ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު
23 އޯގަސްޓު 2026 | އާދީއްތަ 04:28ލާމަރުކަޒީ ނިޒާމު އުވާލައި ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގަމުންދާތީ، އެކަމާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖަށް ނުކުންނާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި. މީގެއިތުރުން، ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، ބޭރުގެ އެހީ ހޯދުމުގައި މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި


"އާބާދީ 60" ރަސްމީ ޖަލްސާގެ ތެރެއިން | ތިނަދޫ ސިޓީ ކައުންސިލް
ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅަލަން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީ އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ އަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް ކަމަށާއި، ހުވަދޫ އަތޮޅަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅަށްވީ ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގާނޫނަކަށް ބަދަލު ގެނެސް އަތޮޅުތައް އުވާލައްވާފައިވާ ކަމަށެވެ.
ގާނޫނަށް ބަދަލު ގެނެސް ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރަށް ނެގުމަށް މަސައްކަތް ކުރަމުންދާއިރު، ދިވެހި ރައްޔިތުން ބަލަން ނުތިބޭނެ ކަމަށާއި އިހުތިޖާޖަށް ނުކުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން ވެސް އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަރަށް ރަނގަޅަށް އަޑު އައްސަވާތި، ތިޔަ ބިންތައް ތިނަދޫ ރައްޔިތުން އަތުން، ހުވަދޫ ރައްޔިތުން އަތުން، ތިބޭފުޅާ އަތުލައްވާއިރުގައި މި ރަށްރަށުގެ ތާރީހަށް ވިސްނަވާ، މި ރަށްރަށް ތެދުވަނީ ކިހިނެއް ވީމާތޯ. އިހުތިޖާޖަށް ނުކުމެ ވެރިކަންތައް ބަދަލުކުރަނީ އެ ބޭފުޅުން، އެ ރައްޔިތުން، ކޮން ހާލެއް ޖެހުނީމާތޯ. މިއަދު މައްސަލަ ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމެއް ނެތުމާއި، މާލޭގެ ތިބި ވެރިން މާ ބޮޑަށް އިސްވެ ގަތުން. ރައީސް ޑރ. މުއިއްޒު އަނެއްކާ ތި ފައްކާ ކުރައްވަނީ ރަނގަޅު ބަގާވާތެއް، ދިވެހިރާއްޖެ ރޫޅާލުމަށް ތިބޭފުޅާ މަސައްކަތް ކުރައްވަމުން ތިދަނީމުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ރަށްރަށް ތަރައްގީ ކުރާއިރު ގުދުރަތީ ވަސީލަތްތަކާ އެކު ތަރައްގީ ހޯދޭނެ ކަމަށެވެ. އަދި ފަރުތަކާއި ގޮނޑުދޮށްތައް ހަލާކުނުކުރުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައި އެވެ.
މީގެއިތުރުން، ޑޮލަރުގެ ދަތިކަމަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ ކޮންމެ ދުވަހަކު 10 ލާރިން ބޮޑުވަމުން ކަމަށެވެ. ޑޮލަރުގެ އަގު 30 ރުފިޔާއާ ހަމައަށް އަރައިގެން ގޮސް "ހައިޕަރ އިންފްލޭޝަން" އައީމަ ދެން އެ ވާހަކަ ނުދައްކާ ހުއްޓަސް، އެކަން ނުވާ ކަމަކަށް ނުހެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރެއް މި ބަދަލުވެގެން އަންނަނީ ކުރީ ސަރުކާރު ކަމުނުދިޔާމައި، އައު ބަޔަކަށް ކަންކަން ހަވާލުކޮށް އެކަންކަން ރަނގަޅު ކުރުމަށް، ސަރުކާރަށް ވަޑައިގަންނަވަމުން ވިދާޅުވި ތިމަންނާމެން ފެހި ސިގްނަލްއެއް، އެތަންމިތާ ފެހި ސިގްނަލް ދިއްލިފައި އޮތް ވާހަކަ، އެންމެ ފަހުން އައި ޝެއިހް ބަލާލިއިރުގާ އޭނާއަކީ ޝޭހެއް ނޫން. ދެން ފައިސާއެއް ލިބޭނެ ހަމަ އެއްގޮތެއް ނެތްމުހައްމަދު ނަޝީދު
މި ސަރުކާރަށް ބޭރުގެ އެހީ ނުހޯދޭކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގައި ހުރި ހުރިހާ އެއްޗެއް ވިއްކައިގެން އެއް ބިލިއަން ޑޮލަރު ދެއްކި އިރު، ރާއްޖޭގައި ޑޮލަރު ލިބެން ނެތް ކަމަށެވެ. އަދި މިއަދު ޑޮލަރު ލިބެން ހުރީ 22.75 ރުފިޔާއަށް ކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.










