އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް
21 އޯގަސްޓު 2026 | ހުކުރު 03:21މެދުއިރުމަތީގައި ހަރަކާތްތެރިވާ "ޔޫއެއްއެސް އެބްރަހަމް ލިންކަން" މަނަވަރުގެ ހާލަތު ގޯސްވެ، ސިފައިންނަށް ދަތިތަކާ ކުރިމަތިވުމާ ގުޅިގެން އެމެރިކާއިން އައު މަނަވަރެއް އެ ސަރަހައްދަށް ފޮނުވައިފި. ޕެސިފިކް ސަރަހައްދު ދޫކޮށް "ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން" މެދުއިރުމައްޗަށް އައުމާއެކު، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވެ ޗައިނާއަށް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވޭ

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން (ސީވީއެން 73) އަރަބި ކަނޑު ހުރަސްކުރަމުންދާއިރު، އެ މަނަވަރުގެ ފްލައިޓް ޑެކްގައި އެމެރިކާގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަނީ. އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ސަރަހައްދަށް މިހާރު ވަދެފައިވާ ޖޯޖް ވޮޝިންގޓަން ކެރިއަރ ސްޓްރައިކް ގްރޫޕުން، މެދުއިރުމަތީގައި ކުރިއަށްގެންދާ ތާވަލުކުރެވިފައިވާ ހަރަކާތްތަކުގެ ތެރެއިން މަންޒަރެއް | ސެންޓްކޮމް
އެމެރިކާގެ އައު އެއަރކްރާފްޓް ކެރިއަރ ސްޓްރައިކް ގްރޫޕެއް މެދުއިރުމައްޗަށް އަތުވެއްޖެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ. އައު މަނަވަރެއް މި އައީ މެދުއިރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުންދިޔަ މަނަވަރެއްގެ ހާލަތު ދަށްވުމާ ގުޅިގެން، އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ހަނގުރާމައަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ކަންކަން ބަލަހައްޓާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން" ކެރިއަރ ސްޓްރައިކް ގްރޫޕް އިއްޔެ ސެންޓްކޮމްގެ ސަރަހައްދަށް އައުމަށްފަހު، ތާވަލުކުރެވިފައިވާ ހަރަކާތްތަކުގައި މިހާރު މެދުއިރުމަތީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބަދަލު ގެނެސްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަނަވަރުގައި ހާލަތު ގޯސްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމަ ދިފާއުކުރެއްވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް، މަނަވަރުގެ މި ހާލަތުގެ ސަބަބުން ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އަސްކަރީ ކަންކަމަށް ޚާއްސަ ނޫސްތަކާއި އެހެނިހެން މީޑިއާތަކުން، މަނަވަރުގައި ތިބި ސިފައިންގެ އާއިލާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ލިންކަން މަނަވަރުގައި ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމާއި، ފާޚާނާ ކުރާ ނިޒާމު ހަލާކުވުން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، އެ މަނަވަރުގައި ތިބި ބައެއް ސިފައިން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި ކަންބޮޑުވުންތަކަށް ރައީސް ޓްރަމްޕް މާބޮޑު ސަމާލުކަމެއް ނުދެއްވި ނަމަވެސް، ލިންކަން މަނަވަރުގެ ބަދަލުގައި އެހެން މަނަވަރެއް ފޮނުވާނެކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
މީގެ ކުރިން ޖަޕާނުގައި މަރުކަޒުކޮށްގެން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ "ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން" އެވެ.
މި މަނަވަރު މެދުއިރުމައްޗަށް ބަދަލުކުރުމާއެކު، ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އެއްވެސް އެއަރކްރާފްޓް ކެރިއަރެއް މިހާރު ނެތެވެ. މިއީ އެ ސަރަހައްދުގައި ނުފޫޒު ގަދަކުރަން މަސައްކަތްކުރާ ޗައިނާއަށް ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގައި ބެލެވެ އެވެ.
ލިންކަން މަނަވަރު 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކެލިފޯނިއާއިން ފުރީ ދެކުނު ޗައިނާ ކަނޑުގައި މަސައްކަތް ކުރުމަށެވެ. ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ މަނަވަރުގެ މިސްރާބު މެދުއިރުމައްޗަށް ބަދަލުކުރީ އެވެ.
މަސްދަރު: އޭއެފްޕީ










