ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026 | އާދީއްތަ 10:44ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި. މި ބަދަލާއެކު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އުސޫލުން ޓެކްސް ނަގަން ފެށުމުން، ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ ބޭރުގެ ވިޔަފާރިތަކުން ދޭ އިންބައުންޑް ޓޫރިޒަމް ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ލިބޭނެ މަގު ފަހިވާނެ


ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު | ރައްޔިތުންގެ މަޖިލިސް
ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޕީއެންސީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރީ މުޅި މަޖިލީހުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީން ވަނީ އެ ބިލަށް އިތުރު އިސްލާހެއް ނުގެނެސް އެ އޮތްގޮތަށް ފާސްކޮށްފަ އެވެ.
އާދިއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން، ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމް ވަނީ އެ ބިލަށް ތިން އިސްލާހެއް ހުށަހަޅުއްވާފަ އެވެ.
އެގޮތުން މެންބަރު ވަނީ ބިލުގެ ނުވަ ވަނަ މާއްދާގެ 15 ވަނަ ނަންބަރަށް އަކުރެއް އިތުރުކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. އަދި ބިލުގެ ތިން ވަނަ މާއްދާގެ ފަހަތަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތުގެ މާނަ އިތުރަށް ތަފްސީލުކުރަން މާއްދާއެއް އިތުރުކުރައްވަން ހުށަހަޅުއްވާފައިވާއިރު އެކަމުގެ ތަފްސީލުގައި ވަނީ ހިދުމަތުގެ ގޮތުގައި ބުނެފައިވާ މުދަލުގެ ގޮތުގައި ނުހިމެނޭ އެންމެހާ ކަންކަން، (ށ) މި މާއްދާގައި އެހެން ބަޔާންކޮށްފައިވިޔަސް ހިދުމަތުގެ ތެރޭގައި ފައިސާ ނުހިމެނޭނެ ކަމަށެވެ.
ތިން ވަނަ އިސްލާހުގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ އިންބައުންޑް ޓޫރިޒަމްގެ ހިދުމަތް ފޯރުވައިދޭ މީހުންގެ މައުލޫމާތު ހިމެނޭ 26 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރެއްވުމަށެވެ. އެގޮތުން އިންބައުންޑް ޓޫރިޒަމްގެ ހިދުމަތް ފޯރުވައިދޭ ފަރާތްތަކުގެ ތެރޭގައި މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް އެފަދައިން ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމަށްޓަކައި ބޭނުންވާ މައުލޫމާތު އެ ފަރާތުގައި ހުރި ނަމަ، އެ މައުލޫމާތު ހުށަހަޅަން މީރާއަށް އެންގިދާނެ ކަމަށް ބަޔާން ކުރައްވާފައިވެ އެވެ.
އާދިއްތަ ދުވަހު މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ އެ ތިން އިސްލާހާއެކުގަ އެވެ. އެގޮތުން 54 މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކުރިއިރު ބިލާ ދެކޮޅަށް 2 މެންބަރުން ވޯޓު ދެއްވި އެވެ.
އެ ބިލުގައި ވަނީ ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފަ އެވެ. އަދި ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ހުށަހަޅާ ކަމަށެވެ.
މި ބިލުގެ މައިގަނޑު މަގުސަދެއް ކަމަށް ބުނެފައި ވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްސް ނެގުމުގައި ބޭނުންކުރާ ’ޑެސްޓިނޭޝަން ޕްރިންސިޕަލް‘ ރާއްޖޭގައި ތަންފީޒުކުރުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. މީގެ މާނައަކީ ހިދުމަތް ލިބިގަންނަ ނުވަތަ ބޭނުންކުރާ ގައުމުގައި އެ ހިދުމަތަކުން ޓެކްސް ނެގުމެވެ.
މި ބިލުގައި ވަނީ ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފަ އެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުން ކަން ވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ހިމަނައި، ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވެސް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފަ އެވެ.











