މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރު މުއްތަލިބު އެދިވަޑައިގެންފި
3 އޯގަސްޓު 2026 | ހޯމަ 13:58މާލޭގެ މަގުތައް މަރާމާތުކުރުމުގެ ފަންނީ ގާބިލުކަން ސިޓީ ކައުންސިލުގައި ނެތްއިރު، އުޅަނދުފަހަރުގެ ފީގެ ގޮތުގައި ލިބޭ 150 މިލިއަން ރުފިޔާގެ ބޭނުން އެދެވޭ ގޮތެއްގައި ނުކުރާކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި. މަގުތައް ހަލާކުވުމުން އެތަންތަން ހެދުމުގެ ބުރަ ސަރުކާރުން އުފުލަންޖެހޭތީ، އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންނެވި


ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ | މަޖިލިސް
މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ.
ނަމަވެސް، މަގުތައް ހެދުމާއި މަރާމާތުކުރުމުގެ ޒިންމާ މަތިކޮށްފައި އޮތްއިރު، އެންމެ ކުޑަމިނުން ސަރުކާރުން ތާރުއަޅާފައި ހުންނަ މަގެއް ކަނޑާލުމަށްފަހު އެތަން އަލުން ރަނގަޅުކުރުމުގެ ފަންނީ ގާބިލުކަން ވެސް ކައުންސިލުގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން ސަރުކާރުން ތާރުއަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަދީ، ކަނޑައިލާފައި އެތަން ހަލާކުކޮށްލާފައި ދާއިރުގައި އެތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީއެއް ވެސް ނެތް. އަޅުގަނޑުމެން ދަންނަވައިފިން، އުސޫލު. އަޅުގަނޑުމެން ސްޓޭންޑަޑެއް ހަދާފައި ފޮނުވައިފިން، ކަނޑައިފި ކަމަށް ވަންޏާ ކަނޑަންވާނީ މިހެންނޭ. އެ ތަންތަން މަރާމާތު ކުރަންވާނީ މިގޮތަށޭ. 150 މިލިއަން ރުފިޔާއަށް މަގު މަރާމާތުކުރުން ތާރު ކައްކާފައި އެޅޭނެވަރުގެ ކެޕޭސިޓީ ބިލްޑުނުކުރުމަކީ އަޅުގަނޑަށް ހީވަނީ ކައުންސިލުގެ ޒިންމާ އަދާނުކުރުމުގެ ގޮތުން ކުރާ ކަމެއް އެއީ. އެ ފައިސާ ދަނީ ކޮން ތާކަށްތޯ ބަލަން އެބަޖެހޭ. ސަރުކާރުން މި ޖެހެނީ އަމީނު އަގު ހަލާކުވީމަ، އަމީނުގެ ހަދަން. ބޭރު މަގު ހަލާކުވީމަ ބޭރު މަހު ހަދަން. އަދި ކައުންސިލުން ހުއްދަދީގެން ތަނެއް ކަނޑައިފި ކަމަށް ވެއްޖެއްޔާ އެތަނެއް ހަދަން ވެސް މި ޖެހެނީ އަޅުގަނޑުމެންނަށްޑރ. އަބްދުﷲ މުއްތަލިބު
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލޭގެ ބޮޑެތި މަގުތައް ކަމަށްވާ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ހަލާކުވުމުން އެތަންތަން މަރާމާތުކުރަން ޖެހެނީ ސަރުކާރަށް ކަމަށާއި، ކައުންސިލުން ހުއްދަދީގެން މަގުތައް ކަނޑައި ހަލާކުކުރުމަށްފަހު އެތަންތަން ނުހަދައި ދޫކޮށްލުމުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އަދި މިހާރުވެސް ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގެ ބައެއް ތަންތަން މަރާމާތު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކައުންސިލަށް އެ ފައިސާ ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ ބައި އުނިކޮށް ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމުން މަގުތަކުގެ މަޝްރޫއުތައް މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.










