ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 އޯގަސްޓު 2026 | އަންގާރަ 12:02ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ ބިންތައް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު، އާންމުންގެ ކަންބޮޑުވުންތަކާއި ޕެޓިޝަނަށް ބެލުމެއްނެތި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި. މި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ބިން ވަކިކުރާއިރު އެތަނެއްގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލުދޭންޖެހޭ ގޮތަށް ހިމަނާފައިވީ ނަމަވެސް، މީގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިދާނެތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން


ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުން | ރައްޔިތުންގެ މަޖިލިސް
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބޭރު ކޮށްލުމަށް ގޮވާލައި، ހުށަހަޅާފައިވާ ޕެޓިޝަނަށް ވެސް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ބެލުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިން އެ ބިލު ފާސްކޮށްފި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެރޭ ވަނީ ބާއްވާފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ބައެއް އިސްލާހުތަކާއެކު ވަނީ ފާސްކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން ވަނީ، ކައުންސިލުތަކުގެ އިހުތިސާސުން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.
މެންބަރުގެ އެ ހުށަހެޅުއްވުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު، އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ.
އޭގެ އިތުރުން އެ ގާނޫނުގެ 2-56 ގެ (ލ) ގެ ފަހަތަށް އަކުރެއް ވަނީ އިތުރުކޮށްފަ އެވެ.
މި އިސްލާހުތައް ކޮމިޓީ އިން ފާސްކޮށް، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު މީގެ ކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި އެ ޕެޓިޝަނާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ ޚިޔާލެއް ވެސް ހޯދަން ޕެޓިޝަން ކޮމިޓީން އެދިފައިވާކަން ފާހަގަ ކުރައްވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވަނީ އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، އެއަށް ބެލުމެއްނެތި ބިލުގެ މަސައްކަތް ނިންމައިފި ނަމަ، ޕެޓިޝަންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް ވިދާޅުވެފަ އެވެ.
އެއީ ހަމަޖެހޭކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެއާއެކު މެންބަރު ވަނީ ޕެޓިޝަނަށް ރިއާޔަތް ކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީ އިން އެ ހުށަހެޅުން ވަނީ ބޭރުކޮށްލާފަ އެވެ.
ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލުގެ މަސައްކަތް ކޮމިޓީ އިން ކުރަމުން ދާއިރު އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ އިސްލާހުތަކެއް ވެސް ހުށަހަޅުއްވާފަ އެވެ.
މި ބިލާ ގުޅިގެން އާންމުންނާއި ކައުންސިލްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ އަތްމައްޗަށް ފުރޮޅިގެންދާނެ އެވެ. އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ވެސް ލިބޭނެކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ބައެއް ކައުންސިލްތަކުން ބަޔާންތަކާއި ގަރާރުތައް ވެސް ނެރެފައިވެ އެވެ.










