އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި
25 އޯގަސްޓު 2026 | އަންގާރަ 14:22އީރާނާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އެމެރިކާއިން އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކުރުމާ ގުޅިގެން، ޗައިނާގެ ގާނޫނީ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރަން ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުން ބުނެފި. އެމެރިކާގެ މި ނިންމުމަކީ އިގްތިސާދީ ގޮތުން މަޖުބޫރުކުރުވުމުގެ އަމަލެއް ކަމަށް ސިފަކޮށް، މިފަދަ ފިއްތުންތަކުގެ ބަދަލުގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ޗައިނާއިން ވަނީ ގޮވާލާފައި

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން، 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ބެއިޖިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް
އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ. ޗައިނާއިން ބުނީ ތެހެރާނާއެކު ބޭޖިންގްއިން ބާއްވާ ގުޅުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ ކަންކަން ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާއިން އެންމެ ފަހުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވަނީ މިކަން ހާމަކުރައްވާފަ އެވެ.
ލިން ވިދާޅުވީ މި މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ޗައިނާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޗައިނާގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަރުގަދަކަމާއެކު އަޅާނެ ކަމަށް އޭނާ ނޫސްވެރިންގެ ބައްދަލުވުމުގައި ބާރުއަޅުއްވައި ވިދާޅުވި އެވެ.
ޗައިނާއިން މިފަދައިން ބުނެފައި މިވަނީ، އީރާނުގެ އިގްތިސާދަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި 60 ފަރާތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނުކުރިތާ އެއްދުވަސް ފަހުންނެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ކުންފުނިތަކާއި އަދި މުދާ އުފުލާ އުޅަނދުފަހަރު ހިމެނެ އެވެ.
އެމެރިކާގެ އަސްކަރީ ހަމަލާތަކުން ހާސިލުނުވި ކަންކަން އިގްތިސާދީ މަޖުބޫރުކުރުވުމުގެ ތެރެއިން ހާސިލުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތުގެ ދަށުން، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ގާނޫނާ ހިލާފު އާ ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން، އީރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ކޮންމެ ގައުމަކަށް ނުވަތަ ކުންފުންޏަކަށް "ސެކަންޑަރީ ޕެނަލްޓީ" ނުވަތަ އިތުރު އަދަބުތައް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު ވަނީ "އިގްތިސާދީ ޓެރަރިޒަމް" ގެ މި އާ ކެމްޕޭން އިއުލާނުކުރައްވާފަ އެވެ. އަދި މި ހަރަކާތަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިންގި "ޑީ-ޑޭ ނޯމަންޑީ ލޭންޑިންގްސް" އާ އެއްފަދަ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
ބެސެންޓް ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކުގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އީރާނުގެ މާލީ ނެޓްވޯކްތަކެވެ. އަދި ވޮޝިންޓަނުގެ އަތްނުފޯރާ ހިސާބެއްގައި އެއްވެސް ބައިވެރިއަކަށް ނުހުރެވޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނާއެކު މުއާމަލާތްކުރާ ފަރާތްތައް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިހާރު ދެނެގަނެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން އީރާނާއެކު އޮތް ގުޅުންތައް ކަނޑާލުމަށް ވަކި މުއްދަތެއް ދޭނެ ކަމަށާއި، އެ މުއްދަތުގައި ގުޅުން ކަނޑާނުލައިފިނަމަ އެމެރިކާ ޑޮލަރުގެ ނިޒާމުން އެ ފަރާތްތައް ބޭރުކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި އާ ފިޔަވަޅުތަކުގެ ސަބަބުން ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ޝިޕިންގް ފަދަ ދާއިރާތަކުން އީރާނާއެކު މުއާމަލާތްކުރާ ފަރާތްތަކަށް "ސެކަންޑަރީ ސަންކްޝަން" ނުވަތަ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުރައްކާ ބޮޑުވެގެންދާނެ އެވެ. މީގެ އިތުރުން އީރާނުގެ ވިޔަފާރިއަށް އެހީތެރިވެދޭ 60 އެއްހާ ކުންފުންޏާއި، ވަކިވަކި ފަރުދުންނާއި އުޅަނދުފަހަރަށް މިހާރު ވަނީ ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާއިން މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، މަސްތަކެއް ވަންދެން ހިންގި އަސްކަރީ ހަމަލާތަކާއި ކަނޑުގެ މަގުން ބަންދުކޮށްގެން ދިން ހުރަސްތަކުންވެސް އީރާނުގެ އަޒުމް ގުޑުވާލުމުގައި އެމެރިކާ ނާކާމިޔާބުވެ، ގޮތް ހުސްވެފައިވާކަމުގެ ނިޝާންތައް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވާ ޗައިނާއިން ވަނީ އެމެރިކާގެ މި އުސޫލުތަކަށް މިހާރުވެސް އިންކާރުކޮށްފަ އެވެ. ވޮޝިންޓަނުގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ "ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކަކީ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަންކަމެއް ނޫން" ކަމަށެވެ. އަދި އޭގެ ބަދަލުގައި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލުތަކެއް ހޯދުމަށް ޗައިނާއިން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، އެއްވެސް މަޝްވަރާއަކާ ނުލައި އެމެރިކާއިން އަމިއްލައަށް ނިންމައިގެން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ބޭޖިންގްއިން ތަކުރާރުކޮށް އަޑުއުފުލަމުންދެ އެވެ. އަދި އީރާނާއެކު ބާއްވާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަން ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.










