ޔޫރަޕުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން އިންޒާރާ ގުޅިގެން ގްރީސް އޮތީ އެލާޓުގައި، ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
24 އޯގަސްޓު 2026 | ހޯމަ 07:17ކަތިމެރީނީ ނޫހުގައި ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ އީރާންގެ އިސް ބައެއް އޮފިޝަލުން ޔޫރަޕުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނޭ ކަމަށް ބުނެ، އިންޒާރު ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި. މި ހަފުތާ އިން ފެށިގެން ގްރީސްގެ ޑިފެންސް މިނިސްޓްރީ އާއި، ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެލާޓަށް އައިސްފައިވާއިރު، ބިރުވެރިކަމުގެ ދަރަޖަ ބަލައި މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރިޕޯޓުގައިވޭ


އެމެރިކާގެ އަސްކަރިއްޔާގެ އެއަރ ޑިފެންސް އާޓިލަރީ ސިފައިން "ޕެޓްރިއަޓް މިސައިލް ސިސްޓަމް" އެއް ހަރުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަނީ | ރޮއިޓާސް
ގްރީސްގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ ގޮތުން ކާޕަތޯސް ރަށުން ޕެޓްރިއޮޓް މިސައިލް ބެޓަރީއެއް ކްރީޓްގައި ހުންނަ ސޫދާ ނޭވަލް ބޭސް އަށް ބަދަލުކުރަމުން އަންނަ ކަމަށް ގްރީސްގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ.
ކަތިމެރީނީ ނޫހުގައި ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ އީރާންގެ އިސް ބައެއް އޮފިޝަލުން ޔޫރަޕުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނޭ ކަމަށް ބުނެ، އިންޒާރު ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެވެ. މި ހަފުތާ އިން ފެށިގެން ގްރީސްގެ ޑިފެންސް މިނިސްޓްރީ އާއި ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެލާޓަށް އައިސްފައިވާއިރު، ބިރުވެރިކަމުގެ ދަރަޖަ ބަލައި މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރިޕޯޓުގައިވެ އެވެ.
މި ބެޓަރީ އާއި އޭގެ އިކުއިޕްމަންޓާއި މުވައްޒަފުން، ކާޕަތޯސް އިން ފެށިގެން ދިޔައީ އަލިކަމުގައި ކަމަށާއި ގަޑިއިރުތަކެއްގެ ތެރޭގައި ސޫދާ ސަރަހައްދުގައި މަސައްކަތް ކުރަން ފަށާނެ ކަމަށް ކަތިމެރީނީ އިން ބުނެފައިވެ އެވެ. މި ނިޒާމު ކާޕަތޯސް އަށް ބަދަލުކުރީ މާޗު މަހު، އެތެންސްގެ ފްލައިޓް އިންފޮމޭޝަން ސަރަހައްދުގެ ހުރިހާ ސެކްޓަރަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބޮޑު ޕްލޭނެއްގެ ބައެއްގެ ގޮތުގައި އެވެ.
މި ބަދަލު ގެނައީ އީރާންގެ ހަތިޔާރު ނިޒާމާ ގުޅިގެން އެތެންސްގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ. އީރާންގެ ކިބައިގައި އަދިވެސް ދެހާސް ކިލޯމީޓަރަށް ވުރެ ދުރަށް ދެވޭނެ ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތައް ހުރިކަން ޤައުމުތަކުންް ދެނެގަތުމުން، ޔޫރަޕުގެ ޤައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައި އެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ޔަންބޫގައި ބެހެއްޓިފައިވާ ގްރީސްގެ ޕެޓްރިއޮޓް ޔުނިޓް އިތުރަށް ބެހެއްޓުމާއި ނުވަތަ އެނބުރި ގްރީސް އަށް ގެންދިޔުމާ ގުޅޭ ގޮތުން ގްރީސްގެ ޑިފެންސް މިނިސްޓްރީ އިން ވިސްނަމުން އަންނަ ކަމަށް ކަތިމެރީނީ އިން ރިޕޯޓު ކޮށްފައިވެ އެވެ.
އެ ޔުނިޓް އެނބުރި ގްރީސް އަށް ގެންދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުގައިވެ އެވެ. އެމެރިކާ އިން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، މި ޔުނިޓުން ސައުދީ އަރަބިއްޔާގެ ހުޅަނގުގައި ހުންނަ އެނާޖީ ފެސިލިޓީތަކަށް އީރާން އާއި ޔަމަނުގެ ހޫޘީން ފޮނުވާފައިވާ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވާފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










