Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސީހާއި ނޫސްވެރިން

ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

މަސީހުގެ ފާޑުކިޔުން ނޫސްވެރިންނަށް، ހަބަރު ލިޔާ ގޮތް ކަމަކު ނުދިޔަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 09:56
ސިފައިންގެ ފައުޖުތަކުގެ ހާޒިރުގައި މަސީހު ރިޔާސަތުގައި

ސިފައިންގެ ފައުޖުތަކުގެ ހާޒިރުގައި މަސީހު ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ވަރަށް ޑިމޮކްރެޓިކް ބޭފުޅެކެވެ. ތަޖުރިބާގެ ގޮތުން ވަރަށް އުހުގައި އުޅުއްވާ ބޭފުޅެކެވެ. އަދި ވަރަށް އުހުގައި އިށީންދެވަޑައިގެން އިންނަވަން ބޭނުންފުޅުވާ ވެސް ބޭފުޅެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތުން އިތުބާރު ނެތް ކަމަށް ބުނީމާ ވެސް ގޮނޑީގައި އެ އިންނަވަނީ އެވެ. އަޣްލަބިއްޔަތުން ބޭނުމެއް ނޫނޭ ގޮވާއިރު ވެސް ޖަލްސާއެއް ކުރިއަށް ގެންގޮސް ނިންމާލެވުމަކީ ވަރަށް ގަޓު ކަމެކޭ ހިތްޕުޅަށް އަރަނީ ތޯއްޗެވެ. މަޖިލިސް ރައީސްގެ މަގާމުގައި މަސީހު ހުންނެވުމަށް މުޅި ދައުލަތް މިދަނީ ގުރުބާން ކުރަމުންނެވެ. ރައްޔިތުންގެ ބާރު ކަނޑުވާލައި، އެ ފުށް މިފުށަށް ގާނޫނު އަސާސީ ބާބަކިއު ހައްދަވަނީ އެވެ. ސިފައިންގެ ފައުޖުތަކާ ނުލައި ގޮނޑިއެއްގައި އިންނެވެނީއެއް ނޫނެވެ. މިވަރުން ވެސް މަސީހުގެ އަމާޒު ހުރީ އުސް ޓަވަރެއްގެ މަތީގައި އިންނަވައިގެން ވިޔަސް ގޮނޑީގައި އިންނެވުމަށެވެ. މަސީހަށް ވާ ސާބަހެވެ.

މަސީހަށް މުޅި ގައުމުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މަސީހަށް ގޯސްވީ ނޫސްވެރިންނެވެ. ނޫސްވެރިން އަމިއްލައަށް މަޝްހޫރުވާން، އެކްޓް ކުރަނީ އެވެ. ނޫސްވެރިން ރޯ ނުބައިކޮށް ހަބަރު ލިޔަނީ އެވެ. ނޫސްވެރިން މަސީހު ބޭނުންފުޅުނުވާ ގޮތަށް ހަބަރު ނުލިޔަނީ އެވެ. ނޫސްވެރިން މިއީ ހާދަހާ ގޯސް ބައެކެވެ. ހަބަރަކީ ކޮބައި ހެއްޔެވެ؟ ހަބަރަކީ މަސީހު ބޭނުންވާ ގޮތަށް ފޮޅުވަތެއް އަޅާލުމަށް ވެސް ވެދާނެ އެވެ. ނޫސްވެރިން ދަންނަންވީ ކަމަކީ ހަބަރަކީ މަސީހު ބޭނުންފުޅުވާ ގޮތަށް ހަމައެކަނި ލިޔެވޭ އެއްޗެކެވެ. ހަބަރަކީ ކޮބައިކަން ނޭނގޭ ނޫސްވެރިން ވޮށުފިލާ ހިފައިގެން މަސީހު އެދުރުގެއަށް ދާން ފަށަންވީ އެވެ. ސިފައިންގެ ހުއްދަ ހޯދައިގެން ޓަވަރަށް ދަރިވަރުވާން ދާންވީ އެވެ. ޑިމޮކްރަސީއާއި ހަބަރުގެ ދާއިރާއިން ޔުނިވާސިޓީ އޮފް 10 ފޫޓުން އުނގެނެންވީ އެވެ.

މަސީހު މިފަހަކުން ވަނީ ނޫސްވެރިންނާ މެދު ހިތުގައި އޮތް ޖަޒުބާތުތައް ބަންޑުން ކޮށްލައްވާފަ އެވެ. ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުން "ފޭކް ނިއުސް" ފަތުރާ ދެ ސަބަބެއް އޮންނަ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ ހަބަރު ރައްދުވާ ފަރާތައް ދެރައެއް ދިނުމަށާއި މަޝްހޫރު މީހަކާ ބެހޭ ގޮތުން ހަގީގަތް ނެތް ހަބަރެއް ޖަހައިގެން ނޫސްވެރިޔާ އަމިއްލައަށް މަޝްހޫރުވުމަށް ކަމަށެވެ. އެހެން ނަމަވެސް ވާހަކަ ހަދައިގެން ދެއްކުމާއި ތަމްސީލްކުޅުންފަދަ ކަންކަން ހަވާލުކޮށްފައި ވަނީ ފިލްމް އިންޑަސްޓްރީއާ ކަމަށާއި ނަމަވެސް އެކަން މިހާރު ރާއްޖޭގައި ކުރަނީ މީޑިއާތަކުގައި އުޅޭ މީހުން ކަމަށް ވެސް މަސީހު ވިދާޅުވި އެވެ. އަދި އެއީ ޑިމޮކްރަސީއާ މުޅިން ދެކޮޅު އެ ނިޒާމް ފުޑުފުޑުކޮށްލުމުގެ މަސައްކަތެއް ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

މަސީހު ޑިމޮކްރަސީގެ ވާހަކަ ދެއްކެވީމާ ބަޔަކު ބަނޑުވަތަށް ތިބެ ހީގެންފާނެ އެވެ.ޑިމޮކްރަސީގެ އުސޫލަކީ އަޣްލަބިއްޔަތުން ކަންކަން ނިންމުމެވެ. އިންތިހާބީ މަގާމުތަކަށް ހޮވޭނީ އަދި ތިބެވޭނީ ވެސް ތާއީދު އޮވެގެންނެވެ. ސައީދަކަށް ވިޔަސް ގައްޔޫމަކަށް އަދި މަސީހަކަސް މިއީ ޑިމޮކްރަސީގެ އުސޫލު އޮތް ގޮތެވެ. ތާއީދު ނެތް މީސްމީހުން ޑައްލަޕް ލައިގެން ގޮނޑިތަކުގައި ތަތްވެގެން ތިބުމަކީ ޑިމޮކްރަސީ ދަންނަ އުސޫލެއް ނޫނެވެ. ފަހަރުގައި މިކަމަކީ ބައެއް މީސްމީހުން ގަބޫލުކުރަން ބޭނުންނުވާ އުސޫލަކަށް ވެދާނެ އެވެ. މަޖިލިސް ނިޒާމުން ބޭރުން ހިންގެވުން އެއީ ޑިމޮކްރަސީ އާލާކުރުމެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ގެލިގެންގެންދާއިރު، ދެން އަތްޖަހަން ތިބުމަކީ ވެސް ޑިމޮކްރަސީ އެވެ. ތާއީދު ނެތޭ އަޣްލަބިއްޔަތުން ބުނީމަ ވެސް، ގޮނޑިއަށް ވެޑުވިގަނެގެން އިނުމަކީ ޑިމޮކްރަސީ އެވެ. ޑިމޮކްރަސީ މިއީ މިހާ ސަޅި އެއްޗެއްކަން މި އެނގުނީ އަދި ކިރިޔާ އެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޕީޗްތަކާއި ޓްވީޓްތައް މާގިނައިން ބައްލަވަނީ ކަމަށް ވެދާނެ އެވެ. ފޭކް ނިއުސް، ފޭކް ނިއުސް ފޭކް ނިއުސް އެވެ.

ނޫސްވެރިން ތަމްސީލު ކުޅޭ ވާހަކަ މަސީހު ދެއްކެވިއިރު، އަމިއްލަފުޅު ހާލާ މެދު ހަމަ ވިސްނާވެސް ނުލަނީ ތޯ އެވެ؟ ރައީސް އޮފީހުން ބިލް އަންނަ އިރަށް، ކޮމެޓީއަށް ގަޑިއެއްހާއިރު ދީފައި، މެންބަރުންނަށް އޭގައި އޮތް އެއްޗެއް ކިޔާ ވެސް ނުލެވިގެން އުޅެނިކޮށް ވޯޓަށް އަހާއިރު، މި ފިލްމަށް އެވޯޑް ހައްގު ނުވޭތޯ އެވެ؟ މިއީ ކާކަށް އޮޅުވާލަން ކުރައްވާ ކަމެއްތޯ އެވެ؟ އެންމެންނަށް މިވާގޮތް އެބަ އެނގެ އެވެ. މަސީހެވެ. އެތެރޭގައި ކެކެމުން ދިޔަ އަލިފާންގަނޑު ޖަޒުބާތުގައި ހުންނަވައިގެން ބޭރުކޮށްލައްވާއިރު، ވިދާޅުވެވޭ އެއްޗަކާ މެދު ވިސްނާލުން ރަނގަޅުވާނެ އެވެ.

ސައްހަ ހަބަރު ވަރަށް ބައިވަރު އެބަ ހުރި ކަމަށް ވިދާޅުވެ މަސީހު ސުވާލުތަކެއް ކުރެއްވި އެވެ. ދެން ކީއް ކުރަންތޯ އިތުރު ރަހަތައް ގެނެސް ތަޣައްޔަރު ކުރަނީ؟ ބްރިޖު އަޅާ ވާހަކައެއް ވެއްޖެއާ ބްރިޖު އަޅައޭ ލިޔުނީމަ ނިމުނީ ނޫންތޯ؟ ބުރިޖު މަތިން ދެވޭނެއޭ އެތަނުގެ ކައިވެނި ކުރެވޭނޭ ލިޔުނީމަ ނިމުނީ ނޫންތޯ؟

މަސީހު ބޭނުންފުޅެވެގެން އެ އުޅުއްވާ ވަތްތަރުގެ ހަބަރުގެ މިސާލެއް ކިޔައިދޭނަމެވެ. މާލެ އަތޮޅުގައި ފަޅެއް ހިއްކުމުގެ މަސައްކަތް އެބަކުރެ އެވެ. މި ފަޅު ހިއްކުމުގެ ސަބަބުން އިތުރު 500 ފަތުރުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ. އިގްތިސާދަށް އިތުރު ފައިސާ ވަންނާނެ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ އެވެ. މިހާ ހިސާބުން ހަބަރު ނިންމާލާށެވެ. ދެން އިތުރަށް އެއީ ކާކަށް ދިން ފަޅެއްތޯއާއި، އެ ފަޅުގެ އިކުއިޒިޝަން ކޯސްޓް ދެއްކިތޯއާއި، އީއައިއޭ ހެދި ތޯ ބަލާނެ ކަމެއް ނެތެވެ. އަދި އެތަނުގައި ރިސޯޓް ހަދައިގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ ވަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށްތޯ ނުވަތަ އަޅަނީ ކަނޑަށްތޯ ވެސް ބަލާނެ ކަމެއް ނެތެވެ. މިއީ ޑިމޮކްރަސީއެއްގެ ހަބަރުގައި ހިމަނަންޖެހޭ އެއްޗެއްސެއް ނޫނެވެ. ފަޅު ދިނުމުގައި ހިންގާފައި އޮތް ކޮރަޕްޝަނުގެ ވާހަކަ ލިޔެފިއްޔާ ވާނީ ދޮގު ހަބަރަކަށެވެ. ނޫސްވެރިންނެވެ. ފޮތް ދަބަހާއި ފަރުގާލު ފޮށި ހިފައިގެން ކިޔަވަންދާން ތައްޔާރުވާށެވެ. ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

މަސީހަށް ވެސް އެނގެންވީ ހަގީގަތަކީ، މިއީ ރައީސް އޮފީހުން ނެރޭ ނޫސްބަޔާން ހަމައެކަނި ލިޔުނު ޒަމާން ނޫން ކަމެވެ. ވެރިން ކުރާ ވައްކަންތަކާއި ހިންގާ ކޮރަޕްޝަން ލިޔަން ނުކެރިގެން އުޅުނު ޒަމާން ވެސް ނޫން ކަމަށެވެ. ލޯކުރިމަތީގައި ހިންގާ ޖަރީމާތައް، ނުފެންނަ ކަމަށް ހެދިގެން، އިވޭ އަޑުތައް ނީވޭ ކަމަށް ހެދިގެން ތިބި ޒަމާން ވެސް ނޫން ކަމަށެވެ. އަތްފައި ބުރިކޮށް، ގޯންޏަށް އަޅައި ކަނޑު ފެއްތިޔަސް މި ޖީލުގެ ނޫސްވެރިން ނުހުއްޓުވޭނެކަން މަސީހަށް މާބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. މަސީހު ފަދަ ބާރުގެ ބޭނުންފުޅު ނާޖާއިޒު ގޮތުގައި ހިއްޕަވާ ބޭފުޅުން ކުރައްވާ ކަންތައްތައް ރައްޔިތުންނަށް އަންގައިދޭން ނޫސްވެރިން ތިބޭނެ އެވެ. ހަޖަމު ނުވަންޏާ ރައީސް ޔާމީން ވިދާޅުވި ފަދައިން ޑައިޖީން ބޭނުން ކުރައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

08 އޮކްޓޯބަރު 2019
ލިބުނު މެޖޯރިޓީއަކީ އަމާނާތެއް، އިންތިޚާބުން ދަސްވީ ފިލާވަޅުތަކެއް

ލިބުނު މެޖޯރިޓީއަކީ އަމާނާތެއް، އިންތިޚާބުން ދަސްވީ ފިލާވަޅުތަކެއް

09 އެޕްރީލު 2019
އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

17 ޖެނުއަރީ 2019
ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

09 ޑިސެމްބަރު 2018
ފެންބޮޑުވުން: ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ

ފެންބޮޑުވުން: ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ

06 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު