ސައުދީގެ ވަލީ އަހުދު މުހައްމަދު، އެމެރިކާގެ ސެންޓްކޮމްގެ އިސް އަސްކަރީ ޖެނަރަލްއާ ބައްދަލު ކުރައްވައިފި
14 އޯގަސްޓު 2026 | ހުކުރު 05:52އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ޗީފް އެޑްމިރަލް ބްރެޑް ކޫޕާ އާއެކު ބޭއްވެވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި


ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން | ރޮއިޓާސް
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލްއާ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމާ ގުޅޭ ތަފްސީލުތައް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ވަނީ ހާމަކޮށްފައި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ޗީފް އެޑްމިރަލް ބްރެޑް ކޫޕާ އާއެކު ބޭއްވެވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި އެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށް އެސްޕީއޭ އިން ރިޕޯޓުކުރެ އެވެ.
މި ބައްދަލުވުމުގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި އެޑްމިރަލް ކޫޕާ ވަނީ ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ މުހިންމު ކަންތައްތަކާއި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ޚިޔާލު ބަދަލު ކުރައްވާފައި އެވެ. މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރީ އިސްވެރިޔަކު ސައުދީ ވަލީ އަހުދާ ބައްދަލު ކުރެއްވުމަކީ ސަރަހައްދީ ސަލާމަތަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މި ބައްދަލުވުމަކީ ދިފާއީ އަދި ސަލާމަތީ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައި އެވެ.
މަސްދަރު: އަލް އަރަބިއްޔާ










