އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
22 އޯގަސްޓު 2026 | ހޮނިހިރު 05:49ބަޣާއީ އިތުރަށް ވިދާޅުވީ، އެހެން ޤައުމުތަކުގެ ބޭންކުތަކާއި ކުންފުނިތަކާއި އަދި އެއާޕޯޓުތަކުން ތިން ވަނަ ޤައުމަކާ އެކު ކުރާ ޤާނޫނީ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުމުގެ އެއްވެސް ހައްގެއް އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށް. ކޮންމެ ޤައުމަކީ ވެސް އެ ޤައުމެއްގެ އަމިއްލަ އިހުތިސާސާއި ސިޔާދަތީ ބާރު ހިނގާ ތަނެއްކަން އޭނާ ފާހަގަ ކުރެއްވި


އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ | ރޮއިޓާސް
އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅަމުންދާ އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމައެކަނި އެ ޤައުމާ ދެކޮޅަށް ހިންގާ ޤާނޫނާ ޚިލާފު އަމަލެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ސަރުކާރުތަކާ ދެކޮޅަށް އިއުލާނު ކޮށްފައިވާ "ހަނގުރާމައެއް" ކަމަށް އީރާން އިން ބުނެފި އެވެ.
އީރާންގެ ފާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ އެމެރިކާގެ މި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.
އެމެރިކާ އިން އަލަށް އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބަޣާއީ ވިދާޅުވީ، މިއީ އެކުވެރި ދައުލަތްތައް (އދ)ގެ މެންބަރު މިނިވަން ޤައުމުތަކުގެ މައްޗަށް އެމެރިކާގެ ބާރު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާގެ އިހުތިސާސުން ބޭރުގައި ހުރި ޤައުމުތަކުގެ ސިޔާދަތީ ބާރުތަކަށް އަރައިގަތުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ބަޣާއީ އިތުރަށް ވިދާޅުވީ، އެހެން ޤައުމުތަކުގެ ބޭންކުތަކާއި، ކުންފުނިތަކާއި އަދި އެއާޕޯޓުތަކުން ތިން ވަނަ ޤައުމަކާ އެކު ކުރާ ޤާނޫނީ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުމުގެ އެއްވެސް ހައްގެއް އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށެވެ. ކޮންމެ ޤައުމަކީ ވެސް އެ ޤައުމެއްގެ އަމިއްލަ އިހުތިސާސާއި ސިޔާދަތީ ބާރު ހިނގާ ތަނެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެމެރިކާ އިން އަޅަމުންދާ "ސެކަންޑަރީ ސެންކްޝަންސް" ނުވަތަ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގައި އެއްވެސް އަސާސެއް އޮތް ކަމެއް ނޫން ކަމަށް އީރާން އިން ބުނެ އެވެ. ބަޣާއީ ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅުތަކަކީ. އދ.ގެ ޗާޓަރުގެ ދެ ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ޤައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ސިޔާދަތީ ހަމަހަމަކަމުގެ އަސާސީ އުސޫލާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ.
އިޤްތިސާދީ ގޮތުން މަޖުބޫރު ކުރުވުމަކީ، ބައިނަލްއަޤުވާމީ ކުށެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބަޣާއީ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ކަނޑުގެ މަގުން ހުރަސްތައް ކުރިމަތި ކުރުވުމަކީ އެހެން ޤައުމުތަކުގެ މިނިވަންކަން ނަގާލުން ކަމަށެވެ. އަދި މިއީ އެހެން ބާރެއްގެ ނުފޫޒުގެ ދަށަށް ޤައުމުތަކުގެ ސިޔާދަތީ ބާރުތައް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިފަދަ ބިރު ދެއްކުންތަކަށް ޤައުމުތަކުން ދޫދީފި ނަމަ، އެ ޤައުމުތަކުގެ ގައުމީ ސިޔާދަތު މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު ބަޣާއީ ދެއްވި އެވެ. އޭނާ ވިދާޅުވީ، މިއީ އިސްތިއުމާރީ އަޅުވެތި ކަމުގެ ބިރުވެރި ދުވަސްތަކަށް ދުނިޔެ އަނބުރާ ދިޔުން ފަދަ ކަމެއް ކަމަށެވެ.
އީރާން އިން މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އެމެރިކާ އިން އެ ޤައުމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.










