ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މިދިޔަ 7 މަސް ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި 120 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ!
11 އޯގަސްޓު 2026 | އަންގާރަ 08:13މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހިންގި 1،100 އަށްވުރެ ގިނަ އޮޕަރޭޝަންގައި 144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 1،700 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި. މި މުއްދަތުގައި ތަހުގީގުކުރި 1،533 މައްސަލައިގެ ތެރެއިން 636 މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު 121 މިލިއަން ރުފިޔާއަށް އަރާ


ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް | ރާއްޖެ އެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި މުޅި ރާއްޖެއިން 121 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ހާމަކުރައްވައިފި އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު މުސްލިމް ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވީ، މި މުއްދަތުގައި މާލޭ އޭރިއާގައި 530 އަށްވުރެ ގިނަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު އަތޮޅުތެރޭގައި 600 އަށްވުރެ ގިނަ އޮޕަރޭޝަން ކުރިއަށް ގެންދެވިފައިވާކަމަށެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން މާލެ ސަރަހައްދުން 760 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އަތޮޅުތެރެއިން ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވިގެން މާލެ ސަރަހައްދުން އެކަނިވެސް 14،000 މީހުން ބަލައިފާސްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މި މުއްދަތުގައި ހިންގި އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުން 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މުޅި ރާއްޖެއިން ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަން އޭނާ ހާމަކުރެއްވި އެވެ. ބަނގުރަލުގެ މައްސަލަތަކަށް ބަލާއިރު ޖުމުލަ 1856 ފުޅި ބަނގުރާ އަތުލައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެކަނި ހިންގި އޮޕަރޭޝަންތަކުގައި 177 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، 845 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 120 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށާއި، ބަނގުރާގެ މަގުމަތީ އަގު 960،000 ރުފިޔާއަށްވުރެ ގިނަ ކަމަށެވެ.
މި މުއްދަތުގައި މާލެ ސަރަހައްދުން 560 މައްސަލައެއް ކޭސްކޮށް ތަހުގީގު ކުރިއަށް ގެންދެވިފައިވާއިރު މުޅި ރާއްޖެއިން ޖުމުލަ 1533 މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން 636 މައްސަލައެއްގައި ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުޅި ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލައިގައި 7300 އަށްވުރެ ގިނަ ތަނެއް ބަލައި ފާސްކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.











