އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
21 އޯގަސްޓު 2026 | ހުކުރު 03:37އެމެރިކާއިން އީރާނާ ދެކޮޅަށް އެޅި އިގްތިސާދީ ދަތިކުރުމުގެ އައު ފިޔަވަޅުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ފިޔަވަޅުތަކަކީ އީރާނުގެ ރައްޔިތުން ކުޑަކަކޫ ޖެއްސުމަށް އެމެރިކާއާއި އިސްރާއީލުން ކުރާ ނާކާމިޔާބު މަސައްކަތެއް ކަމަށާއި، ގައުމީ ސިޔާދަތު ދިފާއުކުރުމުގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވޭ

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވިތާ 40 ދުވަސް ފުރުން ފާހަގަކުރުމަށް، 2026 އޮގަސްޓް 18 ވަނަ ދުވަހު ތެހެރާންގެ އިމާމް ޚުމައިނީ މުސައްލާ މިސްކިތަށް ގިނަ އަދަދެއްގެ ބަޔަކު އެއްވަމުން ދިޔައިރު، އެ ސަރަހައްދުގައި ކުރަހާފައިވާ އަލީ ޚާމަނާއީގެ ގްރެފިޓީ ކުރެހުމެއް ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަން ނިންމި އިގްތިސާދީ ދަތިކުރުމުގެ އާ ފިޔަވަޅުތައް އީރާނުގެ ފޮރިން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ "އިގްތިސާދީ ޓެރަރިޒަމް" އަދި "އިންސާނިއްޔަތާ ހިލާފު ޖަރީމާ" ތަކެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1953 ވަނަ އަހަރު އީރާނަށް ގެނައި ބަޣާވާތުގެ އަހަރީ ދުވަހާ ދިމާކޮށް އެމެރިކާ ސަރުކާރުން އިއުލާނުކުރި މި ފިޔަވަޅުތަކުން ހާމަވަނީ، އެމެރިކާއިން އީރާނުގެ ރައްޔިތުންނާ މެދު އެތައް އަހަރެއް ވަންދެން ގެންގުޅެމުންދާ ދުޝްމަންކަން ދެމިއޮތް މިންވަރު ކަމަށެވެ.
"އެމެރިކާގެ ދަތިކުރުމުގެ އައު ފިޔަވަޅުތަކަކީ އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އީރާނުގެ ރައްޔިތުންނާ މެދު 73 އަހަރު ވަންދެން ގެންގުޅެމުންދާ ދުޝްމަންކަން ދެމިއޮތްކަމުގެ ހެއްކެއް އެކަންޏެއް ނޫން. މިއީ އެމެރިކާ ސަރުކާރުގެ އިންސާނިއްޔަތާ ހިލާފު، ގާނޫނާ ހިލާފު އަދި ނުފޫޒު ފޯރުވުމުގެ ސިޔާސަތު ހާމަކޮށްދޭ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ބުދަ ދުވަހު ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް "އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް" އަޅާނެކަން އިއުލާނު ކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ތެހެރާނަށް މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ "އިގްތިސާދީ ހަނގުރާމައަކާއި އެކަހެރިކަމަކާ" ކުރިމަތިލާން ޖެހޭނެ އެވެ. މީގެ އިތުރުން އީރާނާއެކު ވިޔަފާރީގެ މުއާމަލާތްކުރާ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
މި އިންޒާރުތައް އައިސްފައިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލުނުވެ ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އަދި ބައިނަލްއަގުވާމީ އުސޫލުތަކާ ވޮޝިންޓަނުން ހިލާފުވަމުންދާތީ އެ މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
"ޝައްކެއްވެސް ނެތް ގޮތުގައި، އީރާނުގެ ކޮންމެ ރައްޔިތެއްގެ އަސާސީ އިންސާނީ ހައްގުތަކަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ހިލާފު ޖަރީމާ' ތަކެއް،" މިނިސްޓްރީން ބުންޏެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް އަދަބު ދޭންޖެހޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ، ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި އުދުވާނުތަކުންވެސް، އީރާނުގެ ރައްޔިތުން އެމީހުންގެ "ޣައިރު ގާނޫނީ އަދި އިންސާނިއްޔަތާ ހިލާފު އެދުންތަކަށް" ކުޑަކަކޫ ޖެއްސުމުގައި ނާކާމިޔާބުވުމާ ގުޅިގެންނެވެ.
މި ބަޔާނުގައި ބުނެފައިވަނީ، މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާފައިވާ އަމަލުތަކުގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރުވުން ފިޔަވައި، އީރާނުގެ މިނިވަންކަމާއި، ކަރާމާތާއި، ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށް އީރާނުގެ ރައްޔިތުން ކަނޑައަޅާފައިވާ އަޒުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
"އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތަކަކީ އަސްކަރީ ހަނގުރާމައާއި އުދުވާނުގެ އަނެއް ފަރާތް،" މިނިސްޓްރީން ބުންޏެވެ. އަދި ވޮޝިންޓަނުން މި ދެ ސިޔާސަތަށް ބަރޯސާވުމުގެ ސަބަބުން ދުނިޔޭގެ ސުލްހައާއި ސަލާމަތް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އދ. ގެ ޗާޓަރުގެ އުސޫލުތަކަށް، ހާއްސަކޮށް ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރުމަށް ތާއީދުކުރާ ގައުމުތަކުން، ބައިނަލްއަގުވާމީ އަސާސީ އުސޫލުތަކާ އެމެރިކާއިން ތަކުރާރުކޮށް ހިލާފުވަމުންދާ ދިއުމާ މެދު ހަނު ނުތިބުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.
މިނިސްޓްރީން އިތުރަށް ސިފަކުރި ގޮތުގައި، މި އާ ފިޔަވަޅުތަކަކީ މީގެ ކުރިންވެސް ތަޖުރިބާކޮށް ނާކާމިޔާބުވެފައިވާ ސިޔާސަތެއްގެ ކުރިއެރުވުމެކެވެ.
"މި ސިޔާސަތަކީ މީގެ ކުރިންވެސް ބޭނުންކޮށް ނާކާމިޔާބުވެފައިވާ ސިޔާސަތެއް. މިއީ އަލުން ތަޖުރިބާކުރުމުން ކުރީގެ ނާކާމިޔާބީތައް ތަކުރާރުވުން ނޫން ކަމެއް ނުވާނެ. އަދި މީގެ ސަބަބުން މިކަން ރޭވި އަދި ތަންފީޒުކުރި ފަރާތްތައް އިތުރަށް ބަދުނާމުވުން ނޫން ކަމެއް ނުވާނެ،" ބަޔާނުގައިވެ އެވެ.
އެމެރިކާގެ އަސްކަރީ، އިގްތިސާދީ، ސިޔާސީ އަދި ނަފްސާނީ ފިއްތުންތަކާ ދެކޮޅަށް އީރާނުގެ ގައުމީ ސަލާމަތާއި މަސްލަހަތު ދިފާއުކުރުމުގައި އެ ގައުމު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އިސްލާމީ ޖުމްހޫރިއްޔާ އީރާނުން، އެ ގައުމުގެ އާދަޔާ ހިލާފު ގައުމީ ގާބިލުކަމަށް ބަރޯސާވެ، އެމެރިކާގެ ފިއްތުންތަކާއި، ނުފޫޒު ފޯރުވުމާއި، އަސްކަރީ އުދުވާނާއި، އަދި އީރާނާ ދެކޮޅަށް ހިންގާ ދައުލަތުގެ ޓެރަރިޒަމާ ދެކޮޅަށް ހަތް ދިހަ އަހަރު ވަންދެން ކުރި ވަރުގަދަ މަސައްކަތަށް ރިއާޔަތްކޮށް، އެމެރިކާ-އިސްރާއީލު ދުޝްމަނުންގެ ހަމަލާތަކަށް ރައްދުދީ އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ލިބެންހުރި ހުރިހާ ވަސީލަތްތަކާއި ގާބިލުކަމެއްގެ ބޭނުން ހިފާނެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.










