Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ-އީރާން

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026 | ބުދަ 05:37

އީރާނުގެ އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމަށް އެމެރިކާއިން "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" އިފްތިތާހުކޮށް، އެ ގައުމާ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައި. މި ފިއްތުންތަކާ ގުޅިގެން ޔޫއޭއީން އީރާނާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލި ނަމަވެސް، ސަރަހައްދީ ހަމަޖެހުމަށްޓަކައި ސައުދީއާއި ގަތަރު ފަދަ ގައުމުތަކުން އިސްކަންދެނީ ސިޔާސީ މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް

ރާއްޖެ އެމްވީ | 26 އޯގަސްޓު 2026 | ބުދަ 05:37
އީރާނުގެ އިސްފަހާން ޕްރޮވިންސްގެ ކާޝާން ސިޓީގައި ހުންނަ ބާޒާރުގެ މަންޒަރެއް

އީރާނުގެ އިސްފަހާން ޕްރޮވިންސްގެ ކާޝާން ސިޓީގައި ހުންނަ ބާޒާރުގެ މަންޒަރެއް | އެލަމީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ހަ މަސް ދުވަސް ފުރެން ކައިރިވެފައިވާއިރު، ތެހެރާނުން އެމެރިކާގެ ސުލްހައިގެ ޝަރުތުތަކަށް އެއްބަސްކުރުވުމަށްޓަކައި، އެމެރިކާގެ ސަރުކާރުން މިހާރު ވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ސިޔާސަތަކަށް މިސްރާބު ބަދަލުކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" އިފްތިތާހުކުރައްވާފަ އެވެ. މި އޮޕަރޭޝަނުގެ މަގްސަދަކީ އީރާނަށް އާމްދަނީ ލިބޭ ހުރިހާ މަގުތަކެއް ބަންދުކުރުމާއި، އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދާ ފަރާތްތަކަށް އަދަބު ދޭނެކަމުގެ އިންޒާރު ދިނުމެވެ.

ބެސެންޓް ސިފަކުރެއްވި ގޮތުގައި މި ފިޔަވަޅުތަކަކީ އީރާނާ ދެކޮޅަށް މިހާތަނަށް ދޭ އެންމެ ވަރުގަދަ މާލީ ހަމަލާ އެވެ. އަދި އީރާނާއެކު މުއާމަލާތް ކުރާ ބޭންކުތަކާއި ކުންފުނިތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭނަމަ، އީރާނެކޭ އެއްފަދައިން އެ ފަރާތްތައްވެސް ދުނިޔޭގެ މާލީ ނިޒާމުން އެކަހެރިކޮށްލާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން، 2025 މެއި 16 ވާ ހުކުރު ދުވަހު އަބޫ ދާބީގެ ރިޔާސީ ގަނޑުވަރު "ގަސްރު އަލް ވަތަން" ގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން، 2025 މެއި 16 ވާ ހުކުރު ދުވަހު އަބޫ ދާބީގެ ރިޔާސީ ގަނޑުވަރު "ގަސްރު އަލް ވަތަން" ގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | ރޮއިޓާސް

އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ތެރޭގައި، އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އީރާނުން ހަމަލާދެމުންދާތީ، ގަލްފުގެ ގައުމުތަކަށް ވަނީ މި ހަމަލާތަކުގެ ނުރައްކާ ތަކުރާރުކޮށް ކުރިމަތިވެފަ އެވެ.

އެމެރިކާއާއި އިސްރާއީލުން ދޭ މިސައިލް ހަމަލާތަކަށްވުރެ އިގްތިސާދީ ފިއްތުންތައް ރަނގަޅު ކަމަށް ފެނުނު ނަމަވެސް، މިއީ ނުރައްކާތެރި ސިޔާސަތެއް ކަމަށް މުހައްލިލުން އިންޒާރު ދެއެވެ. ސަބަބަކީ އިގްތިސާދީ ފިއްތުންތައް ބޮޑުވުމުން، އީރާނުން ރައްދުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދީފާނެތީ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ މިދިޔަ ހަފުތާގައި ވިދާޅުވީ، އީރާނުގެ އަވަށްޓެރި އެއްވެސް ގައުމަކުން އެމެރިކާގެ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ، ފާރިސް ކަނޑުއޮޅިއާއި ހުރްމުޒް ކަނޑުއޮޅިން ތެޔޮ ތިއްކެއްވެސް ބޭރަށް ދިޔަނުދޭނެ ކަމަށެވެ.

އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު އީރާނުން އެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެއީ މިހާރު މި ހަނގުރާމައިގެ އެންމެ ބޮޑު މައްސަލައަށް ވަނީ ވެފަ އެވެ.

އީރާނުގެ މި ހަރުކަށި އުސޫލުގެ ސަބަބުން އެމެރިކާގެ ބައިވެރި ގަލްފު ގައުމުތައް ވަނީ ދަތި ހާލަތެއްގަ އެވެ. އެ ގައުމުތަކުގައި ތިބޭ އެމެރިކާ ސިފައިން އީރާނުގެ މިސައިލްތަކުން އެ ގައުމުތައް ސަލާމަތްކޮށްދިން ނަމަވެސް، އެމެރިކާ ސިފައިން ތިބުމުގެ ސަބަބުން އެ ގައުމުތަކަކީ އީރާނުގެ ހަމަލާތަކުގެ އަމާޒަކަށްވެ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، އެމެރިކާއާއެކު އޮތް ސަލާމަތީ ގުޅުމުގެ ސަބަބުން، އީރާނާއެކު އޮތް އިގްތިސާދީ ގުޅުންތައް ކަނޑާލުމަށް އެ ގައުމުތަކަށް ދަނީ މަޖުބޫރުވަމުންނެވެ. މީގެ ސަބަބުން އީރާނުގެ ހަމަލާތައް އިތުރުވެ، އެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ފުންކޮށް ވަދެގެންދިއުމުގެ ބިރު އެބައޮތެވެ.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު، އީރާނުން ދުބާއީއަށް ދިން ކަމަށް ބުނާ ހަމަލާއެއްގައި ދުން އަރަމުންދާ ސަރަހައްދެއްގެ ކައިރިން މީހުން ހިނގާފައި ދަނީ

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު، އީރާނުން ދުބާއީއަށް ދިން ކަމަށް ބުނާ ހަމަލާއެއްގައި ދުން އަރަމުންދާ ސަރަހައްދެއްގެ ކައިރިން މީހުން ހިނގާފައި ދަނީ | ގެޓީ އިމޭޖަސް

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދިޔަ ހަފުތާގައި އީރާނާއެކު އޮތް އިގްތިސާދީ ގުޅުންތައް ކަނޑާލި ނަމަވެސް، ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާން ފަދަ ގައުމުތަކުގެ ވިސްނުން ތަފާތެވެ. މުހައްލިލުން ބުނާ ގޮތުގައި އެ ގައުމުތަކުން ބޭނުންވަނީ އީރާނާއެކު އޮތް ސިޔާސީ ގުޅުން ދަމަހައްޓައި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވޭނެ ފަދަ އެއްބަސްވުމަކަށް ދިއުމަށެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ބެސެންޓް ވަނީ އީރާނު އެކަހެރިކުރުމަށް އަޅާ ފިޔަވަޅުތަކަކީ "އިގްތިސާދީ ޑީ-ޑޭ" (ބޮޑު ހަމަލާއެއް) ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެމެރިކާއިން މީގެ ކުރިންވެސް އީރާނުގެ ތެލާއި މާލީ ދާއިރާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވީ ނަމަވެސް، އަލަށް އެޅި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ އިގްތިސާދުގެ އެންމެ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ ޑިޖިޓަލް ފައިސާ، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ކަނޑުދަތުރުފަތުރުގެ ދާއިރާ އެވެ.

މީގެ އިތުރުން، އީރާނުގެ ތެޔޮ ވިއްކައިގެން ފައިސާ ހޯދުމަށް އެހީތެރިވާ ގައުމުތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބެސެންޓް ވިދާޅުވި އެވެ. މިގޮތުން ޔޫއޭއީ، ހޮންކޮންގް، ޗައިނާ، ސިންގަޕޫރު އަދި ސްވިޒަލޭންޑަށް ނިސްބަތްވާ 60 ކުންފުންޏަކާއި، އުޅަނދަކާއި، ފަރުދުންނާ ދެކޮޅަށް އެމެރިކާގެ ޓްރެޜަރީން ވަނީ ފިޔަވަޅު އަޅާފަ އެވެ.

ނަމަވެސް އީރާނުގެ ސިޔާސީ މުހައްލިލެއް ކަމަށްވާ މުސްތަފާ ޚޯޝްޗެޝްމް ވިދާޅުވީ، މިއީ އަވަށްޓެރި ގައުމުތައް ބިރުގަންނަވަން ދައްކާ "ސިޔާސީ ދެއްކުންތެރިކަމެއް" ކަމަށެވެ.

އޭނާ މިކަމުގެ މިސާލެއްގެ ގޮތުން ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ގެންގުޅުއްވި "މެކްސިމަމް ޕްރެޝަރު" ސިޔާސަތެވެ. އެ ސިޔާސަތުގެ ބޭނުމަކީ ބަރަކް އޮބާމާގެ ދައުރުގައި ވެފައިވާ ނިއުކްލިއާ އެއްބަސްވުން (ޖޭސީޕީއޯއޭ) އާ މެދު އަލުން މަޝްވަރާކުރަން އީރާނަށް މަޖުބޫރުކުރުވުމެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ، 2018 ވަނަ އަހަރު ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފަ އެވެ. ޚޯޝްޗެޝްމް ވިދާޅުވި ގޮތުގައި މިހާރު އަޅާ ފިޔަވަޅުތައް އެއަށްވުރެ މާ ބަލިކަށިވާނެ އެވެ.

އިގްތިސާދީ ފިއްތުންތައް ވަރުގަދަކުރަން އެމެރިކާއިން ނިންމީ، ހަނގުރާމަ ފެށުނުއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މަސްތަކެއް ވީއިރުވެސް ކާމިޔާބެއް ނުލިބުމުންނެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ މިސައިލާއި ވައިގެ ދިފާއީ ނިޒާމުތައް ހުސްވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ. ޓްރަމްޕްގެ ސަރުކާރުން މިކަން ދޮގުކުރި ނަމަވެސް، މިއީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުވަން އެމެރިކާއިން އެހެން ގޮތްތައް ހޯދާ ސަބަބެއް ކަމަށް މުހައްލިލުން ދެކެ އެވެ.

ހުރްމުޒް ކަނޑުއޮޅިން ހަކަތަ އެކްސްޕޯޓްކުރުމަށް ހުރަސް އެޅުމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މީގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ހަނގުރާމައަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، އެމެރިކާއިން ގަބޫލުކުރަނީ އިގްތިސާދީ ގޮތުން ކުރި ލިބޭނީ އެމެރިކާއަށް ކަމަށެވެ. ކުއިންސީ އިންސްޓިޓިއުޓްގެ ޓްރީޓާ ޕާސީ ވިދާޅުވީ، އޮމާން މެދުވެރިކޮށް ކަނޑުދަތުރުފަތުރުގެ މަގުތައް ބަދަލުކުރުމުން، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ކުރާ އަސަރު ކުޑަވެފައިވާ ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ. އަދި އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން އީރާނަށް ތެޔޮ ވިއްކުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

ޕާސީ "އަލްޖަޒީރާ" އަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ނަޒަރުގައި މިހާރު އޮތް ހާލަތުގެ ސަބަބުން އެމެރިކާއަށްވުރެ ބޮޑު ގެއްލުމެއް ވަމުންދަނީ އީރާނަށެވެ.

މި ވިސްނުމުގެ ސަބަބުން، އީރާނު ބަލިވަންދެން މަޑުކޮށްލުމުގެ ފުރުސަތު އެމެރިކާއަށް އެބައޮތް ކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ވަގުތަކީ އެމެރިކާއަށް ފައިދާހުރި އެއްޗަކަށް ވެފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް ޕާސީ ވިދާޅުވި އެވެ.

ނަމަވެސް މި ސިޔާސަތު ކާމިޔާބުވާނީ ޗައިނާ، އިންޑިއާ އަދި ރަޝިއާ ފަދަ ބޮޑެތި އިގްތިސާދުތަކުން އީރާނާއެކު ވިޔަފާރިކުރުން ހުއްޓާލައިފިނަމަ އެވެ. އެ ގައުމުތަކުން މިކަން ކުރާނީ އީރާނާއެކު ވިޔަފާރިކޮށްފިނަމަ އެމެރިކާއިން ހަގީގަތުގައިވެސް އެ ގައުމުތަކަށް އަދަބު ދޭނެ ކަމަށް ގަބޫލުކުރެވޭ ނަމަ އެވެ.

އެމެރިކާގެ މި ހިސާބުތަކަކީ ގަލްފުގެ ބައިވެރިންނަށް އެހާ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫނެވެ. އެމެރިކާއަށް އީރާނާއެކު ދިގުލީ އިގްތިސާދީ ހަނގުރާމައެއްގައި ކެތްކުރެވުނު ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ތެލުގެ އެކްސްޕޯޓަށް ބަރޯސާވާ ގަލްފުގެ އިގްތިސާދުތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

އެހެންކަމުން، އެމެރިކާގެ މި އިގްތިސާދީ ހަނގުރާމައިގައި ބައިވެރިވާނީ ކިހާ މިންވަރަކަށްތޯ ނިންމުމުގެ އުނދަގޫ ސުވާލު ގަލްފު ގައުމުތަކަށް ވަނީ ކުރިމަތިވެފަ އެވެ.

ގަލްފުގެ އެހެން ގައުމުތަކަށްވުރެ ކުރިން ޔޫއޭއީން ވަނީ އީރާނާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލާނެ ކަމަށް މިދިޔަ ހަފުތާގައި ބުނެފަ އެވެ.

ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސްގެ މިއާދު މަލެކީ ވިދާޅުވި ގޮތުގައި، ޔޫއޭއީން އީރާނާއެކު އޮތް މާލީ އަދި ވިޔަފާރީގެ ގުޅުން އެއްކޮށް ކަނޑާލައިފިނަމަ، އެއީ މި ހަނގުރާމައިގައި އީރާނަށް ލިބޭނެ އެންމެ ބޮޑު އިގްތިސާދީ ގެއްލުމަށް ވާނެ އެވެ. އެއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށްވުރެ ވެސް ބޮޑު ގެއްލުމަކަށް ވެދާނެ އެވެ.

ސަބަބަކީ އީރާނަށް ބޭރު ފައިސާ ހޯދުމުގައި ދުބާއީއަކީ މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވުމާއި، ހަނގުރާމައިގެ ތެރޭގައިވެސް އީރާނަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމަކީ ޔޫއޭއީ ކަމަށްވާތީ އެވެ.

ހަގީގަތުގައި މި ހަނގުރާމައިގައި އީރާނުގެ ފަރާތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީވެސް ޔޫއޭއީ އެވެ. އަދި އެ ގައުމަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވާލި "އަބްރަހަމް އެކޯޑްސް" ގައި ސޮއިކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

ލެންކަސްޓާ ޔުނިވަރސިޓީގެ ޕްރޮފެސަރު ސައިމަން މޭބަން ވިދާޅުވި ގޮތުގައި، ޔޫއޭއީގެ މި ނިންމުމަކީ އީރާނުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ތަޖުރިބާއާއި، އެމެރިކާއާއި އިސްރާއީލާއެކު އޮތް ގާތް ސަލާމަތީ ގުޅުމުގެ ނަތީޖާ އެވެ. އޭނާ ވިދާޅުވީ އެމިރޭޓްސްގެ ރައްޔިތުން ތިބީ އީރާނުދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ. ނަމަވެސް ސައުދީ، ގަތަރު ނުވަތަ އޮމާނުން ޔޫއޭއީގެ މި ފިޔަވަޅުތަކަށް ތަބާވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ފިއްތުންތަކަށް އީރާނުން ދޭނެ ރައްދަކާ މެދުވެރިވެސް ސުވާލު އުފެދެ އެވެ. މުހައްލިލުން ބުނާ ގޮތުގައި އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން އެމެރިކާ ބޭނުންވާ ނަތީޖާ ނުލިބިދާނެ އެވެ.

ޕާސީ ވިދާޅުވީ، އީރާނުގެ އާދައަކީ އަމާންދިނުމުގެ ބަދަލުގައި ހަމަލާތައް ވަރުގަދަކުރުން ކަމަށެވެ. އެހެންކަމުން، އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވާން ފަށައިފިނަމަ، އީރާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެންމެ ގާތް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ގަތަރު ފަދަ އަވަށްޓެރި ގައުމުތަކަށް އޮތް ބޮޑު ބިރެކެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ގަތަރުގެ އެލްއެންޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) މަސައްކަތްތަކަށް ހަމަލާ އަމާޒުވުމުން އެ ގައުމަށް މިހާރުވެސް ވަނީ އިގްތިސާދީ ގެއްލުންތަކާ ކުރިމަތިވެފަ އެވެ. ތެޔޮ އެކްސްޕޯޓްކުރަން އެހެން މަގުތައް ހުރި ނަމަވެސް، ގޭހާއި ކެމިކަލްގެ ބާވަތްތައް އެހެން މަގުތަކުން އުފުލުމަކީ އުނދަގޫ ކަމެކެވެ.

މީގެ އިތުރުން، ގަތަރަކީ ސުލްހައިގެ މަޝްވަރާތަކުގައި އެހީތެރިވާ ގައުމަކަށް ވުމާއި، އީރާނާއެކު ގުދުރަތީ ގޭހުގެ ބޮޑު ސަރަހައްދެއް ހިއްސާކުރާ ގައުމަކަށް ވާތީ، އީރާނާއެކު ގުޅުން ބޭއްވުމަކީ ގަތަރަށް މުހިންމު ކަމެކެވެ.

އޮމާނުންވެސް އީރާނު އެކަހެރިކުރަން ބޭނުންނުވާ ސަބަބުތަކެއް އެބަހުއްޓެވެ. އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރެވެނީ ދެ ފަރާތާއެކުވެސް ގުޅުން އޮވެގެންނެވެ. އަދި ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނުން ދަނީ އީރާނާއެކު ސީދާ މަޝްވަރާ ކުރަމުންނެވެ.

ގަތަރުގެ ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ ރިސާޗްގެ ރާޝިދު އަލް މުހައްނަދު ވިދާޅުވީ، އޮމާންގެ ފޮރިން މިނިސްޓަރު ދާދިފަހުން ތެހެރާނަށް ކުރެއްވި ޒިޔާރަތުން އެނގެނީ، ދެ ފަރާތް އަލުން ސިޔާސީ މަޝްވަރާގެ މަގަށް ގެނައުމަށް މެދުވެރިން ބޭނުންވާ ކަމެވެ.

ސައުދީ އަރަބިއްޔާއިން ގެންގުޅެނީ ތަފާތު ސިޔާސަތެކެވެ. އެ ގައުމުން މަޝްވަރާތަކުގައި ބައިވެރިނުވި ނަމަވެސް، އީރާނަށް އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވަން ބޭނުމެއް ނުވެ އެވެ.

ޕްރޮފެސަރު މޭބަން ވިދާޅުވީ، މީގެ ދިހަ އަހަރު ކުރިން ނަމަ ސައުދީން އެމެރިކާއާއި ޔޫއޭއީގެ ފަހަތުން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅީސް ކަމަށެވެ. ނަމަވެސް މިހާރު ސައުދީގެ ޝަރުތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމެވެ. އެކަމަށް އިސްރާއީލުން އިންކާރު ކުރެ އެވެ. އަދި ސައުދީން މިހާރު ބޭނުންވަނީ ހަމައެކަނި އެމެރިކާއަށް ބަރޯސާނުވެ، ސަލާމަތީ ގުޅުންތައް ފުޅާކުރުމަށެވެ. މިގޮތުން މި މަހު އެ ގައުމުން ވަނީ ޕާކިސްތާނާއި ތުރުކީއާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ފާއިތުވި އަހަރުތަކުގައި އީރާނާއެކު އޮތް ގުޅުން ރަނގަޅުކުރައްވާފަ އެވެ. 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ވަނީ އަލުން ސިޔާސީ ގުޅުން ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން، އީރާނަކީ ބަލިކަށި ގައުމަކަށް ހަދަން ސައުދީން ބޭނުންވި ނަމަވެސް، އީރާނުގެ ސަރުކާރު ވެއްޓިއްޖެނަމަ އެ ސަރަހައްދަށް އަތުވެދާނެ ސަލާމަތީގޮތުން ނުރައްކާތެރި ހާލަތަކަށް ސައުދީން ބިރުގަނެ އެވެ. އަދި އެމެރިކާގެ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ، އީރާނުގެ ނުވަތަ ހޫޘީންގެ ހަމަލާތައް ސައުދީއަށް އަމާޒުވުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަކީ ސަރަހައްދީ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް ދެ ފަރާތުންވެސް އެކަމަށް ތައްޔާރެއް ނޫނެވެ.

މީގެ ސަބަބުން ގަލްފުގެ ގައުމުތައް ވަނީ ސަލާމަތްވާން އުނދަގޫ މަޅިއެއްގައި ބެދިފަ އެވެ. އެމެރިކާގެ އިގްތިސާދީ ފިއްތުންތަކަށް އެއްބާރުލުން ދިނުމަކީ މިސައިލް ހަމަލާތަކަށްވުރެ ރަނގަޅު ގޮތް ކަމަށް ފެނުނު ނަމަވެސް، އޭގެ ސަބަބުން އީރާނުގެ ހަމަލާތައް އަލުން ގަލްފުގެ ގައުމުތަކަށް އަމާޒުވުމުގެ ބިރު އެބައޮތެވެ.

އެހެންކަމުން، ގަލްފުގެ ގައުމުތަކުން އިސްކަންދޭނީ ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލުގައި މަޝްވަރާއާއި ސިޔާސީ ހައްލެއް ހޯދުމަށެވެ. ސަބަބަކީ އިތުރު ފިއްތުންތަކަކީ އީރާނުގެ ފަރާތުން ކުރިމަތިވާނެ ނުތަނަވަސްކަމުގެ ދޮރަކަށް ވެދާނެތީ އެވެ.

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
25 އޯގަސްޓު 2026

އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް

25 އޯގަސްޓު 2026
އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް
25 އޯގަސްޓު 2026

ޓްރަމްޕްގެ ބާރު ދެއްކުމުގެ ފަލްސަފާ- ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި

25 އޯގަސްޓު 2026
ޓްރަމްޕްގެ ބާރު ދެއްކުމުގެ ފަލްސަފާ- ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި
25 އޯގަސްޓު 2026

އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް

25 އޯގަސްޓު 2026
އީރާން ކުޑަ ކަކޫ ޖައްސުވާނަން، އެވަރަށް ކަރު ފިއްތާލައި ނޭވާ ހޮޅި އަށް އަޅުވާލާނަން: ބެސެންޓް
25 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި

25 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާ އިން "އިކޮނޮމިކް އައުޓްކާސްޓް" ކެމްޕެއިން ފަށައިފި
25 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް

25 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް ދަށް، ހޯމަ ދުވަހު ދަތުރު ކުރީ އެންމެ އުޅަނދެއް
24 އޯގަސްޓު 2026

ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

24 އޯގަސްޓު 2026
ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
24 އޯގަސްޓު 2026

ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ

24 އޯގަސްޓު 2026
ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ
23 އޯގަސްޓު 2026

އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް