އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ފަސިންޖަރެއްގެ ލެޕްޓޮޕެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި
22 އޯގަސްޓު 2026 | ހޮނިހިރު 11:57އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ލެޕްޓޮޕް ބެޓެރީ ހޫނުވެ އަލިފާން ރޯވުމާ ގުޅިގެން ބޯޓު ކުއްލި ހާލަތުގައި ޖައްސައިފި. މި ހާދިސާގައި ބައެއް މީހުންނަށް އަނިޔާވެފައިވާއިރު، ލިތިއަމް ބެޓެރީގެ ސަބަބުން ކުރިމަތިވާ މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ ސަމާލުވުމަށް އޭވިއޭޝަން އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި

ޑަލަސް-ފޯޓް ވޯތު އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް | ގެޓީ އިމޭޖަސް
އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ފަސިންޖަރެއްގެ ލެޕްޓޮޕެއްގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
ސީބީއެސް ނިއުސްއަށް ލިބިފައިވާ އޯޑިއޯ ރެކޯޑިންތަކުން އެނގޭ ގޮތުގައި، ބޯޓުގެ ޕައިލެޓް ވަނީ "ބޯޓުގެ ފަހަތުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ" ކަމަށާއި، "ފްލައިޓް އެޓެންޑެންޓުން މިހާރު އެ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަމުންދާ" ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ރިޕޯޓްކޮށްފަ އެވެ.
ޕައިލެޓް އިތުރަށް ބުނެފައިވަނީ، ލެޕްޓޮޕްގައި ރޯވުމުގެ ސަބަބުން ހަތަރު ވަރަކަށް ނުވަތަ ފަސް ފަސިންޖަރަކު ފިިހިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެ ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.
ޖޯޖިއާގެ އެޓްލާންޓާއިން ފުރައިގެން ޓެކްސަސްގެ ޑަލަސް ފޯޓް ވޯތު އިންޓަނޭޝަނަލް އެއާޕޯޓަށް ހުކުރު ދުވަހު ޖެއްސި އެމެރިކަން އެއާލައިންސްގެ ފްލައިޓް ގެ ފަސިންޖަރަކަށް އެއާޕޯޓުން ސިއްހީ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
އެ އެއާލައިނުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ފަސިންޖަރެއްގެ އިލެކްޓްރޯނިކް ސާމާނަކުން ދުން އަރާކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ބޯޓު ރައްކާތެރިކަމާއެކު ޖައްސާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ވަގުތުން ފިޔަވަޅު އަޅައި، ކަންކަން ކޮންޓްރޯލް ކުރުމުގައި ފްލައިޓްގެ ކުރޫއިން ދެއްކި ފަންނީ ހުނަރާއި ހަލުވި މަސައްކަތަށް އެއާލައިނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ބޯޓު ޖެއްސުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބޯޓު ގޭޓާ ހަމައަށް ގެންގޮސްފައިވާއިރު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ ބޯޓު ކައިރިއަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އިންޒާރު ދޭ ގޮތުގައި، ލެޕްޓޮޕް ބެޓެރި ހިމެނޭހެން ލިތިއަމް ބެޓެރިތަކަކީ އެކި ސަބަބުތަކާ ހުރެ މާބޮޑަށް ހޫނުވުމުގެ ފުރުސަތު އޮންނަ އެއްޗެހިތަކެކެވެ. އޭގެ ތެރޭގައި ބެޓެރިއަށް ގެއްލުމެއް ލިބިފައިވުން، މާބޮޑަށް ހޫނުވުން، ފެނުގެ އަސަރު ކުރުން، މާގިނައިރު ޗާޖުކުރުން ނުވަތަ ރަނގަޅަށް ޕެކްކޮށްފައި ނެތުން ހިމެނެ އެވެ.
މި އަހަރުގެ މިހާތަނަށް ވައިގެ ދަތުރުފަތުރުގެ ތެރޭގައި ލިތިއަމް ބެޓެރިއާ ގުޅުންހުރި، ދުން އެރުމާއި އަލިފާން ރޯވުން ނުވަތަ އާދަޔާ ހިލާފަށް ހޫނުވުމުގެ 58 ހާދިސާއެއް އެފްއޭއޭއިން ވަނީ ރެކޯޑްކޮށްފަ އެވެ. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މިފަދަ އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ ބެޓެރި ޕެކްތަކާ ގުޅިގެން ކަމަށްވާއިރު، ލެޕްޓޮޕާ ގުޅުންހުރި 84 ހާދިސާއެއް ވަނީ ހިނގާފަ އެވެ.
އެމެރިކާގެ ރެގިއުލޭޓަރީ އިދާރާއިން ބުނާ ގޮތުގައި، ލިތިއަމް ބެޓެރިތައް އުފުލަންވާނީ ހަމައެކަނި ފަސިންޖަރުން އަތުގައި ބަހައްޓާ "ކެރީ-އޮން" ދަބަސްތަކުގަ އެވެ.
މިދިޔަ މެއި މަހު، މިސްރުން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކުރި އީޒީޖެޓްގެ ފްލައިޓެއްގެ ކާގޯ ހޯލްޑުގައި އޮތް ފަސިންޖަރެއްގެ ދަބަހެއްގައި ޕަވަރު ބޭންކެއް ޗާޖުވަމުން ދަނިކޮށް ފެނުމާ ގުޅިގެން، އެ ފްލައިޓް ވަނީ އިޓަލީގެ ރޯމަށް ޑައިވާޓްކޮށްފަ އެވެ. އެ ފްލައިޓްގެ ދަތުރު ދެން ކުރިއަށް ގެންގޮސްފައިވަނީ ޖެހިގެން އައި ދުވަހު އެވެ.
އިނގިރޭސިވިލާތުގެ އޭވިއޭޝަން ރެގިއުލޭޓަރު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ މުޅި ދުނިޔޭގައި ވެސް ވައިގެ ދަތުރުފަތުރުގައި ޕަވަރ ބޭންކްތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. އަދި ޕޯޓަބަލް ޗާޖަރުތަކަކީ މާބޮޑަށް ހޫނުވުމާއި އަލިފާން ރޯވުމުގެ "ނުރައްކާތެރި ފުރުސަތު" އޮތް އެއްޗެހި ކަމަށްވާތީ، އެކަމަށް އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.









