އިންޖިނިއަރސް އެވޯޑް 2026: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް، އިންޖިނިއަރ އޮފް ދަ އިޔަރ ޑރ. ފުރުޤާންއަށް!
11 ސެޕްޓެމްބަރު 2026 | ހުކުރު 05:47މި ހަފްލާގައި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް ހާސިލުކުރެއްވީ ޑރ. ފުރުޤާން އިބްރާހީމް. މިފަދަ އެވޯޑެއް ދެވިގެން ދިޔައިރު، އިންޖިނިއަރިންގެ ދާއިރާއިން އެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ މުހިއްމު ގިނަ ބައެއްގެ ވާހަކަ އިވިފައިނުވާތީ އެކަމުގެ ފަޅުކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުން


ރައީސުލްޖުމްހޫރިއްޔާ، އިންޖިނިއަރސް އެވޯޑް 2026 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި | ރައީސް އޮފީސް
ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ބަރސެލޯ ނަސަންދުރާގައި ބުރާސްފަތި ދުވަހުގެރޭ އޮތް "އިންޖިނިއަރސް އެވޯޑް 2026" އަކީ، ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެ އެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލިއިރު، މި ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑް އަރުވާފައިވެ އެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހުގެރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑްވެސް ހިމެނެ އެވެ. މި އެވޯޑްތައް އޭގެ ހައްޤުވެރީންނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
"އިންޖިނިއަރސް އެވޯޑް 2026" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް އެރުވިއިރު، މީގެ ތެރެއިން 2 ބޭފުޅަކަށް އެވޯޑް އަރުވާފައިވަނީ އެ ބޭފުޅުންގެ ހަނދާނަށެވެ. "އިންޖިނިއަރސް އެވޯޑް 2026" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ އަބްދުއްޝަކޫރު ޞާލިހް، އަލްމަރުހޫމް އަހްމަދު މަހުރީން އަދި އަލްމަރުހޫމް މުހައްމަދު ރަޝީދަށެވެ.
މި ހަފްލާގައި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް ހާސިލުކުރެއްވީ ޑރ. ފުރުޤާން އިބްރާހީމް އެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސް މުއިއްޒު އިއުލާނުކުރެއްވީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރެއްވި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، 30 އޮގަސްޓް 2025 ގައި ފޮނުއްވި ޚިތާބުގަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެވެ.
އެހެންނަމަވެސް މިފަދަ އެވޯޑެއް ދެވިގެން ދިޔައިރު، އިންޖިނިއަރިންގގެ ދާއިރާއިން އެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ މުހިއްމު ގިނަ ބައެއްގެ ވާހަކަ އިވިފައިނުވާތީ އެކަމުގެ ފަޅުކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.









