މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތެއް ނުވި!
13 އޯގަސްޓު 2026 | ބުރާސްފަތި 07:32ސެންޓަރ އެންޓަޕްރައިސަސްއިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ހުށަހެޅި 168.8 މިލިއަން ރުފިޔާގެ މައްސަލަ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި. މި މައްސަލައަކީ 2006 އިން 2010 އަށް ހިންގި މުއާމަލާތްތަކަކާ ގުޅިގެން ހުށަހެޅި ދައުވާއެއް ނަމަވެސް، އެ ފައިސާ ދައްކަންޖެހޭ ފަދަ ސައްހަ އެގްރިމެންޓެއް އޮތްކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށް ކޯޓުގެ ހުކުމުގައިވޭ. އެހެންކަމުން، އެ ކުންފުނިން އެދިފައިވާ ފައިސާ ދައްކަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި


މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ތެރެއިން | މާލެ ސިޓީ ކައުންސިލް
މީގެ 20 އަހަރު ކުރީގެ ބިލްތަކަށް 168.8 މިލިއަން ރުފިޔާ ހޯދަން ސެންޓަރ އެންޓަޕްރައިސަސް އިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
10 އޮގަސްޓް 2026 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާލޭ މުނިސްޕަލްޓީ) ގެ މައްޗަށް ދައުވާކޮށް، މުދަލުގެ އަގާއި ޖޫރިމަނާގެ ގޮތުގައި އެދިފައިވާ 168,810,432 (ސަތޭކަފަސްދޮޅަސް އަށްމިލިއަން އަށްލައްކަ ދިހަހާސް ހަތަރުސަތޭކަ ތިރީސް ދެ ރުފިޔާ) ސިޓީ ކައުންސިލުން ދައްކަން ނުޖެހޭ ކަމަށެވެ.
މި މައްސަލައަކީ 2006 އިން 2010 އަށް އެ ކުންފުންޏަށް އެވޯޑުކުރި ކޮންޓްރެކްޓްތަކަކާއި މާލޭ މުނިސްޕަލްޓީގެ އިކުއިޕްމަންޓްތަކުގެ ލިޔެކިޔުންތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ގެންދިއުމަށްފަހު، އެ ތަކެތީގެ ފައިސާ ދެއްކިކަން ދައުލަތަށް ބުނެދެވިފައިނުވާތީ މުދަލުގެ ބިލަށްވާ 65,941,575 ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 102,868,057 ރުފިޔާ ހޯދުމަށް ސެންޓަރ އެންޓަޕްރައިސަސްއިން ހުށަހެޅި ދައުވާއެކެވެ.
މި މައްސަލަ ބެއްލެވުމަށްފަހު ގާޒީ ފަރުހާދު ރަޝީދު ކުރެއްވި ހުކުމުގައި ވަނީ، އެ ފައިސާ ދައުވާކުރާ ފަރާތަށް ދައްކަންޖެހޭ އަސާސް ކަމުގައިވާ އެގްރިމެންޓަކީ ކުރެވިފައިވާ ޓެންޑަރެއްގެ މައްޗަށް އެވޯޑު ކުރެވި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓެއްކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ.
އެހެންކަމުން، ސެންޓަރ އެންޓަޕްރައިސަސްއިން ހޯދުމަށް އެދިފައިވާ 168,810,432 ރުފިޔާ ދައުވާލިބޭ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ދައުވާކުރާ ފަރާތަށް ދެއްކުމަށް އަމުރުކޮށްދެވެން ނެތްކަމަށް ކަނޑައަޅައި، މައްސަލަ ވަނީ ނިންމާފަ އެވެ.










