މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!
5 އޯގަސްޓު 2026 | ބުދަ 10:05ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަން ރުފިޔާ ދިން ކަމަށް ބުނާ މައްސަލަ އޭސީސީން ބެލުމަށް ޕީޖީގައި އެދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި. މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ އޮޑިޓް ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވަނީ، މަސައްކަތް ނުނިމެނީސް ފައިސާ ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ


މާލެ މޭޔަރުކަމުގައި މުއިއްޒު ހުންނެވިއިރުގެ ފޮޓޯއެއް | މާލެ ސިޓީ ކައުންސިލް
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމަށް ކައުންސިލުން ނިންމާފައިވަނީ މިކަމާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކަށް ބަހުސް ކުރުމަށްފަހުގަ އެވެ.
މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
ޒާޔާ ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ޑރ. މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެކުއަޓައިޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ކަމަށެވެ. މި ކުންފުންޏަކީ މާލެ ސިޓީ ކައުންސިލްގެ އޭރުގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަލީ ނަސީރު ގާސިމްގެ ދަރިކަލުން މުހައްމަދު އަސްބާހު އަލީ ނަސީރުގެ ކުންފުންޏެއްކަން ޒާޔާ ފާހަގަކުރެއްވި އެވެ.
މި މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، އެ ފައިސާ ދޫކުރިއިރު މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ ކޮންޓްރޯލް އޮތީ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ. އަދި ހަވާލުކުރި މަސައްކަތް އެއްކޮށް ނުނިމެނީސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދޫކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަސްބާހު އަލީ ނަސީރަށް އެޗްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ދެއްވާފައިވާކަން ޒާޔާ ފާހަގަކުރެއްވި އެވެ.
އަދި އޭނާގެ ބައްޕަ އަލީ ނަސީރު ގާސިމް ކައުންސިލުން ވަކިވެވަޑައިގަތުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ދެއްވާފައިވާ ކަމަށްވެސް ޒާޔާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވަނީ ޑރ. މުއިއްޒުގެ ގާތް ބޭފުޅަކަށްކަން މި ކަންކަމުން ސާބިތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އޭސީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޕީޖީގައި އެދުމަށް ޒާޔާ ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލުން ވަނީ ރިއާޔަތްކޮށްފަ އެވެ. ކައުންސިލުން ނިންމާފައިވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ އޮޑިޓް ކޮމެޓީއަށް ފޮނުވުމަށެވެ. އަދި އެ ކޮމެޓީން މައްސަލަ ބަލައި ނިންމާގޮތެއްގެ މަތިން ކުރިއަށް ދިއުމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.










