Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟

25 އޯގަސްޓު 2026 | އަންގާރަ 15:02

އީރާނުގެ އިގްތިސާދު ބަލިކަށިކޮށް އެކަހެރިކުރުމަށް އެމެރިކާއިން 60 އަށްވުރެ ގިނަ ފަރުދުންނާއި ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި. މި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އީރާނުގެ ތެލުގެ ވިޔަފާރިއާއި، ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމަށް އެހީތެރިވާ ބައިނަލްއަގްވާމީ ނެޓްވޯކްތަކަށް. ނަމަވެސް އީރާނާއި ޗައިނާއިން ވަނީ މި ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައި

ރާއްޖެ އެމްވީ | 25 އޯގަސްޓު 2026 | އަންގާރަ 15:02
އީރާނުގެ ވެރިރަށް ތެހެރާނުގައި އޭޓީއެމް މެޝިނުން ދެ އަންހެނަކު ފައިސާ ނަގަނީ

އީރާނުގެ ވެރިރަށް ތެހެރާނުގައި އޭޓީއެމް މެޝިނުން ދެ އަންހެނަކު ފައިސާ ނަގަނީ | އެލަމީ

އީރާނާއި އެ ގައުމާއެކު ވިޔަފާރީގެ މުއާމަލާތްކުރާ ގައުމުތަކާ ދެކޮޅަށް، އެމެރިކާއިން އިގްތިސާދީ ގޮތުން ވަރުގަދަ އާ ފިޔަވަޅުތަކެއް އަޅައިފި އެވެ. މި ފިޔަވަޅުތަކަކީ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހާލަތުގައި، އީރާން ދުނިޔޭގެ އިގްތިސާދުން އެކަހެރިކޮށް، އެ ގައުމަށް ކުރިމަތިކުރާ އިގްތިސާދީ ފިއްތުންތައް އިތުރުކުރުމަށް އެމެރިކާއިން އެޅި ފިޔަވަޅުތަކެކެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު މި ފިޔަވަޅުތައް އިއުލާން ކުރައްވަމުން ވިދާޅުވީ، މިއީ އީރާނުގެ "އިގްތިސާދު ނޭވާ ހާސްކޮށްލުމަށް" ހިންގާ ކެމްޕޭނެއް ކަމަށެވެ. މި ފިޔަވަޅުތައް މި އެޅީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަ މަސް ފުރެން ގާތްވެފައި ވަނިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ އަމާޒަކީ އީރާނުގެ "އަނިޔާވެރި ސަރުކާރު" ދެމެހެއްޓުމަށް އެހީތެރިވާ އިގްތިސާދީ ހުރިހާ މަގުތަކެއް ބަންދުކޮށް، ތެހެރާން އެކަހެރިކުރުން ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އަލަށް އެޅި މި ފިޔަވަޅުތައް ގާތްގަނޑަކަށް 60 ފަރުދުންނާއި ކުންފުނިތަކަށް އަމާޒުކޮށްފައިވެ އެވެ. މީގެ ތެރޭގައި އީރާނަށް ތެލުގެ އާމްދަނީ ހޯދައިދިނުމާއި، ހަތިޔާރު ހޯދުމާއި، ސައިބަރ އޮޕަރޭޝަންތައް ހިންގުމަށް އެހީތެރިވާ ކަމަށް ވޮޝިންޓަނުން ތުހުމަތުކުރާ ނެޓްވޯކްތައް ހިމެނެ އެވެ.

އެމެރިކާގެ މި ފިޔަވަޅުތަކަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުގެ އިގްތިސާދީ ވަޒީރު އަލީ މަދަނީޒާދޭ ވިދާޅުވީ މި ފިޔަވަޅުތައް ނާކާމިޔާބުވާނެ ކަމަށެވެ. ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އާ އެއްޗެއް ނޫން ކަމަށާއި، އެ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްރޮގްރާމްތައް އީރާނުގައި އެބަހުރި ކަމަށެވެ. އަދި އީރާނުގެ އިގްތިސާދީ ނާރުތައް ބުރިކޮށްލައިގެން ވޮޝިންޓަނަށް އެމީހުންގެ މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އެނގެންޖެހޭ މުހިންމު ތަފްސީލުތައް:

ފިޔަވަޅު އެޅި 60 ފަރާތަކީ ކޮބާ؟ އަދި ފިޔަވަޅު އެޅީ ކީއްވެ؟

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، އަލަށް އެޅި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތަކަށާއި، ސައިބަރ އޮޕަރޭޝަންތަކުގެ އިތުރުން ތެލުގެ އާމްދަނީ ހޯދުމަށް އެހީތެރިވާ ކުންފުނިތަކާއި އުޅަނދުފަހަރަށެވެ.

މި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އީރާނުގެ އިގްތިސާދު ދަމަހައްޓާ ފަސް ދާއިރާއަކަށެވެ. އެއީ ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ކަނޑުދަތުރުފަތުރުގެ ދާއިރާ އެވެ.

ބެސެންޓް ވިދާޅުވި ގޮތުގައި، އީރާނުން "ވަގަށް" ތެޔޮ ބޭރުކުރުމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ބޭނުންކުރާ ނެޓްވޯކްތަކާއި، އެކަމަށް މަގުފަހިކޮށްދޭ ފަރާތްތަކާއި މާލީ ވަސީލަތްތައް އެމެރިކާއިން ވަނީ ދެނެގަނެފަ އެވެ. ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި މެދުއިރުމައްޗާއި، ޗައިނާ، ސިންގަޕޫރު އަދި ޔޫރަޕްގެ ކުންފުނިތަކާއި ފަރުދުން ހިމެނެ އެވެ. ޓްރެޜަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، މީގެ ތެރެއިން އެންމެ މުހިންމު އެއް އަމާޒަކީ މެދުއިރުމައްޗާއި އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ 20 އަށްވުރެ ގިނަ މީހުންނާއި ކުންފުނިތައް ހިމެނޭ ނެޓްވޯކެކެވެ. މި ނެޓްވޯކަކީ އީރާނުގެ ނިއުކްލިއަރ ދިރާސާތަކަށާއި ބެލިސްޓިކް މިސައިލް އުފެއްދުމަށް ބޭނުންވާ މުހިންމު ޓެކްނޮލޮޖީ ހޯދައިދޭ ކަމަށް ތުހުމަތުކުރެވޭ ނެޓްވޯކެކެވެ.

"މި ނެޓްވޯކުން ވަނީ ފޭކް ކުންފުނިތަކާއި، ސިއްރު މާލީ ވަސީލަތްތަކާއި، ލޮޖިސްޓިކްސްގެ އެހީގައި އީރާނަށް ބޭނުންވާ މުހިންމު ޓެކްނޮލޮޖީ ހޯދައިދީފަ އެވެ. މީގެ ސަބަބުން އީރާނުގެ އަސްކަރީ އިދާރާތަކަށް ބައިނަލްއަގްވާމީ އެކްސްޕޯޓް ކޮންޓްރޯލްތަކުން ރެކިގަތުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ،" އެމެރިކާގެ ޓްރެޜަރީން ނެރުނު ބަޔާނުގައިވެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކުރާނެ އީރާނާއި އެހެނިހެން ގައުމުތަކުގެ ފަރާތްތަކަކީ:

އީރާން

މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ އީރާނުގެ ސަރުކާރުގެ މިނިސްޓްރީތަކެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް އިންޓެލިޖެންސް އެންޑް ސެކިއުރިޓީ (އެމް.އޯ.އައި.އެސް) އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސް (އެމް.އޯ.ޑީ.އޭ.އެފް.އެލް) ހިމެނެ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީތަކާ ގުޅުންހުރި ޖަމާއަތްތަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި އީރާނުގެ ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ ނޯވަރަން އެކްސިސް ޕްރައިވެޓް ޖޮއިންޓް ސްޓޮކް ކުންފުނި (ބީ.އާރް.އީ ލައިން) ހިމެނެ އެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މި ކުންފުނިން ވަނީ އީރާނުގެ ދިފާއީ ދިރާސާތަކާ ބެހޭ އިދާރާއަށް ބޭނުންވާ ތަކެތި އުފުލައިދީފަ އެވެ.

އަދި އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީއާ ގުޅުންހުރި މުހައްމަދު ހުސައިން އަސްލާނީ، ރިޒާ ކަދްޚުދާއީ އަދި އަރްމާން ކަހްޒާދިއަން ނަމަކަށް ކިޔާ ތިން މީހަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މިއީ ސައިބަރ ހަމަލާތަކުގައި ބައިވެރިވާ ބައެކެވެ.

ހޮންކޮންގް

ހޮންކޮންގްގައި ހުންނަ ސްވީޓް އޯޝަން އިންޑަސްޓްރިއަލް ލިމިޓެޑް ހިމެނޭހެން އެ ސިޓީގެ 12 އެއްހާ ކުންފުންޏަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ. އެމެރިކާގެ ޓްރެޜަރީން ބުނާ ގޮތުގައި މި ކުންފުންޏަކީ އީރާނުގެ މާލިކް އަޝްތަރު ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއަށް ބޭނުންވާ މުހިންމު ސާމާނު ހޯދައިދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ކުންފުންޏެކެވެ. މީގެ އިތުރުން އާރް.ޕީ.ޓީ ޓެކްނޮލޮޖީ ލިމިޓެޑާއި ޝެންޒެން ސްވީޓް އޯޝަން ޓެކްނޮލޮޖީ ލިމިޓެޑަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ފޭލީ ކޯ ލިމިޓެޑް، މިންވޫރް ލިމިޓެޑް، ފޭސޫ ލިމިޓެޑް އަދި ގުސްކާ ކޯ ލިމިޓެޑަށްވެސް ވަނީ އީރާނަށް މުދާ ހޯދައިދޭ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ބުނެ ފިޔަވަޅު އަޅާފަ އެވެ.

އީރާނުގެ ސިއްރު "ޝެޑޯ ބޭންކިންގް" ނެޓްވޯކްތަކަށް ފައިސާ ފޮނުވައިދޭ ކަމަށް ތުހުމަތުކުރެވޭ ތިން ކުންފުންޏަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. މީގެ ތެރޭގައި ކުރިންވެސް ފިޔަވަޅު އަޅާފައިވާ އީރާނުގެ މަނީ އެކްސްޗޭންޖްތަކަށް އެހީވާ ކުންފުނިތައް ހިމެނެ އެވެ.

ޓިއާނީ ޓެކްނޮލޮޖީ ލިމިޓެޑާއި އެމް.ޓީ ޓްރޭޑިންގް އެންޑް ލޮޖިސްޓިކްސް އެޗް.ކޭ ލިމިޓެޑަށް ފިޔަވަޅު އެޅީ ޝެންޒެން ސްވީޓް އޯޝަން ޓެކްނޮލޮޖީއަށް މެދުވެރިއެއްގެ ގޮތުން މަސައްކަތް ކޮށްދޭތީ އެވެ. ހޮންކޮންގްގައި ރަޖިސްޓްރީކޮށްފައިވާ ޝިޕްއޮއިލް ލިމިޓެޑަށް ތުހުމަތުކުރެވެނީ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށެވެ. މީގެ ތެރޭގައި އީރާނުގެ ތެޔޮ މަހުޖަނު މުހައްމަދު ހުސައިން ޝަމްޚާނީގެ ނެޓްވޯކާ ގުޅުންހުރި އުޅަނދުތައް ހިމެނެ އެވެ.

މީގެ އިތުރުން ސްކައި އޮއިލް އެންޑް ގޭސް އޭޝިއާ، ވިއެނާ ޝިޕިންގް ކޯ އަދި ރިކުއޭޒާ ގްރޫޕް ލިމިޓެޑަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ޗައިނާ

ޗައިނާގެ ކުންފުނިތަކަށް ފިޔަވަޅު އަޅާފައިވަނީ މައިގަނޑު ގޮތެއްގައި އީރާނުގެ ނިއުކްލިއަރ، މިސައިލް އަދި ތެލުގެ އާމްދަނީ ހޯދާ ނެޓްވޯކްތަކަށް ލޮޖިސްޓިކްސް އަދި ޝިޕިންގްގެ އެހީތެރިކަން ފޯރުކޮށްދޭތީ އެވެ.

މި ނެޓްވޯކްގެ މައިގަނޑު އެއް ކުންފުންޏަކީ ލެބް ސާމާނާއި އޮޕްޓިކަލް އަދި އިލެކްޓްރޯނިކް ސާމާނު އުފައްދާ ޝެންޒެން ސްވީޓް އޯޝަން ޓެކްނޮލޮޖީ ލިމިޓެޑެވެ. މި ކުންފުނީގެ ޑައިރެކްޓަރު ޓިއާން ޖިއާންބައިއަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ޝެންޒެން ހުއާމޭ ލިއަންޔުން އިންޓަރނޭޝަނަލް ލޮޖިސްޓިކްސް ކުންފުންޏަށް ފިޔަވަޅު އެޅީ އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ދިރާސާތައް ކުރާ އިދާރާއަށް ބޭނުންވާ ތަކެތި ފޮނުވައިދޭތީ އެވެ.

މީގެ އިތުރުން ޝެންޒެން ބޮސިޓޮންގް ލޮޖިސްޓިކްސް، ބޮސިޓޮންގް ސަޕްލައި ޗެއިން ޝެންޒެން އަދި ލިލިމޫން ނެވިގޭޝަން އިންކް އަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ސިންގަޕޫރު

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ކުންފުނިތަކަށް ފިޔަވަޅު އެޅީ އީރާނުގެ ތެލުގެ ދާއިރާގައި މަސައްކަތްކުރާތީ ނުވަތަ ކުރިން ފިޔަވަޅު އަޅާފައިވާ މީހުންގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކަށް ވާތީ އެވެ.

އެޒުއަރ ޝިޕިންގް ޕީޓީއީ ލިމިޓެޑަށް ފިޔަވަޅު އެޅީ އީރާނުގެ ނޭޝަނަލް ޓޭންކަރ ކުންފުންޏާއެކު މަސައްކަތް ކުރާތީ އެވެ. އެ ކުންފުނީގެ ކުރީގެ ވެރިޔާ މަންސޫރު ތައްޔަބްބާއީ ގާނދީއާއި އޭނާގެ ދެ ޝިޕިންގް ކުންފުންޏަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ސިންގަޕޫރުގެ ވެލްބްރެޑް ކެޕިޓަލް ޕީޓީއީ ލިމިޓެޑާއި، ސްވިޒަލޭންޑާއި ޔޫއޭއީގައި ހުންނަ އެ ކުންފުނީގެ ގޮފިތަކަށް ފިޔަވަޅު އެޅީ އީރާނުގެ ތެޔޮ މަހުޖަނު ޝަމްޚާނީގެ މަސްލަހަތުގައި މަސައްކަތް ކުރާތީ އެވެ.

މެލޭޝިއާ

މެލޭޝިއާގެ ވާސްޓް މާޓް އެސްޑީއެން ބީއެޗްޑީއަށް ތުހުމަތުކުރެވެނީ ހޮންކޮންގްގެ ސްވީޓް އޯޝަން ކުންފުންޏަށް އެކި ފަހަރު މަތިން ފައިސާ ފޮނުވާފައިވާ ކަމަށެވެ.

ޔުނައިޓެޑް ކިންގްޑަމް (އިނގިރޭސިވިލާތް)

އިނގިރޭސިވިލާތުގެ އެސްޓަނިކާ ޓްރޭޑިންގް ލިމިޓެޑަށް ފިޔަވަޅު އެޅީ، އީރާނުގެ އެތައް ލައްކަ ފީފާ ތެލެއް އުފުލި ކަމަށް ތުހުމަތުކުރެވޭ ގޭމްބިއާގެ ދިދަ ޖަހާފައިވާ އުޅަނދެއް ދުއްވާތީ އެވެ.

ފްރާންސް

ފްރާންސްގެ ކައްކާ ތެޔޮ އުފައްދާ ކުންފުންޏެއް ކަމަށްވާ ލާ ނިވާނައިސް ޑި ރަފިނޭޖް އެސްއޭއެސް އަށް ފިޔަވަޅު އެޅީ، އެއީ ވެލްބްރެޑް ޓްރޭޑިންގްގެ ސްވިސް ގޮފީގެ މިލްކިއްޔާތެއް ކަމަށް ވާތީއެވެ.

ސީރިއާ

ޔޫއޭއީގައި ހަރަކާތްތެރިވާ ސީރިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަހުމަދު ސުހައިލް ފައްތޫހަށް ތުހުމަތުކުރެވެނީ އީރާނުގެ ތެޔޮ އުފުލާ ސިއްރު އުޅަނދުފަހަރަށް ބްރޯކަރެއްގެ ގޮތުން އެހީތެރިވާ ކަމަށެވެ.

ޔޫކްރެއިން

ޔޫއޭއީގައި އުޅޭ ޔޫކްރެއިންގެ ވިޔަފާރިވެރިއެއް ކަމަށްވާ އިވާން އޮބުޚޯވްއަށް ފިޔަވަޅު އެޅީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ތެޔޮ އުޅަނދުތަކަށް ބްރޯކަރެއްގެ ގޮތުން މަސައްކަތްކޮށްދޭ ކަމަށް ބުނެ އެވެ.

މާޝަލް އައިލެންޑްސް

ސިފްރާ ޝިޕިންގް ކުންފުންޏަށް ފިޔަވަޅު އެޅީ ބޮޓްސްވާނާގެ ދިދަ ޖަހާފައިވާ 'ސިފްރާ' ނަމަކަށް ކިޔާ އުޅަނދެއްގައި އީރާނުގެ ގޭހާއި ކެމިކަލް އުފުލާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.

ގްރީސް

ގްރީސްގެ ދެ ރައްޔިތުން ކަމަށްވާ އަލްމްޕާޓޯސް ސޯރިސް އަދި ޖޯޖިއޯސް ސޯރިސްއަށް ފިޔަވަޅު އެޅީ ޝިޕްއޮއިލް ނެޓްވޯކާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ.

މި ފިޔަވަޅުތަކުގެ އަސަރުކުރި ގައުމުތަކަކީ ކޮބާ؟

  • އީރާން
  • ޗައިނާ (ހޮންކޮންގް ހިމެނޭހެން)
  • ސިންގަޕޫރު
  • ސްވިޒަލޭންޑް
  • ޔޫއޭއީ
  • މެލޭޝިއާ
  • މާޝަލް އައިލެންޑްސް
  • އިނގިރޭސިވިލާތް
  • ފްރާންސް
  • ސީރިއާ
  • ޔޫކްރެއިން
  • ގްރީސް

އެމެރިކާއިން ފިޔަވަޅު ނާޅާ ދޫކޮށްލީ ކޮން ފަރާތްތަކެއް؟

އީރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިވާ ކަމަށް ޝައްކުކުރެވޭ ޗައިނާގެ މާލީ އިދާރާތަކަށް މިފަހަރު ފިޔަވަޅު އަޅާފައެއް ނުވެ އެވެ. މިއީ ފާހަގަކޮށްލެވޭ ކަމެކެވެ.

މުސްތަގުބަލުގައި ފިޔަވަޅު އަޅާނީ ކޮން ގައުމުތަކަކަށް ކަމެއް ބެސެންޓް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އީރާނާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ގައުމުތަކަށާއި ކުންފުނިތަކަށް ވަގުތު ދޭނެ ކަމަށެވެ.

"ދުނިޔޭގެ މާލީ ނިޒާމު ގޮއްވާލަން އަހަރެން ބޭނުންވާންވީ ކީއްވެ؟" ބެސެންޓް ސުވާލު ކުރެއްވި އެވެ.

މި ގޮތަށް އެމެރިކާއިން އަމަލުކުރީ ޗައިނާއަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަށް ވެފައި، ޗައިނާއިން ބަދަލުހިފުމުގެ ފިޔަވަޅެއް އަޅައިފާނެތީ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ޗައިނާއަކީ އެމެރިކާއަށް ބޭނުންވާ މުހިންމު މިނަރަލްތައް ފޯރުކޮށްދޭ ގައުމަކަށް ވާތީ އެވެ.

އެހެން ގައުމުތަކުން ބުނީ ކީކޭ؟

ޗައިނާއިން ބުނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

"ޗައިނާއާއި އީރާނުގެ ގުޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން ހިނގާ ގުޅުމެއް. އެކަމަށް އެހެން ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަމިއްލައަށް އަޅާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ޗައިނާ ދެކޮޅު ކަމަށާއި، އަމިއްލަ ގައުމުގެ ހައްގުތައް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް ޗައިނާއިން އަޅާނެ ކަމަށެވެ.

އދ. ގެ ކުރީގެ ޚާއްސަ ރެޕަޓުއަރ އަދި އެމެރިކާގެ ވަކީލެއް ކަމަށްވާ އަލްފްރެޑް-މައުރިސް ޑި ޒަޔާސް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެމެރިކާއަށްވެސް ކުރާނެ ކަމަށެވެ.

"ޓްރަމްޕް މިދަނީ އީރާނަށް ފިޔަވަޅު އަޅައި، އެމެރިކާގެ އަމުރަށް ނުކިޔަމަންތެރިވާ ގައުމުތަކަށް ބިރުދައްކަމުން. މީގެ ނަތީޖާ އެމެރިކާއަށް ހިތިވާނެ. ސަބަބަކީ ގިނަ ގައުމުތަކަކުން އެމެރިކާގެ ބޮޑާކަމާ މެދު ހިތްހަމަނުޖެހި، ޑޮލަރާ ދުރުވާން ފަށާނެތީ،" އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ލިޔެފައިވެ އެވެ.

އޭނާ ވަނީ ޓްރަމްޕްގެ މި އަމަލުތަކަކީ "ޖިނާއީ" އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އީރާނުން މަސައްކަތް ކުރަނީ އެ ގައުމުގެ މިނިވަންކަމަށްޓަކައިކަން ގިނަ ގައުމުތަކަށް މިހާރު ވިސްނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އީރާނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބާ؟

1979 ވަނަ އަހަރު އީރާނަށް އައި އިންގިލާބަށްފަހު، އެމެރިކާއިން ދަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އދ. އާއި ޔޫރަޕްގެ އިއްތިހާދުންވެސް ވަނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމާ ގުޅިގެން ފިޔަވަޅު އަޅާފަ އެވެ.

1995 ވަނަ އަހަރު ރައީސް ބިލް ކްލިންޓަން ވަނީ އީރާނާއެކު ވިޔަފާރިކުރުމާއި އިންވެސްޓްކުރުން މަނާކުރައްވާފަ އެވެ. އަދި 2000 ގެ އަހަރުތަކުގެ މެދުތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި 20 އަށްވުރެ ގިނަ ޖަމާއަތަކާއި ތިން ބޭންކަކަށް ފިޔަވަޅު އަޅާފަ އެވެ.

2015 ވަނަ އަހަރު އީރާނާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން މި ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ލިބުނެވެ. ނަމަވެސް 2018 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އެ އެއްބަސްވުމުން ވަކިވެ، "މެކްސިމަމް ޕްރެޝަރ" ކެމްޕޭނެއް ފަށައި، އީރާނުގެ ތެލާއި، ޝިޕިންގް އަދި މާލީ ދާއިރާއަށް އަލުން ފިޔަވަޅު އެޅި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާސްކޮޓް ބެސެންޓްއިގްތިސާދީ ފިޔަވަޅުތައްޗައިނާ-އީރާން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި

25 އޯގަސްޓު 2026
އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި
25 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް

25 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް
25 އޯގަސްޓު 2026

ޓްރަމްޕްގެ ބާރު ދެއްކުމުގެ ފަލްސަފާ- ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި

25 އޯގަސްޓު 2026
ޓްރަމްޕްގެ ބާރު ދެއްކުމުގެ ފަލްސަފާ- ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި
25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
25 އޯގަސްޓު 2026

އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި

25 އޯގަސްޓު 2026
އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި
24 އޯގަސްޓު 2026

އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު

24 އޯގަސްޓު 2026
އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން

22 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް