އިރާން: ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް ހަނގުރާމަކުރަން ތައްޔާރު
24 އޯގަސްޓު 2026 | ހޯމަ 16:20ކުރިއަށް އޮތް ޖީލުތަކުގައި ވެސް ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވައި، ދުޝްމަނުންގެ ކޮންމެ އުދުވާނަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމުގެ އިންޒާރު އަސްކަރީ ކޮމާންޑަރު ވަނީ ދެއްވާފައި

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް، މޭޖަރ ޖެނެރަލް އަމީރު ޙާތަމީ | ގެޓީ އިމޭޖަސް
އިރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް ވިދާޅުވީ، ދުޝްމަނުންނާއި ބޭރުގެ ބާރުތަކުން އެ ގައުމުގެ ސިފަ ބަދަލުކޮށްލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކުގައި ވެސް ހަނގުރާމަކުރުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އިރާނުގެ ފަސްގަނޑަށް އެއްވެސް ގެއްލުމެއް ދިނުމުގެ ފުރުސަތު ދުޝްމަނުންނަށް ނުދޭނެކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވި އެވެ.
ހޯމަ ދުވަހު އިރާނުގެ ހުޅަނގު އުތުރުގެ މުގައްދަސް ރަށެއް ކަމަށްވާ މަޝްހަދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، ކުރިއަށް އޮތް 10 ޖީލު ނުވަތަ 20 ޖީލަށް ވެސް އެ ގައުމުން ހަނގުރާމަކުރާނެ ކަމަށާއި، އިރާނުގެ ބާރު ކަނޑުވާލުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދުޝްމަނުން ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެކަން އެ ފަރާތްތަކަށް ވިސްނައިދެވޭނެ ހަމައެކަނި ގޮތަކީ ބާރުގެ ބޭނުންކުރުން ކަމަށެވެ.
އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެންމެ ފަހުން ކުރި އުދުވާނީ ހަނގުރާމައިގައި ދުޝްމަނުންގެ މަގްސަދުތައް ހާސިލުނުވި ނަމަވެސް، އެމެރިކާ އާއި އިސްރާއީލް އިސްވެ އޮވެ އިރާނާ ދެކޮޅަށް ރާވަމުންދާ ރޭވުންތަކާއި ފިތުނަތައް ހުއްޓާނުލާކަން ހާތަމީ ފާހަގަކުރެއްވި އެވެ.
އިރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް ވިދާޅުވީ، އިރާނަކީ ދުޝްމަނުންގެ ރޭވުންތަކާއި ނުރައްކާތެރި ކަންކަން ތަޖުރިބާކުރާ ތަނަކަށް ނުވާނެކަން އެ ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށެވެ.
ދުޝްމަނުން ކުރު މުއްދަތަށާއި ދިގު މުއްދަތަށް ރާވަމުންދާ ކަންކަން އިރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ހާތަމީ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިސްލާމީ އަގީދާގެ މަތީގައި ތިބި، ތަޖުރިބާކާރު އަދި ތައްޔާރީ ހާލަތުގައި އޮތް އިރާނުގެ އަސްކަރިއްޔާއަށް އެ ގައުމުގެ މާތް ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި، ކުރިމަތިވާ ކޮންމެ އުދުވާނަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމުގެ މިނިވަންކަމާއި، ސަރަހައްދީ އިސްތިގުލާލާއި، ސަލާމަތްތެރިކަން ފުރިހަމަ ބާރާއެކު ދިފާއުކުރާނެ ކަމަށް ވެސް އެންމެ މަތީ ކޮމާންޑަރު ވިދާޅުވި އެވެ.
ހާތަމީ އިތުރަށް ވިދާޅުވީ، ދުޝްމަނުން ބަލިކޮށް، އެމީހުންގެ އަނގަޔަށް ނުހަނު ހިތި ބަލިވުމެއްގެ ރަހަ ދައްކަންޖެހޭ ކަމަށެވެ. އަދި އިރާނަކީ އެމީހުން ބޭނުންހާ ގޮތަކަށް އަރައިގަނެ، ގައުމުގެ ޗާޓު ބަދަލުކޮށްލަން އުޅެވޭނެ ތަނެއް ނޫންކަން ދުޝްމަނުންނަށް ވިސްނޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން ތެހެރާނަށާއި އިރާނުގެ އެހެން ސިޓީތަކަށް ދިން ހަމަލާތަކުގައި، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި މި ހަމަލާތަކުގައި އަސްކަރީ މަރުކަޒުތަކާއި އާންމުންގެ މުހިންމު ވަސީލަތްތައް ވަނީ ހަލާކުކޮށްލާފަ އެވެ.
މި ހަމަލާތަކުގެ ރައްދުގައި އިރާނުން ވަނީ އިސްރާއީލަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.










