"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026 | އަންގާރަ 18:50އީރާނުގެ ދާޚިލީ އެއްބައިވަންތަކަން ރޫޅާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް ނާކާމިޔާބުވާނެ ކަމަށް ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ. އަދި އިސްލާމްއާބާދު އެމްއޯޔޫއަކީ ބިރުން ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ސަރަހައްދީ ނުތަނަވަސްކަން މެނޭޖުކުރުމަށް އެޅި ބުއްދިވެރި ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި

ތެހެރާންގައި 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވީ އާދީއްތަ ދުވަހު، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ޒުވާނުންނާއި ކުދިންނާ ބައްދަލުކުރައްވައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ | ޕްރެޒިޑެންޓް.އައިއާރު
އަމާންދިނުމަކީ އޮތް ގޮތެއް ނޫން ކަމަށާއި، އެމެރިކާއިން ކުރަމުންދާ އިގްތިސާދީ ހަނގުރާމަ އީރާނުން ނާކާމިޔާބު ކޮށްލާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ. ރައީސް ޕެޒެޝްކިއަން ވިދާޅުވީ އީރާނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އެމެރިކާއިން ފަރުމާކޮށްފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި ކަނޑައެޅިގެން ބޯނުލަނބާނެ ކަމަށެވެ.
އަންގާރަ ދުވަހު އީރާނުގެ ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ހަނގުރާމައިގެ ސިފަތަކަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ރައީސް ޕެޒެޝްކިއަން އަލިއަޅުއްވާލެއްވި އެވެ.
އޭނާ ވިދާޅުވީ، ސީދާ އަސްކަރީ ކުރިމަތިލުމަކުން އީރާނު ބަލިނުކުރެވޭނެކަން ދުޝްމަނުންނަށް މިހާރު ވިސްނިފައިވާ ކަމަށެވެ. އެހެންކަމުން، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި އިޖުތިމާއީ މައްސަލަތަކާއި އިގްތިސާދީ ދަތިތަކުގެ ބޭނުން ހިފައިގެން ރައްޔިތުން މަގުތަކަށް ނެރުމަށް ދުޝްމަނުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑާއި ދައުލަތުގެ އިސްވެރިންގެ އެންމެ ބޮޑު އަމާޒަކީ ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އީރާނު ކަކޫޖެއްސުމަށްޓަކައި އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ގެންގުޅޭ އެންމެ މުހިންމު އުސޫލަކީ އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޕެޒެޝްކިއަން ސުވާލު އުފައްދަވަމުން ވިދާޅުވީ، ކުރިމަތިވާ ދަތިތަކަށް ދޫދީ އަމާންދޭންވީތަ؟ އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަގެއް ހޯދާނަން. އަދި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުމާއެކު، އަޅުގަނޑުމެންގެ ސަރަހައްދާއި ގައުމު އަލުން ބިނާކުރާނަން،" ރައީސް ވިދާޅުވި އެވެ.
ޖެނުއަރީ މަހު ގައުމުގައި ހަމަނުޖެހުން އުފައްދައި، އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރުގަދަ އަސްކަރީ ހަމަލާއެއް ދީގެން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ރޫޅާލެވޭނެ ކަމަށް ދުޝްމަނުން ހިސާބު ޖެހިކަން ރައީސް ޕެޒެޝްކިއަން ހަނދާންކޮށްދެއްވި އެވެ.
ނަމަވެސް، އީރާނުގެ މުޖުތަމައުގައި އޮތް ވަރުގަދަ އެއްބައިވަންތަކަމުގެ ސަބަބުން އެ ރޭވުން މުޅިން ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޖުތިމާއީ ނުތަނަވަސްކަން ހައްލުކުރުމުގައި އިލްމީ ބޭފުޅުންނާއި ޔުނިވާސިޓީތަކުގެ މުދައްރިސުން އިސް ދައުރެއް އަދާކުރުމަށް ގޮވާލައްވަމުން، އެކަކު އަނެކަކަށް އެހީތެރިވެ ރަހުމްކުރުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ. އޭނާ ވިދާޅުވީ، އިޖުތިމާއީ މައްސަލަތަކަށް އިންސާފުވެރި އަދި ހަމަހަމަ ހައްލުތަކެއް ހޯދުމަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ޚާރިޖީ ދާއިރާއިން ފަހަކަށް އައިސް ހިނގާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން، އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގައި ސޮއިކުރި ކުރުމަށް ރައީސް ޕެޒެޝްކިއަން ދިފާއުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ނިންމުމަކީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ދައުލަތުގެ ތިން ބާރުގެ ވެރިންނާ މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ކަމަށެވެ.
މި ނިންމުމަކީ ގައުމުގެ އިއްޒަތާއި މަސްލަހަތަށް އިސްކަންދީގެން، އެންމެންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް މީހަކު ދުޝްމަނުންނަށް ދޫދީފައެއް ނުވޭ. ސަބަބަކީ އަޅުގަނޑުމެން އެންމެން ގުޅިގެން ހަނގުރާމަ މެނޭޖުކޮށް، ދުނިޔޭގެ ނިއުކްލިއާ ބާރުތަކުގެ ކުރިމަތީގައި ސާބިތުކަމާއެކު ތިބިކަން ސާބިތުކޮށްދީފިން،" ރައީސް ވިދާޅުވި އެވެ.
މި އެއްބަސްވުމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެމްއޯޔޫގައި ސޮއިކުރީ ބިރުން ނުވަތަ ބޯލަނބަން ވެގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ބުއްދިވެރިކަމާއެކު، ޖިއޯޕޮލިޓިކަލް ކްރައިސިސް ނުވަތަ ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން ކާމިޔާބުކަމާއެކު މެނޭޖުކުރުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމްއާބާދު އެމްއޯޔޫއަކީ ޕާކިސްތާނުގެ އިސްނެގުމާއެކު، ގަތަރާއި މިސްރު އަދި ތުރުކީގެ މެދުވެރިކަމުގެ ދަށުން އެކުލަވާލި 14 ނުކުތާގެ ސުލްހައިގެ އެއްބަސްވުމެކެވެ.
ޖޫން 17 ގައި ސޮއިކުރި މި އެއްބަސްވުމުގެ މަގްސަދަކީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓުވައި، ހަނގުރާމަ ވަގުތުން މެދުކަނޑާލުމެވެ. އަދި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ޑިޕްލޮމެޓިކް މަގުޗާޓެއް އެކުލަވާލުންވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ޚާރިޖީ ދާއިރާގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދާއިމީ ހައްލަކަށް ވާސިލުވުމަށް ދެ ފަރާތަށް 60 ދުވަހުގެ މުހުލަތެއް ދެވުނެވެ. އީރާނުގެ އޮފިޝަލުން ދެކޭގޮތުގައި، މިއީ އީރާނުގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެހެން އެމެރިކާ މަޝްވަރާގެ މޭޒަށް ގެނައުމަށް ލިބުނު ސްޓްރެޓީޖިކް ކާމިޔާބީއެކެވެ.
ނަމަވެސް، މި އެއްބަސްވުން ވަރަށް އަވަހަށް ވަނީ ރޫޅިފައެވެ.
އީރާނުން ދާދިފަހުން ވަނީ އެ އެއްބަސްވުމުގެ ދަށުން އީރާނުން އުފުލަންޖެހޭ ޒިންމާތައް މެދުކަނޑާލާފައިވާކަން އިއުލާންކޮށްފަ އެވެ. އީރާނުން ބުނާގޮތުގައި އެމެރިކާއިން ވަނީ އިޚްލާސްތެރިކަމެއް ނެތް މަޝްވަރާތަކާއި، އިގްތިސާދީ ފިއްތުންތައް ކުރިއަށް ގެންދިއުމާއި، ވީ ވައުދުތަކާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން މުގުރާލާފަ އެވެ.
މި އެއްބަސްވުން ރޫޅުމާ ގުޅިގެން، ސަރަހައްދުގައި އަލުން ހަނގުރާމައެއް ފެށުނު ނުދިނުމަށާއި އެމްއޯޔޫ ސަލާމަތްކުރުމަށްޓަކައި ޕާކިސްތާނުން މިހާރު ދަނީ މަތީ ފަންތީގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއް އަވަސް ދުވެއްޔެއްގައި ކުރަމުންނެވެ.










