ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026 | ބުދަ 06:49"ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟" މި ސުރުޚީގެ ދަށުން އާންމުކުރި މި ވީޑިއޯގައި، އުމުރުން 20 އަހަރުގެ ބެރޮން ކިޔަވާ ޔުނިވާސިޓީގެ ލޮކޭޝަން އާއި އޭނާ ދަތުރުކުރާ އުޅަނދުތަކާއި ސީކްރެޓް ސަރވިސްގެ އެޖެންޓުން ތިބޭ ތަންތަން ދައްކާފައިވޭ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދަރިކަލުން ބެރޮން ޓްރަމްޕް | ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ހަގު ދަރިފުޅު ބެރޮން ޓްރަމްޕް އަށް އަމާޒުކޮށް، އޭނާ މަރާލުމަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ ކަމަށް ބުނެ އީރާންގެ ދައުލަތުގެ މީޑިއާ އިން ވީޑިއޯއެއް އާންމުކޮށްފި އެވެ.
އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އާ ގުޅުންހުރި މީޑިއާތަކުން އުފައްދައި، އީރާންގެ ޗެނަލް3 އިން ދެއްކި މި ވީޑިއޯގައި ބެރޮން ޓްރަމްޕްގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
"ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟" މި ސުރުޚީގެ ދަށުން އާންމުކުރި މި ވީޑިއޯގައި، އުމުރުން 20 އަހަރުގެ ބެރޮން ކިޔަވާ ޔުނިވާސިޓީގެ ލޮކޭޝަން އާއި އޭނާ ދަތުރުކުރާ އުޅަނދުތަކާއި ސީކްރެޓް ސަރވިސްގެ އެޖެންޓުން ތިބޭ ތަންތަން ދައްކާފައިވެ އެވެ.
މީގެ އިތުރުން، އަންހެން ކުއްޖަކު ސީކްރެޓް ސަރވިސްގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި، ބެރޮންއާ އެކު ބޭއްވި އަމިއްލަ ބައްދަލުވުމެއްގައި މައުލޫމާތު ހޯދާފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ. އަދި ބެރޮން އޭނާގެ ސަލާމަތީ ފައުޖަށް ސިއްރުން އެކްސްބޮކްސް މެދުވެރިކޮށް މުއާމަލާތް ކުރާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައި އެވެ. ނަމަވެސް މި ދައުވާތަކުގެ ސައްހަކަން މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައި ނުވެ އެވެ.
މި އިންޒާރުތަކާ ގުޅިގެން ސީކްރެޓް ސަރވިސް އިން ބުނެފައި ވަނީ އެކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
މިއީ ޓްރަމްޕްގެ އާއިލާގެ މެންބަރަކަށް އަމާޒުކޮށް އީރާން އިން މިފަދަ ވީޑިއޯއެއް ނެރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖުލައި މަހު ވެސް އައިއާރުޖީސީއާ ގުޅުންހުރި ތަސްނީމް ނިއުސް އެޖެންސީ އިން ވަނީ މެލާނިއާ ޓްރަމްޕްގެ ސަލާމަތީ ކަންކަމުގައި ހުރި ބަލިކަށިކަން ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އަދި މެއި މަހުގެ ތެރޭގައި އިވަންކާ ޓްރަމްޕް އަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ރިޕޯޓުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މީގެ އިތުރުން، އީރާންގެ އިސްލާމިކް ރިވޮލިއުޝަން ސްކޮޔާގައި ޓްރަމްޕް ސަންދޯކެއްގައި އޮއްވާ ދައްކުވައިދޭ ބިލްބޯޑެއް ހަރުކޮށް، އޭނާ އަވަހާރަ ކޮށްލާނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އީރާން އިން ޓްރަމްޕް އާއި އޭނާގެ އާއިލާ އަށް އިންޒާރު ދެމުންދަނީ 2020 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ ބަޣުދާދުގައި އަވާހަރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލް އިން ދިން ހަމަލާތަކެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އިސްލާމީ ޝަރީއަތުގެ "ޤިސާސް" ހިފުމަކީ އީރާން އަށް ލިބިގެންވާ ހައްގެއް ކަމަށް އެ ޤައުމުގެ މަސްއޫލުވެރިން ދަނީ ބުނަމުންނެވެ.
އީރާންގެ ގިނަ ބަޔަކު ބުނާ ގޮތުގައި ޓްރަމްޕްގެ ކިބައިން ބަދަލުނުހިފިއްޖެ ނަމަ، އީރާންގެ މިހާރުގެ ލީޑަރުންނަށް އަބަދުވެސް އުޅެން ޖެހޭނީ ފިލައިގެންނެވެ.
އީރާން އިން މިފަދަ އިންޒާރުތަކެއް ދިނުމާ ގުޅިގެން ޓްރަމްޕް ވަނީ މީގެ ކުރިން ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ، އޭނާގެ ފުރާނަ އަށް ގެއްލުމެއް ދޭން މަސައްކަތްކޮށްފި ނަމަ މުޅި އީރާން ގޮއްވާލާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ، ދުނިޔޭގެ ޗާޓުން އީރާން ފޮހެލުމަށް އެމެރިކާގެ ސިފައިންނަށް އަމުރު ކުރައްވާފައިވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: ޔޫރޯނިއުސް









