ދޮން މަނިކު މާލެ ޖޫނިއާ ޗެސް އޯޕަންގެ ފުރަތަމަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
30 އޯގަސްޓު 2026 | އާދީއްތަ 11:25މި މުބާރާތުގައި ވަނަ ވަނަ އަށް އައި ކުޅުންތެރިންނަށް ޖުމްލަ 16،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައި. ކޮންމެ ކެޓެގަރީއަކުން ޗެމްޕިއަން އަށް 3،000 ރުފިޔާ، ރަނަރަޕަށް 2،000 ރުފިޔާ އަދި ތިން ވަނަ އަށް 1،000 ރުފިޔާ ދީފައިވޭ


ދޮން މަނިކު އިންވެސްޓްމަންޓްސް މާލެ ޖޫނިއާ ޗެސް އޯޕަން 2026 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ
މާލޭގައި ކުރިއަށް ދިޔަ "ދޮން މަނިކު އިންވެސްޓްމަންޓްސް މާލެ ޖޫނިއާ ޗެސް އޯޕަން 2026" ކާމިޔާބުކަމާއެކު ނިންމާލައި، މުބާރާތުގެ ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމު ދީފި އެވެ.
އޮގަސްޓު މަހުގެ 27 އިން 29 އަށް ދޮން މަނިކު ސްކައި ވިއުގަައި ކުރިއަށް ދިޔަ މި މުބާރާތަކީ މާލެ ޗެސް ކުލަބާއި ކުލަބް ޑާކް ނައިޓް އަދި ކުލަބު ސްޓޯންވޯލް ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ. ޖުމްލަ 80 ކުޅުންތެރިން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ 12 އަހަރުން ދަށުގެ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް އާއިޝް ހަލީމް އެވެ. އޭނާ މި މަޤާމު ހޯދީ ކުޅުނު ހަތް ރައުންޑުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ކެޓެގަރީގެ ދެ ވަނަ މާކިން އަތަރު މުހައްމަދު ހޯދިއިރު، ތިން ވަނަ ހޯދީ އަދުޔާން މުންތަޒިމް އެވެ. މީގެ އިތުރުން މި ކެޓެގަރީ އިން އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް އީލާފް އަބްދުﷲ ޝަޒްމީން ހޮވުނުއިރު، 10 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޒިވާން ޝަމްސޫން ފުއާދު އެވެ. އަދި 8 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ތަނީމް އިރުހާމް މާހިރު އެވެ.
18 އަހަރުން ދަށުގެ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ ހަތް ރައުންޑުން ހަ ޕޮއިންޓް ހޯދި ލޫކް އަލްވިން ޝާފީ އެވެ. މި ކެޓެގަރީގެ ދެ ވަނަ އިބްރާހީމް ޔުމިން ޝިމާދު ހޯދިއިރު، ތިން ވަނަ މަޤާމު ހޯދީ އަހުމަދު އާތިކް ހަލީމް އެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ފާތިމަތު ލުބާނާ މުހައްމަދު ހޮވުނުއިރު، 16 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މުހައްމަދު ޝައިލް ސާމިރު އެވެ. އަދި 14 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަބްދުﷲ ނާއިޝް ނާއިފް އެވެ.

ދޮން މަނިކު އިންވެސްޓްމަންޓްސް މާލެ ޖޫނިއާ ޗެސް އޯޕަން 2026 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ
މި މުބާރާތުގައި ވަނަ ވަނަ އަށް އައި ކުޅުންތެރިންނަށް ޖުމްލަ 16،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައި އެވެ. ކޮންމެ ކެޓެގަރީއަކުން ޗެމްޕިއަން އަށް 3،000 ރުފިޔާ، ރަނަރަޕަށް 2،000 ރުފިޔާ އަދި ތިން ވަނަ އަށް 1،000 ރުފިޔާ ދީފައިވެ އެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި އުމުރުފުރާތަކުން ހޮވުނު އެންމެ މޮޅު ކުޅުންތެރިންނަށް ކޮންމެ ކުޅުންތެރިޔަކަށް 750 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައި އެވެ. ފައިސާގެ އިނާމުގެ އިތުރުން ދެ ކެޓެގަރީގެ ޗެމްޕިއަނުންނަށް ދޮން މަނިކު ސްކައި ވިއު އިން ތިން މީހުންގެ ރޭގަނޑުގެ ކެއުމުގެ ވައުޗަރެއް ވެސް ވަނީ ދީފައި އެވެ.
މުބާރާތުގެ ބައިވެރިންނަށް ބަލާއިރު، 12 އަހަރުން ދަށުގެ ކެޓެގަރީގައި 51 ކުޅުންތެރިން އަދި 18 އަހަރުން ދަށުގެ ކެޓެގަރީގައި 29 ކުޅުންތެރިން ވާދަކުރި އެވެ. މީގެ ތެރޭގައި އިންޑިއާގެ ކުޅުންތެރިއެއް ކަމަށްވާ ޖޯހިތު ވައިޝްނަވް ޕުޖާލާ ހިމެނުމުން، މުބާރާތަށް ބައިނަލްއަޤުވާމީ ސިފައެއް ލިބިގެންދިޔަ އެވެ. ހަތް ރައުންޑުގެ ސްވިސް ސިސްޓަމަށް ކުރިއަށް ދިޔަ މި މުބާރާތަކީ އަންރޭޓެޑް ރެޕިޑް ޗެސް މުބާރާތެކެވެ.

ދޮން މަނިކު އިންވެސްޓްމަންޓްސް މާލެ ޖޫނިއާ ޗެސް އޯޕަން 2026 ގެ މެޗުތައް ކުޅުމުގެ ތެރެއިން | ރާއްޖެ އެމްވީ
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮގަސްޓު 29 ވަނަ ދުވަހު ބޭއްވިއިރު، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަކީ ދޮން މަނިކު އިންވެސްޓްމަންޓްސްގެ ޗެއާމަން ހާމިދު އަފީފް އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ރާއްޖޭގެ ޤައުމީ ކުރީގެ ޗެސް ޗެމްޕިއަން މުހައްމަދު ހަސަން (މޯހަން) އަދި އަންހެން ޗެސް ޗެމްޕިއަން ނިހާޔާ އަހުމަދު (ނިހާ) ވެސް ބައިވެރިވި އެވެ.
މުބާރާތް އިންތިޒާމުކުރި ފަރާތްތަކުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ޖޫނިއާ ޗެސް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މުބާރާތުގެ ހުރިހާ ބައިވެރިންނަށް ވެސް ބައިވެރިވިކަމުގެ ސެޓްފިކެޓް ވަނީ ދީފައި އެވެ.




