އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 އޯގަސްޓު 2026 | އާދީއްތަ 06:03ޕެޒެޝްކިއާން މިހެން ވިދާޅުވެފައި ވަނީ، އާދީއްތަ ދުވަހު ޓެލެވިޝަން މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި. އެ ބަސްދީގަތުމުގައި ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، ޤައުމުގެ އިޤްތިސާދަށް ވަރަށް ބޮޑު މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، ސަރުކާރުން އެކަމާ ލަދު ގަންނަ ކަމަށް


އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް
އީރާން މިވަގުތު އޮތީ ފުރިހަމަ އިޤްތިސާދީ، އަސްކަރީ އަދީ ސަލާމަތީ ހަނގުރާމައެއްގެ ތެރޭގައި ކަމަށް އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.
ޕެޒެޝްކިއާން މިހެން ވިދާޅުވެފައި ވަނީ، އާދީއްތަ ދުވަހު ޓެލެވިޝަން މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އެވެ. އެ ބަސްދީގަތުމުގައި ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، ޤައުމުގެ އިޤްތިސާދަށް ވަރަށް ބޮޑު މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، ސަރުކާރުން އެކަމާ ލަދު ގަންނަ ކަމަށެވެ.
އެމެރިކާާ އިން ކުރިމަތި ކޮށްފައިވާ ދަތިކުރުންތަކާއި އީރާންއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިސާދު މިވަގުތު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެއާ އެކު ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އީރާންއާ ދެކޮޅަށް އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، އެއްވެސް އިންސާފެއް އަދި ހަމަހަމަ ކަމެއް ނެތް ހަނގުރާމައާ ކުރިމަތިލައި، އީރާންގެ ރައްޔިތުންނަށް ޚިދުމަތް ކުރުމާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ޕެޒެޝްކިއާން މިހެން ވިދާޅުވެފައިވާއިރު، އީރާންގެ ތެލުގެ ވިޔަފާރި އާއި ބޭންކިންގެ ދާއިރާ އަށް އެމެރިކާ އިން ކުރިމަތިކޮށްފައިވާ ދަތިކުރުންތަކުގެ ސަބަބުން އެ ޤައުމު އޮތީ ނުރައްކާތެރި ހާލަތެއްގައި އެވެ.
އީރާންގެ ރައްޔިތުން މިހާރު ކުރިމަތިލަމުން ދަނީ އުފެއްދުންތެރިކަމުގެ އަގުތައް އުފުލުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުމާއި، އަދި ޤައުމީ ފައިސާގެ އަގު ދަށްވުން ފަދަ ބޮޑެތި ދަތިތަކާ އެވެ. ސަރުކާރުން ވަނީ މި ހާލަތު ރަނގަޅު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނެފައި އެވެ.
ބައިނަލްއަޤުވާމީ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އީރާން އާއި އެމެރިކާއާ ދެމެދު ގުޅުން ރަނގަޅު ނުވާ ހިނދެއްގައި އީރާންގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަކީ ވަރަށް ދަތި ކަމަކަށް ވާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










