބަދަލު މަގެކެވެ.
ސައުދީގެ ގައުމީ ތެޔޮ ކުންފުނި، އަރަމްކޯގެ ސީއީއޯ އަމީން ނާސިރު މިދިޔަ މަހު ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ކުރިމަތިވި އަސަރުތައް ކުޑަކުރުމުގައި، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެޔޮ ރިޒާވަށްވުރެ ބޮޑު ދައުރެއް މި ތެޔޮ ހޮޅިން ވަނީ އަދާކޮށްފަ އެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއިން ރަތްކަނޑު މެދުވެރިކޮށް ތެޔޮ ބޭރުކުރާ މަގަށްވެސް މިހާރު ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.
ސައުދީ އަރަބިއްޔާއިން ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އެ ގައުމު ހިސޯރުކޮށްގެން އުޅޭ ސިޔާސަތުގެ ބަދަލުހިފުމުގެ ގޮތުން، ޔަމަނުގެ ހޫޘީން ދަނީ ސައުދީގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދެމުންނެވެ. މިދިޔަ ޖުލައި މަހު ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ ސައުދީއާ ދެކޮޅަށް ކަނޑުގެ މަގުން ދަތުރުފަތުރު ކުރުން މަނާކޮށް، އެއީ "ހިސޯރުކުރުމުގެ ބަދަލުގައި ހިސޯރުކުރުން" ކަމަށް ބުނެފަ އެވެ.
ކަނޑު ބޯޓުތައް ދަތުރުކުރާ ގޮތް ބަލާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮގަސްޓް މަހުގެ ތެރޭގައި ރަތްކަނޑުން ތެޔޮ އުފުލާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ސައުދީގެ ހުޅަނގުގައި އޮންނަ ޔަންބޫ ސިޓީން ތެޔޮ ބޭރުކުރި މިންވަރު ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ނުދާހާ ދަށަށް ގޮސްފައިވާއިރު، "ވޯޓެކްސާ" އިން އަންދާޒާކުރާ ގޮތުގައި އޮގަސްޓް މަހު ބޭރުކޮށްފައިވަނީ ދުވާލަކު 3.2 މިލިއަން ފީފާ ތެލެވެ. ނަމަވެސް "ކެޕްލާ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދު ހުރީ ދުވާލަކު 1.5 މިލިއަން ފީފާގަ އެވެ.
ސައުދީގެ ތެޔޮ އުފެއްދުން ވަރަށް ބޮޑަށް ދަށަށް
މި ތެޔޮ ހޮޅި ބަންދުކުރަން ޖެހުނީ ސައުދީން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. އޯޕެކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު ދުވާލަކު 8.1 މިލިއަން ފީފާ ތެޔޮ އުފެއްދި ނަމަވެސް، އޮގަސްޓް މަހު އެ އަދަދު ވަނީ 6.24 މިލިއަން ފީފާއަށް ދަށަށް ގޮސްފަ އެވެ. މިއީ 1990 ވަނަ އަހަރަށްފަހު ސައުދީން ތެޔޮ އުފެއްދި މިންވަރު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ތެޔޮ އުފެއްދުން މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ، ސައުދީ އަރަބިއްޔާއާއި އޯޕެކް ޕްލަސްގެ މެންބަރު ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ރާވާފައި ވަނިކޮށެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުން ދަތިވުމާއި ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ފާއިތުވި މަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް 100 ޑޮލަރަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. މި ހަފުތާ ނިމުނުއިރު ތެލުގެ އަގު ވަނީ 8 އިންސައްތައަށްވުރެ ބޮޑަށް އުފުލިފަ އެވެ.











