ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
31 އޯގަސްޓު 2026 | ހޯމަ 07:00މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށް އަދި ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި ކަމަށް ފުލުހުން ބުނެފައިވޭ


ހުޅުމާލެ ފޭސް ދޭއް | ސޯޝަލް މީޑިއާ
ހުޅުމާލެ ފޭސް ދޭއްގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ހިއްސާކުރި ގޮތުގައި މި އެކްސިޑެންޓު މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 7:44 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށް އަދި ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި ދެމީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
ފޭސް ދޭއްގެ ވިނަރެސް ފްލެޓުތައް ކައިރީގައި ވަނީ ހޮނިހިރު ދުވަހު ވެސް އެކްސިޑެންޓެއް ހިނގައިފަ އެވެ. މި އެކްސިޑެންޓުގައި އަނިޔާވި 8 އަހަރުގެ ކުއްޖާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.











