އީރާނުން ބުނީ އެމެރިކާއިން ބުނާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، ނާކާމިޔާބުވާނީ އެމެރިކާއަށް ކަމަށް
25 އޯގަސްޓު 2026 | އަންގާރަ 09:01އެމެރިކާއިން އީރާނާ ދެކޮޅަށް "އިގްތިސާދީ ވަރުގަދަ ހަމަލާއެއް" އިއުލާނުކޮށް، އެ ގައުމާ މާލީ ގުޅުން ބާއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައި. ނަމަވެސް އީރާނުން ބުނީ މި ފިޔަވަޅުތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ޗައިނާ ފަދަ ބައިވެރިންގެ އެހީތެރިކަމާއެކު އެމެރިކާގެ ރޭވުންތައް ނާކާމިޔާބު ކޮށްލާނެ ކަމަށް

ތެހެރާންގެ ވިޔަފާރިކުރާ މައި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަޖްރިޝް ބާޒާރުން އާންމުން ވިޔަފާރިކުރަނީ | ގެޓީ އިމޭޖަސް
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމާ ގުޅިގެން، އެކަމަށް "ފުރިހަމައަށް ތައްޔާރުވެފައިވާ" ކަމަށް އީރާނުން ބުނެފި އެވެ.
ދުނިޔޭގެ އިގްތިސާދުން އީރާނު އެކަހެރިކުރުމަށްޓަކައި، އެމެރިކާއިން އީރާނާ ދެކޮޅަށް "އިގްތިސާދީ ފަނާކުރަނިވި ހަމަލާއެއް" ނުވަތަ "އިކޮނޮމިކް ޑީ-ޑޭ" އެއް އިއުލާނުކޮށްފައިވީ ނަމަވެސް، އެ ފިޔަވަޅުތަކާ ކުރިމަތިލުމުގެ ގާބިލުކަން އެބަހުރި ކަމަށް އީރާނުން ވަނީ ހާމަކޮށްފަ އެވެ.
އީރާނުގެ އިގްތިސާދީ ވަޒީރު އަލީ މަދަނީޒާދޭ ވިދާޅުވީ، އެމެރިކާގެ މި ފިޔަވަޅުތަކަށް ތެހެރާން އޮތީ "ފުރިހަމައަށް ތައްޔާރުވެ" ކަމަށާއި، މީގެ ނަތީޖާއަކަށް ވާނީ އެމެރިކާއަށް "އަނެއްކާވެސް ނާކާމިޔާބީއާ" ކުރިމަތިލާން ޖެހުން ކަމަށެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އައު ފިޔަވަޅުތަކެއް އިއުލާނުކުރައްވަމުން ވިދާޅުވީ، އީރާނާއެކު މާލީ ގޮތުން ގުޅުން ބާއްވާ ކޮންމެ ގައުމެއް ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިކުރާނެ ކަމަށެވެ. އަދި އީރާނާއެކު މުއާމަލާތްކުރާ ބޭންކުތަކާއި ވިޔަފާރިތަކުން އެ ގައުމާ ގުޅުން ކަނޑާނުލައިފިނަމަ، އެ ފަރާތްތަކުން ވެސް އީރާނެކޭ އެއްފަދައިން އެކަހެރިވުމުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ބެސެންޓް ސިފަކުރެއްވި ގޮތުގައި މިއީ އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާ "އެންމެ ވަރުގަދަ މާލީ ހަމަލާ" އެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ކަރުގައި މަޅި ބާރުވެ، އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ބަންދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިންގެ ތެރޭގައި ޗައިނާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ. މީގެ ތެރެއިން ޔޫއޭއީން ވަނީ އީރާނާއެކު ކުރާ ހުރިހާ ވިޔަފާރިއަކާއި މާލީ މުއާމަލާތްތަކެއް ހުއްޓާލިކަން މިދިޔަ ހަފުތާގައި އިއުލާނުކޮށްފަ އެވެ.
ނަމަވެސް އެމެރިކާގެ މި އިއުލާނަށް ކުޑަވަގުތުކޮޅެއް ވީތަނާ އީރާނުން ބުނީ، އެ ގައުމުގެ ވިޔަފާރި ބައިވެރިން އީރާނާއެކު ކުރިއަށްދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ވަޒީރު މަދަނީޒާދޭ ވިދާޅުވީ ޗައިނާ އާއި ރަޝިޔާއިން ވެސް އެމެރިކާގެ މި ފިޔަވަޅުތައް ގަބޫލުކޮށްފައި ނުވާ ކަމަށާއި، އެހެން ގައުމުތަކުން ވެސް މިކަމާ ދެކޮޅު ހަދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މިފަދަ ކަންކަން މެނޭޖުކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް. އަދި މިކަމަށްޓަކައި ދެ އަހަރު ދުވަހުގެ ޕްލޭނެއް އެބައޮތް،" ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން މަދަނީޒާދޭ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ތެހެރާނުން މިފަދަ ކަމަކަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް އީރާނުގެ އަމިއްލަ އުސޫލުތަކާއި ވަސީލަތްތައް އެބަހުރި ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބިރުދެއްކުމުގެ ސިޔާސަތަކީ އެއްވެސް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޗައިނާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ބެއިޖިންގްއިން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އީރާނުން ވަނީ ހަނގުރާމަ ކުރިއަށްދާނަމަ އެ ސަރަހައްދުން ބޭރުކުރާ ހުރިހާ ތެލެއް އެކްސްޕޯޓްކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ސަރުކާރުން ވަނީ ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ދަތުރު ނުކުރުމަށް އުޅަނދުފަހަރަށް އައު އިންޒާރެއް ވެސް ދީފަ އެވެ.
ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ އީރާނުގެ ދެކުނުގައި އޮންނަ މި ހަނި ކަނޑުއޮޅިންނެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ މި މަގު ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި ހިންގާ ހަރަކާތާ ބެހޭގޮތުން ވާހަކަދައްކަވަމުން ބެސެންޓް ވިދާޅުވީ، އީރާނުގެ ބައިނަލްއަގުވާމީ މާލީ ގުޅުންތަކާ ދެކޮޅަށް އެމެރިކާއިން "އިގްތިސާދީ ވަރުގަދަ ހަމަލާއެއް" ފަށާފައިވާ ކަމަށެވެ.
"އީރާނަށް މިހާރު އޮތީ ވަރަށް ސާފު ދެ ގޮތެއް. އެއީ މުޅި ދުނިޔެއިން އެކަހެރިވުން، ނޫނީ ބައިނަލްއަގުވާމީ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި އާންމު ހާލަތަށް ރުޖޫއަވުން،" އޭނާ ވިދާޅުވި އެވެ.
ޓްރެޜަރީ ސެކްރެޓަރީ އިތުރަށް ވިދާޅުވީ، އެމެރިކާއިން މިހާރު އީރާނުގެ ނުރައްކާ މެނޭޖުކުރުމުގެ ބަދަލުގައި މަސައްކަތް ކުރަމުންދަނީ އެ ނުރައްކާ އެއްކޮށް ނައްތާލުމަށް ކަމަށެވެ.
ބެސެންޓް ވިދާޅުވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެގެން ތެލުގެ ވިޔަފާރިކުރުމަށް އީރާނުން ބޭނުންކުރާ މާލީ ވިއުގަތަކާއި، އެހީތެރިވާ ފަރާތްތައް ޓްރެޜަރީން ވަނީ ދެނެގަނެފަ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި ފަސް ދާއިރާއަކާ ދެކޮޅަށް މިހާރު ވަނީ ފިޔަވަޅު އަޅާފަ އެވެ. އެއީ ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ޝިޕިންގް ދާއިރާ އެވެ. މީގެ އިތުރުން 60 އާ ގާތްކުރާ އަދަދެއްގެ ކުންފުނިތަކާއި، ފަރުދުންނާއި އުޅަނދުފަހަރަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އީރާނަށް އެހީތެރިވާ ނުވަތަ ވިޔަފާރިކުރާ ސަރުކާރުތަކާއި އިދާރާތަކަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެފަދަ އަމަލުތަކަށް މަގުފަހިކޮށްދެނީ ނޭނގި ތިބެ ކަމަށް ބުނެ އެ ފަރާތްތަކަށް ރެކެވެން ނޯންނާނެ ކަމަށެވެ.
ވަކި ގައުމުތަކެއްގެ ނަން ހާމަކުރަން އޭނާ އިންކާރު ކުރެއްވި ނަމަވެސް، އީރާނުގެ ސަރުކާރާއެކު ބާއްވާ ގުޅުންތައް ހުއްޓާލުމަށް އެދިވަޑައިގެން ރައީސް ޓްރަމްޕް ދުނިޔޭގެ ލީޑަރުންނަށް ފޯނުން ގުޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައު ފިޔަވަޅުތައް ދެނެގަތުމަށް މީހުންނަށް ވަގުތު ދިނުން މުހިންމު ކަމަށް ވިދާޅުވި ނަމަވެސް، ބެސެންޓް ވިދާޅުވީ އެމެރިކާއިން މިކަމުގައި ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށާއި، މިއީ ވަރަށް ސީރިއަސް ކަމެއްކަން އެންމެން ވެސް ދަންނަންޖެހޭނެ ކަމަށެވެ.
'އުންމީދުކުރި ވަރުގެ ނަތީޖާއެއް ނުފެންނާނެ'
ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް ކްލައިމެޓް އެންޑް ކޮމޮޑިޓީސް އިކޮނޮމިސްޓް ޑޭވިޑް އޮކްސްލީ ވަނީ މި ފިޔަވަޅުތަކުގެ ނަތީޖާއާމެދު ސުވާލު އުފައްދާފަ އެވެ.
އޭނާ ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިން މިހާރުވެސް އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވާފައިވާތީ، މި "އިކޮނޮމިކް ޑީ-ޑޭ" ގެ ސަބަބުން އީރާނުގެ ހަކަތައިގެ އާމްދަނީއަށް ކުރާނެ ސީދާ އަސަރު ވަރަށް ކުޑަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި މި އައު ފިޔަވަޅުތަކުގެ ސަބަބުން ކުރު މުއްދަތެއްގައި އީރާނުގެ ހަކަތައިގެ ވިޔަފާރިއަށް ކުރާނީ ވަރަށް ކުޑަ އަސަރެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި އެއް ސަބަބަކީ އީރާނުގެ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ އެކްސްޕޯޓްކުރަނީ ޗައިނާއަށް ކަމަށް ވުމެވެ. ޗައިނާއަކީ މީގެ ކުރިން ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ގަބޫލުކުރި ގައުމެއް ނޫން ކަމަށާއި، މިފަހަރު ވެސް އެ ގައުމުން ފަސްޖެހޭނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ތެރޭގައި މީގެ ކުރިން ވެސް އެކި އިންޒާރުތައް ދީފައިވެ އެވެ. އެގޮތުން، އީރާނުން ހަނގުރާމަ ހުއްޓާލައި ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްނުވެއްޖެނަމަ، "މުޅި ތަހުޒީބެއް އެކުގައި މިރޭ ނެތިގެންދާނެ" ކަމަށް މިދިޔަ އޭޕްރިލް މަހު ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، ޑިޕްލޮމެސީގެ ބޭނުން ހިފުމަށް ބާރުއެޅުމުން އެމެރިކާއިން ވަނީ އެ ނިންމުމުގެ ވާހަކަދެއްކުން ހުއްޓާލަފަ އެވެ.
މަސްދަރު: ބީބީސީ










